ވިޔަފާރި

ސުވިސްގެ އެންމެ ބޮޑު ފެއާގައި ރާއްޖެ

ސުވިޒަލޭންޑުގެ ޒިއުރިކްގައި ކުރިއަށްދާ "ފެސްބޯ" ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

އެމްއެމްޕީއާރުސީއާއެކު ފެސްބޯގައި ރާއްޖެ އިޝްތިހާރު ކުރަން ބައިވެރިވި ޓީމުން ވަނީ ސުވިސް މާކެޓަށް ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ. މިގޮތުން މިފެއާގައި ދިވެހިން ލުއި ކާނާގެ ގޮތުގައި ބޭނުން ކުރަމުން ގެންދާ ތެލުލި ބަނބުކޭލާއި ބޮނޑި އަދި ހާލު ފޮޅި ފަދަ ތަކެތީގެ ރަހަ ދެއްކުން ކުރިއަށް ދިޔަ އެވެ.

އެމްއެމްޕީއާރުސީއިން ބުނީ ރާއްޖޭގެ ހަތް ކުންފުންޏާއެކު ކުރި އަށް ގެންދާ މާކެޓިން ހަރަކާތްތައް ކާމިޔާބު ކަމަށެވެ.

ފެސްބޯ ފެއާ ކުރިއަށްދާނީ ޖެނުއަރީ 31 އިން ފެބްރުއަރީ ތިނެއްގެ ނިޔަލަށެވެ. މި ފެއާ އަށް މިދިޔަ އަހަރު 63,000 މީހުން ޒިޔާރަތް ކުރިއިރު، ފެއާ ހާއްސަވެފައިވަނީ ޓްރެވަލް ނޫސްވެރިންނާއި ބްލޮގަރުން ފަދަ މި ދާއިރާއިން ލިޔާ ގިނަ ބަޔަކު ދާ ފެއާއެއްގެ ގޮތުގަ އެވެ.

ރާއްޖޭން ސުވިސް މާކެޓަށް ކޮށްފައިވާ ސާވޭއަކުން ދައްކާ ގޮތުގައި މި ގައުމުން އަންނަ އެންމެ ގިނަ މީހުން ބޭނުންވަނީ ފީނުމާއި ރިލެކްސް ކޮށްލުމެވެ. މިގައުމުން މިދިޔަ އަހަރު 32,984 މީހުން ވަނީ ޒިޔާރަތް ކޮށްފަ އެވެ.