ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގިނަ ދުވަސްތަކެއްވަންދެން ކެބިނެޓްގައި މަސައްކަތް ކުރެއްވި އަބްދުﷲ ކަމާލުއްދީން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވުމަށް ނިންމަވައިފި އެވެ.
ކަމާލުއްދީން ކުރިމަތިލެއްވުމަށް ނިންމަވާފައިވަނީ ލ. ފޮނަދޫ ދާއިރާއަށެވެ.
އެ ދާއިރާގެ މިހާރުގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ ވެސް ޕީއެންސީ ޓިކެޓްގައި ފޮނަދޫ ދާއިރާއަށް ވާދަ ކުރައްވަ އެވެ. އެމްޑީޕީގެ ފަރާތުން ގާނޫނީ ވަކީލް މޫސާ ސިރާޖު ވާދަ ކުރައްވާއިރު ޖުމްހޫރީ ޕާޓީގެ ފަރާތުން ފާތިމަތު ޒައީމާ ވެސް ވާދަ ކުރެ އެވެ.
ރައީސް މައުމޫންގެ ސަރުކާރަށްފަހު ކަމާލުއްދީން ސިޔާސީ މަސައްކަތަށް ނުކުމެވަޑައިގެންނެވީ އެމްޑީޕީގެ ސަރުކާރަށްފަހު އެވެ. ކަމާލުއްދީން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެ ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2012 ވަނަ އަހަރު އެވެ. އެއީ ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭން ނިންމި ދުވަސްވަރު އެވެ. އެ ފަހަރުގެ އިންތިހާބުގައި ކަމާލުއްދީން ތާއީދު ކުރެއްވީ ގާސިމް އިބްރާހިމަށެވެ.
ނަމަވެސް ޖުމްހޫރީ ޕާޓީއިން މިދިޔަ އަހަރުގެ ތެރޭގައި ކަމާލުއްދީން ވަކިވެވަޑައިގެންނެވި އެވެ. ކަމާލުއްދީން ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައިމިވަނީ އެ ޕާޓީގެ އެންމެ ފަހުގެ ކޮންގްރެސްގައި ޑެޕިއުޓީ ލީޑަރުގެ އިންތިހާބުގައި އޭނާއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައި ވަނިކޮށެވެ.
އޭގެފަހުން ކަމާލުއްދީން އިސްކޮށް އުޅުއްވީ ރައީސް މައުމޫންގެ އެމްއާރްއެމް ހަރަކާތުގަ އެވެެ. އެމްއާރްއެމްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ކެމްޕެއިންގައި ރަށްރަށަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ވެސް ކޮށް ދެއްވި އެވެ.
ކަމާލުއްދީން މަޖިލީހަށް ވާދަ ކުރައްވަނީ ރައީސް މައުމޫންގެ ތާއިދާއެކު އެވެ. ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ތާއިދާއެކު އިންތިހާބަށް ކެންޑިޑޭޓުން ނެރުމަށް ނިންމަވާފަ އެވެ. އެ ކެންޑިޑޭޓުންނަކީ ކޮބައިކަން ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫންގެ ތާއިދުގައި މަޖިލީހަށް ވާދަ ކުރުމުގެ ޝައުގުވެރިކަން 108 ފަރާތަކުން ފާޅުކޮށްފައިވެ އެވެ.