ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޖުނައިދާއި އޭނާގެ މަސްލަހަތު އޮންނަ ގްލޯބަލް ލިންކްސް އާއި ހޯދީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މޮރިޝަސް ކޮމާޝަލް ބޭންކުން އުފުލި 2.2 މިލިއަން އެމެރިކާ ޑޮލަރުގެ ދައުވާ ކޯޓްގައި ސާބިތު ނުވާ ކަމަށް ކަމަށް ކަނޑައަޅައި އެ މައްސަލަ ނިންމައިފި އެވެ.
ކުރިން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުކަންވެސް ކުރެއްވި ޖުނައިދަށް މޮރިޝަސް ބޭންކުން އުފުލި އެ ދައުވާ ސާބިތު ނުވާ ކަމަށް ސިވިލް ކޯޓުގައި ނިންމީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހެއްގަ އެވެ.
މި ދައުވާގެ މައްޗަށް ހިންގި ޝަރީއަތުގައި އިންޓްރެސްޓާއެކު ހިމެނޭ 2.6 މިލިއަން އެމެރިކާ ޑޮލަރު މައްސަލަ ޖުނައިދާއި އޭނާގެ ކުންފުނިތަކުގެ ކޮޅަށް ނިމުނު އިރު މީގެ ކުރިން ވެސް އޭނާގެ މައްޗަށް ކުރި އެފަދަ ގިނަ ތުހުމަތުތަކެއްގެ ޝަރުއީ މަރުހަލާގައި އޭނާ ވަނީ ކުރި ހޯއްދަވާފައެވެ.
މިއަދު ނިންމި މައްސަލާގައި ސިވިލް ކޯޓްގެ ގާޒީ އަލީ ނަސީރު އިއްވި ހުކުމުގައި ބުނެފައި ވަނީ މި މައްސަލާގައި ހިމެނޭ ބަޔާންތަކާއި ލިޔެކިޔުންތަކުގެ މައްޗަށް ޝަރީއަތުން ރިޔާއަތްކޮށް ބެލި އިރު މޮރިޝަސް ކޮމާޝަލް ބޭންކުން ލޯން ނަގާ ފަރާތުގެ ހައިސިއްޔަތުން ގްލޯބަލް ލިންކްސް އާއި ކޯޕަރޭޓް ގްރެންޓޯގެ ގެ ހައިސިއްޔަތުން ހޯދީ ޕްރައިވެޓް ލިމެޓެޑާއި ޕާސަނަލް ގްރެންޓޯގެ ހައިސިއްޔަތުން ސ. މީދޫ ކެނެރީ ވިލާ މުހައްމަދު ޖުނައިދުގެ މެދުގައި ޖުލައި 17، 2014 ގައި ސޮއިކޮށްފައިވާ ކަމަށް ބުނެ މޮރިޝަސް ބޭންކުން ހުށަހަޅާފައިވާ އެގްރީމެޓްތަކަށް އެ ފަރާތްތަކުން އިންކާރު ކުރާ ކަމަށެވެ.
އެ އެގްރިމެންޓްތަކާމެދު އެ ފަރާތްތަކުން ޝައްކު އުފައްދާފައިވާތީ އެގްރިމެންޓްތަކާއި ބޭންކު ވެސް ހިމެނޭ ގޮތުން އެގްރިމެންޓްތަކުގައި ބައިވެރިން ހަމައަށް ސޮއިކޮށްފައި ނުވާ އަދި ބޭންކުގެ ސިއްކަ ވެސް ޖަހާފައި ނުވާކަން އެގްރިމެޓްތަކުން އެނގެން އޮތުމާއެކު އެ އެގްރިމެންޓްތަކަކީ އެ ފަރާތްތަކުން ސޮއި ކޮށްފައިވާ ސައްހަ އެގްރިމެންޓް ތަކެއްކަން ޝަރީއަތަށް ސާބިތުވާ ފަދަ ކާފީ ހެއްކެއް ދައުވާ ކުރާ ފަރާތަށް ހުށަހެޅިފައި ނުވާ ކަމަށެވެ.
އެ އެގްރިމެންޓްތަކުގެ ދަށުން އޯވަ ޑްރާފްޓް ފެސިލިޓީއެއްގެ ގޮތުގައިި ގްލޯބަލްލިންކަށް މޮރިޝަސް ކޮމާޝަލް ބޭންކުން ދޫކުރި ކަމަށް ބުނާ 2.2 (އިންޓަރެސްޓާއެކު 2.6 މިލިއަން) އެމެރިކާ ޑޮލަރަކީ ދައުވާ ކުރާ ބޭންކުގެ ފަރާތުން ގްލޯބަލް ލިންކްސް އަށް ދޫކޮށްފައިވާ ފައިސާއެއްކަން އަދި އެ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްގެން ބޭނުންކޮށްފައިވާ ފައިސާއެއްކަން ވެސް ޝަރީއަތަށް ސާބިތުވާނެ ހެއްކެއް މޮރިޝަސް ބޭންކަށް ދެއްކިފައި ނުވާ ކަމަށް ވެސް އެ ހުކުމުގައި ބުނެ އެވެ.
މީގެ އިތުރުން ބުނެފައި ވަނީ އެކަންކަން އެހެން އޮތުމުން މޮރިޝަސް ބޭނުންކުން ގްލޯބަލް ލިންކްސް އާއި ހޯދީ ޕްރައިވެޓް ލިމިޓެޑާއި ޖުނައިދު ގެ މައްޗަށް ކުރި ދައުވާ ޝަރިއަތަށް ސާބިތު ނުވާ ކަމަށް ކަނޑައަޅާ ކަމަށެވެ.