ހަބަރު

ރައީސާއި އާންމުންގެ ހިޔާލު އެއްގޮތް: އާމްދަނީގެ ބައެއް ކައުންސިލަށް ލިބެންޖެހޭ

ލާމަރުކަޒީ ނިޒާމަށް ގެންނަ އިސްލާހުތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްޔިތުން ހިޔާލު ހުށަހަޅައިފި އެވެ. ރައްޔިތުންގެ ހިޔާލު ހޯއްދެއްވުމަށް މިރޭ ރައީސް ސޯލިހު ވަނީ "ޖަޒީރާ ހޮޅުއަށި" ބައްދަލުވުމެއް ބާއްވާފަ އެވެ.

"ޖަޒީރާ ހޮޅުއަށި" ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކައުންސިިލްތަކަކީ ގާނޫނީ ބާރު ލިބިގެން ބާރުވެރިކަމާއެކު ހިދުމަތް ދޭ ތަންތަނަށް ވާން ޖެހޭ ކަމަށެވެ. އެއީ އެމަނިކުފާނުގެ ވައުދެއްކަން ވެސް ފާހަގަ ކުރެއްވި އެވެ. އަސާސީ ހިދުމަތްތަކާއި ތަރައްގީ މަޝްރޫއުތަކުގައި ކައުންސިލްގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށް މިރޭ ރައީސް ވިދާޅުވި އެވެ.

އެހެންކަމުން، މިހާތަނަށް ލާމަރުކަޒީ ނިޒާމުން ރައްޔިތުން ކުރި ތަޖުރިބާ ހިއްސާކޮށް، ގެންނަންވީ ބަދަލުތަކުގެ ހިޔާލުތައް އެމަނިކުފާނަށް ހުށަހެޅުއްވުމަށް ރައީސް ސޯލިހު އެދިވަޑައިގެންނެވި އެވެ. ރައީސް ސޯލިހަށް މިރޭ ހިޔާލު ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ދުވަސްވީ ތަޖުރިބާކާރު ބޭފުޅުންނާއި ޒުވާނުންނާއި އަންހެނުންނާއި ބައެއް ކައުންސިލަރުން ހިމެނެ އެވެ.

އެންމެ ބޮޑަށް ވާހަކަ ދެކެވުނީ ކައުންސިލްތަކަށް އާމްދަނީއެއް ނުލިބޭ މައްސަލައިގަ އެވެ. ބ. މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ހުށަހެޅުއްވީ އަތޮޅަށް ލިބޭ އާމްދަނީގެ 40 ޕަސެންޓް އެ އަތޮޅު ކައުންސިލަށް ލިބޭ ގޮތް ހެދުމަށެވެ. އޭނާ ވިދާޅުވި ގޮތުން އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް އެ އަތޮޅުގެ ރިސޯޓްތަކުން ލިބޭއިރު އޭގެ ޕަސެންޓެއް ލިބިއްޖެނަމަ، ބ. އަތޮޅު ތަރައްގީ ކުރެވޭނެ ކަމަަށެވެ.

މާލޭ ސިޓީ މޭޔަރު ރައީސް ޝިފާ ވެސް އެކަމަށް ތާއީދު ކުރެއްވި އެވެ. އެކަމަނާ ވިދާޅުވި ގޮތުން 30 އަހަރުވީ ކޮމްޕިއުޓަރުތަކެއް ހިފައިގެން މިހާރު ރައްޔިތުންނަށް ހިދުމަތެއް ނުދެވޭނެ އެވެ. ނަމަވެސް ކައުންސިލަށް އާމްދަނީއެއް ނުލިބޭތީ ވަސީލަތްތައް ރަނގަޅު ކުރުމުގެ ފުރުސަތެއް ނޯވެ އެވެ. ނަމަވެސް އާމްދަނީގެ ބައެއް ލިބޭނަމަ އެފަދަ ކަންކަމަށް ހައްލު ލިބި، ރައްޔިތުންނަށް ވެސް ފަސޭހަވެގެން ދާނެ އެވެ.

ޝުޖާއު ވިދާޅުވި ގޮތުން މިހާރު އޮތް ގާނޫނު ވެސް ރަނގަޅެވެ. ކައުންސިލްތަކަށް ބާރުތައް ވެސް އެބަ އޮތެވެ. މައްސަލައަކީ އެ ގާނޫނުގައިވާ ބާރުތައް ތަންފީޒު ކުރާނެ ހިތްވަރެއް ސަރުކާރުގައި ނެތުމެވެ. އަދި ކައުންސިލަރުންނަށް ވެސް އެ ބާރުތައް ނޭނގުމެވެ.

އޭނާ ވަނީ ކައުންސިލަރުންގެ ދައުރު ފަސް އަހަރަށް ދިގު ކުރަން ވެސް ހިޔާލު ހުށަހަޅުއްވާފަ އެވެ. އެހެން ބައެއް ފަރާތްތަކުން ވެސް އެ ހިޔާލު ހުށަހެޅި އެވެ.

ހިޔާލު ފާޅު ކުރެއްވި އެއް ބޭފުޅަކު ވިދާޅުވީ ރައްޔިތުންގެ ބަހެއް ނެތި އެ ރަށެއްގެ ބިންތަކުގެ ބޭނުން ހިފާނެ ގޮތް ނިންމުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ރަށުގައި ތަރައްގީ މަޝްރޫއުއެއް ހިންގިޔަސް އެކަމެއް ހިންގަންވާނީ ކައުންސިލަރުންގެ ބައިވެރިވުން އޮވެގެން، ރައްޔިތުންގެ ބަހަކާއެކު ކަމަށެވެ.

އައްޑޫ މީދޫއަށް ނިސްބަތްވާ އަހުމަދު ޝާމިރު ބުނި ގިތުގައި ލާމަރުކަޒީ ގާނޫނަށް ބަދަލުތައް ގެންނަން ޖެހެ އެވެ. ކައުންސިލްތަކަށް އޮތް ބާރަކީ ކޮބައިކަން އެނގެ ޖެހެ އެވެ. ޑިމާންޑް ކުރެވޭނީ ކޮން ކަންކަމަކަށް ވެސް އެނގެން ޖެހެ އެވެ. އަދި ކައުންސިލްތަކުގެ ރައްޔިތުންނަށް ޑިމާންޑް ކުރެވޭނެ ކަންކަން ބަޔާންކުރަން ޖެހެ އެވެ.

އެހެން ޒުވާނަކު ބުނި ގޮތުގައި އެއް ފަސް އަހަރު ބާރުތައް ނަގާފައި އަނެއް ފަސް އަހަރު ބާރުތައް ދޭނެ ގޮތާމެދު ވާހަކަ ދެއްކުމަކީ އުސޫލެއް ނޫނެވެ. އެންމެ ފުރަތަމަ ވެސް ކުރަންވީ ކަމަކީ ކައުންސިލްތަކަށް ބާރުތައް ދޫކޮށްލުން ކަމަށެވެ. އަދި ދެން ނިންމަން ޖެހޭނީ މައި ސަރުކާރަށް ނަގާނީ އޭގެއިން ކޮން ބާރުތަކެއްތޯ ކަމަށެވެ.

މީގެއިތުރުން، ރަށްރަށުގެ އަންހެނުންގެ ކޮމެޓީތައް ބާރުވެރިކުރުމާމެދު ވެސް ހިޔާލު ފާޅުކުރި އެވެ. އެ ކޮމެޓީތަކަށް އާމްދަނީއެއް ލިބޭނެ ގޮތް ހަދައި، މުސާރައެއް ކަނޑައަޅަން ވެސް ހިޔާލު ހުށަހެޅި އެވެ. ނޫނީ އެ ކޮމެޓީގެ ރައީސްްއަކީ ކައުންސިލްގައި ހިމެނޭ މީހަކަށް ހެދުމަށް ވެސް ހިޔާލު ހުށަހެޅި އެވެ.

ހިޔާލުތައް އަޑު އެއްސެވުމަށްފަހު ރައީސް ސޯލިހު ވެސް ވަނީ އެމަނިކުފާނުގެ ހިޔާލުތައް ފާޅު ކުރައްވާފަ އެވެ. އެގޮތުން ދައުރާމެދު އެމަނިކުފާނުގެ ހިޔާލު ތަފާތެވެ. އެންމެ ރަނގަޅީ ވީހާވެސް އަވަހަށް ރައްޔިތުންނާ ގާތަށް ދާން ޖެހޭ ގޮތަށް އޮތުންތޯ ނޫނީ، ގިނަ އިރު މަގާމު ހުރުންތޯ ރައީސް ސޯލިހު ސުވާލު އުފެއްދެވި އެވެ. ގާނޫނު އަސާސީ އެކުލަވާލިއިރު ވެސް އެކަމާ ވިސްނެވި ކަމަށާއި އެހެން ގައުމުތަކުގައި ވެސް ކައުންސިލުންގެ ދައުރު ކުރު ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެހެންވެ، އެކަމާމެދު އަދި ވިސްނާލެއްވުމަށް ރައީސް ސޯލިހު އެދިވަޑައިގެންނެވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އަތޮޅުން ލިބޭ އާމްދަނީގެ ބައެއް އަތޮޅަށް ދިނުމަކީ އެމަނިކުފާނު ކެމްޕެއިންގައިވެފައިވާ ވައުދެއް ކަމަށެވެ. އެކަމަށް މިފަހުން އެމަނިކުފާނު ހިޔާލެއް ވެސް ހުށަހަޅުއްވާފައިވާނެ ކަމަށެވެ. އެއީ އަތޮޅުން ރިސޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްރަށުން ލިބޭ ބިމު ކުލި އެއްކޮށް އަތޮޅު ކައުންސިލަށް ދިނުމެވެ. މައި ސަރުކާރަށް އެނދު ކުލި ނެގުމެވެ. ނަމަވެސް އޭރަށް އަރިއޮތަޅަށް ބޮޑު އާމްދަނީއެއް ލިބިފައި ފުވައްމުލައް، އައްޑޫ އަދި ހއ. ފަދަ އަތޮޅަކަށް ވާނެ ގޮތަކީ ކޮބައިތޯ ވިސްނާލަން ޖެހޭ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. އެއީ ރިސޯޓް މަދު ތަންތަނެވެ.

ކައުންސިލްތަކަށް ފައިސާ ހަވާލުކުރާނަމަ، ކައުންސިލަރުންނަކީ ޒިންމާދާރު ބަޔަކަށް ވާން ޖެހޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ބައެއް ކައުންސިލްތަކުން މިހާރު ވެސް ޒިންމާދާރުކަން ފެންނަ ކަމަށާއި ނަމަވެސް ބައެއް ކައުންސިލަރުންގެ ފަރާތުން އެ މަންޒަރު ނުފެންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ކޮންމެ ގޮތެއް ވިޔަސް އަންހެންގެ ކޮމެޓީ މިހާރު އޮތް ގޮތް މަސައްކަތެއް ނުކުރާ ކަމަށެވެ. އެހެންވެ އެކަން އެކޮށް ބަދަލުކުރަން ޖެހޭ ކަމަށެވެ.