ހަބަރު

"ކުޅި، ފާ އަދި ޗަސްބިމުގެ" ދުވަސް ފާހަގަކޮށްފި

ދުނިޔޭގެ "ކުޅި، ފާ އަދި ޗަސްބިމުގެ" ދުވަސް އައްޑޫގައި ފާހަގަ ކޮށްފި އެވެ. ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ ދެ ވަނަ ދުވަހަކީ، ރަމްސާ ކޮންވެންޝަން ނުވަތަ ބައިނަލް އަގުވާމީ ކުޅި ފާ އަދި ޗަސްބިމާބެހޭ މުއާހަދާއިން، ހަމަޖައްސާފައިވާ "ވޯލްޑް ވެޓްލޭންޑް ޑޭ" އެވެ.

މިދުވަސް ރަސްމީކޮށް ރާއްޖޭގައި މިއަދު ފާހަގަކުރަނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން އައްޑޫ ނޭޗާ ޕާކްގަ އެވެ. މިގޮތުން ވެޓްލޭންޑް ފެއާގެ ގޮތުގައި ކުޅި، ފާ އަދި ޗަސްބިމާއި ބެހޭ ތަފާތު މައުލޫމާތުތައް ހިމެނޭ އެކި އެކި ކުޅިވަރާއި، ކުއިޒްތަކާއި، މުނިފޫހިފިލުވުމުގެ ހަރާތްތައް ހިމެނޭގޮތަށް އެއްދުވަހުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ އެވެ.

މިދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ، ކުޅި، ފާ އަދި ޗަސްބިމުގެ މާހައުލުތަކުގެ މުހިންމުކަމާއި، މި މާހައުލުތަކުން ލިއްބައިދޭ ފައިދާތަކާއި އަދި މިފަދަ މާހައުލުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

އެންވަޔަރުމަންޓް މިނިސްޓްރީ އިން ބުނީ ރާއްޖޭގައި މި ދުވަސް ފާހަގަ ކުރަނީ ރާއްޖޭގެ ރަށްރަށަކީ ގުދުރަތީގޮތުން އުފެދިފައިވާ ހިތްގައިމު ކުޅި، ފާ އަދި ޗަސްބިމުގެ ގައުމެއް ކަމަށްވުމާއި މިފަދަ މާހައުލުތަކުން ލިއްބައިދޭ ފައިދާ ގިނަ ކަމުން އެވެ. އަދި، މިފަދަ މާހައުލުތަކުގެ ސަބަބުން އުދައެރުމާއި ސުނާމީ ފަދަ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކޮށްދީ ފެންބޮޑުވުންފަދަ ހާދިސާތަކުންވެސް ރާއްކާތެރިކަން ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ. އަދި، މުސްތަގުބަލުގެ ޖީލަށްޓަކައި ޗަސްބިމުގެ މާހައުލާއި ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް ބަލަހައްޓަންޖެހޭނެ ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

ދުނިޔޭގެ "ކުޅި، ފާ އަދި ޗަސްބިމުގެ" ދުވަސް ރާއްޖޭގައި މިއަހަރު ފާހަގަ ކުރާ މިއީ ދެވަނަ ފަހަރެވެ.