މެޑިޓެރޭނިއަން ސަރަހައްދުގައި ރާއްޖެ އިޝްތިހާރު ކުރަން ހާއްސަކޮށްގެން ތުރުކީގައި އޮންނަ ޓޫރިޒަމް ފެއާއެއްގައި އެމްއެމްޕީއާރްސީން ބައިވެރިވެއްޖެ އެވެ.
އެމްއެމްޕީއާރްސީން ބުނީ ތުރުކީގެ އިސްތަމްބޫލްގައި ކުރިއަށްދާ، އީސްޓް މެޑިޓެރޭނިއަން އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަން (އީއެމްއައިޓީޓީ) ގައި ރާއްޖޭން ބައިވެރިވަމުން އަންނަ ކަމަށެވެ.
މި ފެއާ ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. ފެއާގައި ރާއްޖޭގެ އަށް ކުންފުންޏަކުން 12 މީހަކު ބައިވެރިވެފައި ވެއެވެ.
ދުނިޔޭގައި އޮންނަ އެންމެ ބޮޑު 10 ޓޫރިޒަމް ފެއާގެ ތެރޭގައި ހިމެނޭ އީއެމްއައިޓީޓީއަކީ އެ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ފެއާ އެވެ. މި އަހަރު ރާއްޖޭން މި ފެއާގައި ބައިވެރިވެ ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް ރާއްޖޭގެ ކަނޑުއަޑި އާއި ބީޗުގެ ރީތިކަންވެސް ދައްކާލާނެ އެވެ.
މީގެ އިތުރުން މޯލްޑިވިއަން އައިޑޮލްގައި މަގުބޫލުކަން ހޯދި ޝަމްވީލްގެ ހުށަހެޅުން ތަކެއް ވެސް ފެއާގައި ކުރިއަށްދާނެ އިރު ރާއްޖޭގެ ސްޓޭންޑަށްދާ މީހުންގެ މެދުގައި ގުރުއަތެއް ނަގައި ފުރަވެރި ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ވެސް ދޭނެ އެވެ.
ތުރުކީއަކީ ރާއްޖެއަށް ގިނަ ޓޫރިސްޓުން އަންނަ ގައުމެކެވެ. ހާއްސަކޮށް 2012 ވަނަ އަހަރު ޓާކިޝް އެއާލައިންގެ ދަތުރުތައް ފެށުމާއެކު، އެ ގައުމު މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ތުރުކީން 10.129 މީހުން ރާއްޖެއަށް ޒިޔާރަތް ކުރިއެވެ.
އީއެމްއައިޓީޓީ ފެއާގައި މިދިޔަ އަހަރު ޓޫރިޒަމް ސިނާއަތުގެ 54,000 މީހުން ބައިވެރިވި އެވެ. އަދި 54,364 މީހުން ފެއާއަށް ގޮސްފައިވެ އެވެ.