ހަބަރު

އަޅުގަނޑުގެ ދުޝްމަނެއް ނުހުންނާނެ: ގާސިމް

ސިޔާސީ މައިދާނުގައި އެއްވެސް ދުޝްމަނެއް ނުހުންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ ސަރުކާރު ކޯލިޝަނާ ދުރަށްވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު ކޯލިޝަން ހައްދަވަން އުޅުއްވާ ކަމުގެ އަޑުތައް އަރާފައިވަނިކޮށެވެ. ނަމަވެސް އެ ކޯލިޝަން ފެނިގެން ނުދާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ކުނޫޒުގައި އޮތް ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަން ބޭއްވި ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ވަކި މީހަކާއެކު މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުނުވާނެ ކަމަށެވެ. ކުރީގެ ރައީސް ޔާމީން ވިޔަސް ކުރީގެ ރައީސް ނަޝީދު ވިޔަސް އެމަނިކުފާނުގެ "އެނެމީއެއް" ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއިން ނާށިގަނޑު ހިފައިގެން ނުކުންނަން ޖެހުނީ އެމްޑީޕީއިން ކަންތައް ކުރި ގޮތުން ކަމަށާއި އެހެންކަމުން އެ ނާށިގަނޑަށް އެއްޗެއް ވައްޓާލި ބަޔަކާއެކު ކުރިއަށް ދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އެއީ އެމްޑީޕީ ކަމަށް ވެސް ވެދާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ ޕީޕީއެމްއިން ވެސް ޖުމްހޫރީ ޕާޓީއާ ވާހަކަ ދައްކަން ތައްޔާރަށް ތިބި ކަމަށް ބުނެފި ކަމަށާއި ނަމަވެސް އެކަމާ ގުޅިގެން އިތުރު އެއްވެސް މަޝްވަރާއެއް ނުކުރެވޭ ކަމަށެވެ.

"ކޮންމެ މީހަކު ވެސް ބަލާނީ އެމީހަކަށް ރަނގަޅު ގޮތެއް، އެއީ ދީނީ ގޮތުން ނޫނީ ގާނޫނީ ގޮތުން ހުއްދަ ކުރާ ގޮތަށް އެމީހަކު އަބަދުވެސް ވިސްނުން ވިސްނާނެ، އެމީހާއަށް ރަނގަޅުވާނެ ގޮތަށް ނޫނީ މަސައްކަތް ކުރާ މީހަކު އެބަހުރިތޯ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ސިޔާސީ މައިދާނުގައި އެ ބަޔަކަށް ފައިދާ ވާން ގޮތަކަށް އެ ބަޔަކު ދާނެ ކަމަށާއި އެއީ ފާޑުކިޔަން ޖެހޭ އަދި ފާޑު ކިޔައިގެން ވެސް ވާނެ ކަމެއް ނޫނެވެ. ގާސިމް އެހެން ވިދާޅުވީ މިފަހުން އެ ޕާޓީއަށް ގުޅިވަޑައިގަންނަވަމުންދާ ބޭފުޅުންގެ ދިފާއުގަ އެވެ.

"ކޮންމެ ކަމެއްގައި ވެސް ހުންނާނެ ރަނގަޅާއި ނުރަނގަޅު، އެކަމަކު ބަލަން ޖެހޭ ބޮޑަށް ރަނގަޅީ ކޮން ގޮތެއްތޯ، 80 ޕަސެންޓް ރަނގަޅުވާ ގޮތެއް ބަލަން ޖެހޭނީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެކިއެކި ބޭފުޅުން ޖުމްހޫރީ ޕާޓީއަށް ވަޑައިގަންނަވަނީ ސަބަބެއް އޮތުމުން ކަމަށެވެ. އެއީ އެ ބޭފުޅުންނަށް ފުރުސަތު އޮތީ ޖުމްހޫރީ ޕާޓީގައިކަން ޔަގީން ވާތީ ކަމަށް ވިދާޅުވި އެވެ.

"އެ ބޭފުޅުންނަށް ވެސް އެނގޭނެ މިއީ އެންމެ ބޮޑު ޕާޓީ ނޫންކަން، އަދި ސަރުކާރުގެ މައި ޕާޓީ ނޫންކަން ވެސް، މައި ޕާޓީއަކީ އެމްޑީޕީ، އަޅުގަނޑުމެންނަކީ އޭގެ ދެވަނަ، އެހެންނަމަވެސް އެއްވަނަ ޕާޓީއަށް ނުގޮސް ދެވަނަ ޕާޓީއަށް އަންނަނީ ޔަގީންކަން އޮތީމަ، ހިތްހަމަ ޖެހޭތީތާ މި ޕާޓީއަށް އަންނާނީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި އެ ޕާޓީއަށް ނޫނަސް މީހުން ގުޅޭނެ ކަމަށާއި އެގޮތުން މާމިނގިލިން ވެސް އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް ގިނަ ބަޔަކު އެމްޑީޕީއާ ގުޅުނު ކަމަށެވެ. އަނެއްކާ މިހާރު އެމީހުން އެ ޕާޓީއިން ކެނޑެމުންދާ ކަމަށެވެ. ނަމަވެސް އެހެން ޕާޓީތަކުގެ ޖުމްހޫރީ ޕާޓީއިން ނުދައްކާނެ ކަމަށެވެ.

"އިރު އަރާ އޮއްސޭހެން މިއީ ބަދަލުވެގެން ދާނެ ކަންކަން، މިއީ ޒާތީވާން ޖެހޭ ކަމެއް ނޫން، އެމީހަކަށް ރަނގަޅު ގޮތަކަށް އެމީހަކަށް ދާނެ،" ގާސިމް ވިދާޅުވި އެވެ.