ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ކޮންގްރެސް ޕާޓީއަށް ފިޔަވަޅު ނާޅަން ނިންމައިފި

ކޮންގްރެސް ޕާޓީއާ ގުޅޭ ގޮތުން އީސީއަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް މިއަދު އެ ކޮމިޝަނުން ނިންމައިފި އެވެ.

ކޮންގްރެސް ޕާޓީއާ ގުޅިގެން އީސީއަށް ހުށަހެޅި މައްސަލައެއް ބަލަން އެކުލަވައިލި ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު މިއަދު ބުނީ މައްސަލަ ނިންމީ އާ ގަވައިދުގެ ދަށުން ކޮންގްރެސް ޕާޓީއަށް ފިޔަވަޅު ނާޅަން ކަމަށެވެ.

އިލެކްޝަންސްގެ އެ ކޮމިޓީގައި މައްސަލަ ބެއްލެވި ގާނޫނީ ވަކީލު މަހުފޫޒް ސައީދު މިއަދު ވިދާޅުވީ، ކޮންގްރެސް ޕާޓީ އުފެއްދުމަށް ޕީޕީއެމްގެ މުދަލާއި މެމްބަރުންނާއި ވަސީލަތްތައް ބޭނުންކުރާ މައްސަލަ ބެލި އިރު ސިޔާސީ ޕާޓީތަކުގެ ގަވައިދަށް ގެނައި އިސްލާހު ގެޒެޓު ކޮށްފައިވަނީ ކޮންގްރެސް ޕާޓީ އުފައްދަން ހުއްދަ ދިން ފަހުން ކަމަށް ވާތީ އެ ޕާޓީއަށް ފިޔަވަޅު ނާޅަން ނިންމީ ކަމަށެވެ.

"މި މައްސަލަ ބެލި އިރުގައި ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ގެނައި އިސްލާހާއެކީ ގަވައިދު ގެޒެޓް ކޮށްފައި ވަނީ 24 ޖަނަވަރީ 2019ގައި. އޭގެ ކުރިން ވަނީ ކޮންގްރެސް ޕާޓީ އުފެއްދުމުގެ ހުއްދަ ދީ ޖަލްސާ ބޭއްްވުމުގެ ހުއްދަ ވެސް ދީފައި. އެހެންވީމަ، ފަހުން ގެޒެޓް ކުރި ގަވައިދެއްގެ ދަށުން ކުރިން ހިނގާފައިވާ ކަންތައްތަކާމެދު ފިޔަވަޅު އެޅިދާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

މަހުފޫޒު އިތުރަށް ވިދާޅުވީ، މި ހާލަތަކީ އެ ގަވައިދުގައި ބަޔާން ކޮށްފައި އޮތް ގޮތުގެ މަތިން ކޮންގްރެސް ޕާޓީ އުފެއްދުމަށް ދީފައި އޮތް ހުއްދަ ހިފެހެއްޓިދާނެ ހާލަތެއް ނޫން ކަމަށް ނިންމައި އެ ލަފާ ކޮމިޝަނުގެ މެމްބަރުންނަށް އަރުވާފައިވާ ކަމަށާއި އެ ލަފަޔާ އެއްގޮތަށް އަމަލު ކުރުމަށް މިއަދު މެމްބަރުން ވެސް ނިންމަވާފައިވާ ކަމަށެވެ.

މަހުފޫޒު ވިދާޅުވީ ކޮންގްރެސް ޕާޓީގެ މައްސަލަ ނިންމީ ދެ ފަރާތުގެ ވާހަކަ އަޑު އެއްސެވުމަށް ފަހުގައި ކަމަށާއި ނަމަވެސަް މައްސަލަ ހުށަހެޅި ފަރާތުން އެ މައްސަލަ ސާފު ކުރަން އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.