ހަބަރު

އިންޑިއާއިން ރާއްޖެއަށް ދޭ އެހީތައް ހަތަރު ގުނަ އިތުރުކުރަން ބަޖެޓްކޮށްފި

އަވަށްޓެރި އިންޑިއާއިން ރާއްޖެއަށް ދޭ އެހީތައް ހަތަރު ގުނަ އިތުރު ކުރަން އިންޑިއާ ސަރުކާރުން އާ އަހަރަކަށް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ހިމަނައިފި އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑިއާގެ ހިލޭ އެހީތައް ރާއްޖެއަށް އޮތީ ވަރަށް ބޮޑަށް މަދުކޮށްފަ އެވެ.

މި ހަފްތާ ތެރޭގައި އިންޑިއާ ސަރުކާރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ހިމަނާފައިވާ ގޮތުގައި 2020-2019 ވަނަ އަހަރާ ދެމެދު އިންޑިއާއިން ރާއްޖެއަށް ދޭ އެހީގެ އަދަދު 575 ކްރޯރު ރުޕީސް އަށް އަރަ އެވެ. އެއީ، މިދިޔަ އަހަރު އިންޑިއާއިން ރާއްޖެއަށް ދޭން ބަޖެޓް ކުރި އަދަދަށް ވުރެ 460 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރު އިންޑިއާއިން ރާއްޖެއަށް ދިން އެހީގެ އަދަދު އުޅެނީ، 125 ކްރޯރު ރުޕީސްގަ އެވެ. އެހެންކަމުން އިންޑިއާއިން މިއަހަރު ރާއްޖެއަށް ދޭ އެހީ އަކީ، 440 ކްރޯރު ރުޕީސް އިތުރު އަދެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރާއްޖެއިން ބޭރުގެ ގައުމަކަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ ވެސް އިންޑިއާއަށެވެ. އެ ދަތުރުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެޖންދުރަ މޯދީ އެ ދަތުރުގައި އިއުލާން ކުރެއްވި ގޮތުގައި، އެ ގައުމުން ވަނީ ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފައިނޭންސްއެއް ދޭން ނިންމައިފަ އެވެ. އެ ފެސިލިޓީގެ ތެރޭގައި ހިމެނެނީ، ދެ ގައުމުގެ ސެންޓްރަލް ބޭންކާ ދެމެދު ހަދާފައިވާ ކަރަންސީ ސްވަޕްގެ އެއްބަސްވުން 200 މިލިއަން ޑޮލަރުން 400 މިލިއަން ޑޮލަރަށް އިތުރު ކުރުމާއި ރާއްޖޭގައި ހިންގާ އިގްތިސާދީ މަޝްރޫއުތަކަށް އިންޑިއާގެ އެކްޒިމް ބޭންކުން ދޭ، 800 މިލިއަން ޑޮލަރުގެ ކްރިޑް ލައިނެކެވެ. މީގެ އިތުރުން ސަރުކާރުގެ ބަޖެޓް ސަޕޯޓަށް ބޭނުންވާ 200 މިލިއަން ޑޮލަރު ހިމެނޭ އިރު، އޭގެ ތެރެއިން، 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ.

ހިލޭ އެހީގެ އިތުރުން، އިންޑިއާ ސަރުކާރުން މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓްގައިވާ ފައިސާގެ ތެރޭގައި އިންޑިއާއިން ރާއްޖޭގައި ހިންގަން ރާވާފައިވާ ބައެއް ޕްރޮޖެކްޓްތަކުގެ ފައިސާވެސް ހިމެނެ އެވެ. އެހެން ނަމަވެސް އެ ޕްރޮޖެކްޓްތަކުގެ ތަފްސީލްތަކެއް އަދި ނޭނގެ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒްއަށް ކަނޑައެޅި ބަޖެޓްގައިވާ ގޮތުގައި އިންޑިއާއިން މިއަހަރު އެކި ގައުމުތަކަށް ދޭ ހިލޭ އެހީގެ ގޮތުގައި ޖުމްލަ، 7،569 ކްރޯރު ރުޕީސް ދޭނެ އެވެ. އެ ފައިސާގެ ތެރެއިން 40 ޕަސެންޓް ފައިސާ ދެނީ ބޫޓާންއަށެވެ. އެ ގައުމަށް، 2،615 ކްރޯރު ރުޕީސް ދިނުމަށް ވަނީ ހިމަނައިފަ އެވެ.