ހަބަރު

ޖޭޕީ ކެންޑިޑޭޓުން ކަނޑައެޅުމުގެ ބާރު ގާސިމަށް

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައެޅުމުގެ ބާރު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދޭން ކައުންސިލުން ފާސްކޮށްފި އެވެ.

މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް މިރޭ ކުނޫޒުގައި ބޭއްވި އެވެ. އެ ކައުންސިލުންގެ އަގުލަބިއްޔަތުން ފާސްކޮށްފައިވަނީ ކެންޑިޑޭޓުން ކަނޑައަޅާނީ ގާސިމް ކަމަށެވެ.

މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓް ވާދަ ކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލުމުން 97 މީހަކު ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އެއީ 61 ދާއިރާއަކަށެވެ. ނަމަވެސް މިރޭ ގާސިމް ނިންމަވާފައިވަނީ ޖުމްހޫރީ ޕާޓީ ވާދަ ކުރާނީ 35 ދާއިރާއަކަށް ކަމަށެވެ.

ގާސިމް މިރޭ ވަނީ މިހާރު މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ޓިކެޓް ދޭން ނިންމަވާފަ އެވެ. އަދި 12 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ވެސް ޓިކެޓް ދޭން ނިންމާފައިވެ އެވެ.

ދެން ހުރި ދާއިރާތަކާ ގުޅޭ ގޮތުން ދެ ދުވަހެއްގެ ތެރޭގައި ގޮތެއް ނިންމަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެ ޕާޓީގެ ލީޑަޝިޕްގެ ހުރިހާ ބޭފުޅުން ވަނީ މަޖިލީހަށް ވާދަ ކުރެއްވުމަށް ނިންމަވާފަ އެވެ.

ގާސިމް ވިދާޅުވީ ކެންޑިޑޭޓުން ހޮވުމުގައި އެންމެ ބޮޑަށް ބަލާނީ އެ ދާއިރާއެއް ކާމިޔާބު ކުރެވޭނެ ކެންޑިޑޭޓަށް ކަމަށެވެ. އެމީހަކީ އިއްޔެ ޕާޓީއަށް ވަންނަ މީހަކަށް ވިޔަސް މައްސަލައެއް ނެތް ކަމަށެވެ. އޭގެއިތުރުން އެމީހެއްގެ ތައުލީމާއި ތަޖުރިބާއަށް ވެސް ބަލާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއިން 35 ދާއިރާއަށް ވާދަކުރަން ނިންމާފައިވާއިރު، އެމްޑީޕީއިން ވަނީ 86 ދާއިރާއަށް ވާދަ ކުރަން ނިންމާފަ އެވެ. ޖުމްހޫރީ ޕާޓީއިން ބުނާ ގޮތުން އެއީ ކޯލިޝަން އެއްބަސްވުމާ ހިލާފު ކަމެކެވެ. އެހެންވެ، ޖުމްހޫރީ ޕާޓީއިން ވެސް މިހާރު ވަނީ އެމްޑީޕީއިން ވަކިން މަޖިލިސް އިންތިހާބަށް ނުކުތުމަށް ނިންމާފަ އެވެ.

ކޯލިޝަން އެއްބަސްވި ގޮތުން ނަމަ، ޖުމްހޫރީ ޕާޓީ ވާދަ ކުރަން ޖެހޭނީ 22 ދާއިރާއަށެވެ. އެ ޕާޓީގެ އިތުރުން ދެން ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ ނިންމާފައިވަނީ އެއްބަސްވުމާ އެއްގޮތަށް އިންތިހާބަށް ނުކުތުމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ކެންޑިޑޭޓުންތަކެއް ނެރުމަށް ވަނީ ނިންމާފަ އެވެ.