ލައިފްސްޓައިލް

ދިވެހި ޑްރާމާ ސިލްސިލާތައް ކޮބައިތަ؟

"ހިނިތުންވެލާށޭ ކަލާ" އާއި "ތިއޭ މިހިތުގެ ވިންދަކީ" އާއި "ކަލާގެ ހައްގުގައި" މި ސިލްސިލާ ޑްރާމާތައް އަދިވެސް ހަނދާން އެބަ ހުރި ހެއްޔެވެ؟ ނަން ބުނެލުމުން ޑްރާމާ ފަށާއިރު އަންނަ ލަވަ އަމިއްލައަށް ކިޔައިލެވޭ ހެއްޔެވެ؟ ލަވައިގެ ރާގު ވެސް ހަނދާން އެބަހުރި ދޯ އެވެ؟

މި ޑްރާމާތައް ގެނެސްދިން ވަގުތަކީ ދިވެހިން އެއް އިރަކު އެންމެ އިންތިޒާރު ކުރި އެއް ވަގުތެވެ. ކޮންމެ ރެއަކުވެސް 10:00 ޖަހަންވާއިރަށް ދުރާލައި ތައްޔާރު ވާނެ އެވެ. ކުދީން ނިންދަވާ ކެއުމާއި ބާޒާރުގެ ކަންކަން ނިންމާލައި ޖެހިގެން ހުންނަގޭ މީހުންނާއެކު ޑްރާމާ އަންނަ ގަޑިއަށް ޓިވީ ދޮށަށް ދެވޭނީ ކިރިޔާ އެވެ. ޑްރާމާ ބެލުމުގެ ފޯރި ގަދަ އެވެ. މި ޑްރާމާ ތަކަކީ މީގެ އަހަރުތަކެއް ކުރިން ދިވެހިން މުނިފޫހިފިލައިދިން އެކުވެރި، ބައިވެރިޔާ އެވެ.

ލޯބީގެ ޑްރާމާ ތަކަށް އަދިވެސް ސަޕޯޓު ލިބޭނެތަ؟

ހަފުތާއަކު ހަ ދުވަހު ކޮންމެ ރެއަކު ޓީވީން ގެނެސްދިން ޑްރާމާއަކީ ހަމަ އެކަނި ޑްރާމާ އެއް ނޫނެވެ. އެ ޑްރާމާ ތަކުން ދައްކުވައިދިނީ ދިވެހިންގެ މުޖުތަމައުގައި އާއްމުކޮށް ހިނގާ ކަންތައްތަކެވެ. އާއިލީ މައްސަލަތަކާއި ލޯބީގެ މައްސަލަތަކެވެ. އެތައް މެސެޖެއް ދިވެހިންނަށް ދިނީ ޑްރާމާ އެއްގެ ކުލަ ޖައްސާލާފަ އެވެ. ތިރީގައި މި ހިމަނާލަނީ އެ ދުވަސްވަރު އެންމެ މަގުބޫލުވީ ބައެއް ޑްރާމާ ތަކެވެ.

1
 

ކައްތިރި

މިއީ ގިނަ ތަރިންނަކާއެކު ބެލުންތެރިންނަށް 1998 ގައި ގެނެސްދިން ޑްރާމާ އެކެވެ. ބޮޑު އާއިލާ އެއް އެކުގައި އެއް ގެއެއްގައި އުޅެން ޖެހުމާއި ދެ އާއިލާ ދެމެދު ޖެހޭ ކުދި ކުދި މައްސަލަތަކާއި އެ މައްސަލަތަކުގެ ހައްލުތައް ގުޅުވައި ދިނީ ދިވެހިންގެ ދިރިއުޅުމާ އެވެ. އާއިލީ ގުޅުމާއި ލޯބީގެ ރީތި މިސާލުތައް ދެއްކި މި ޑްރާމާގައި ނީނާ އާއި ނިއުމާ މުހައްމަދުގެ ޒުވާން ދުވަސްވަރު ދައްކުވައި ދިނެވެ.

2
 

ހިނިތުންވެލާށޭ ކަލާ

ޑްރާމާގެ ލީޑް ތަރި އަފީފާ ދިވެހި ސިނަމާގައި ވިދާލީ މި ޑްރާމާއިންނޭ ބުނެވިދާނެ އެވެ. ޑްރާމާގައި އޭނާ ރޯ ކޮންމެ ފަހަރަކު އޭނާއާއެކު ޓީވީ ބަލަން ތިބޭ އެންމެންހެން ރޯނެ އެވެ. އަފީފާއަށް ކެމެރާ ކުރިމަތީގައި ރޯން ކެރޭނެ ކަން މި ޑްރާމާ އިން އޭނާ ސާބިތު ކޮށްދިނެވެ. ތަފާތު "ޓްވިސްޓް" ތަކަކާއެކު ގެނެސްދިން މި ޑްރާމާގައި ހައްޖަ އާއި މަނިކު ވެސް މުހިއްމު ރޯލެއް އަދާ ކުރި އެވެ. އަދި އަފީފާ ލައިގެން ހުންނަ ބޮޑު ހަރުވާޅު ހެދުން ދިވެހިންގެ ތެރޭގައި މަޝްހޫރުވި އިރު އެ ހަނދާންތަކާ ގުޅިފައިވަނީ ޑްރާމާގެ ތީމް ލަވަ މުހުތާރުގެ "ހިނިތުންވެލާށޭ ކަލާ" އިންނެވެ. މާނަފުން މި ލަވަ އަކީ އަދިވެސް ހިޓެކެވެ.

3
 

ވައިރޯޅިއައްވެސް ސިއްރުން

ނިއުމާ މުހައްމަދާއި އަހްމަދު އާސިމް، ވިލިމާލޭގައި ވައިރޯޅިއަކަށް ވެސް ނޭނގޭނެހެން ކުޅެ ދުވެ، އުޅެލި މި ޑްރާމާ އަކީ ދިވެހިންގެ ތެރޭގައި ހިނގާ ވަރަށް އާއްމު ހާދިސާ އަކަށް ބިނާކޮށް އުފައްދާފައިވާ ޑްރާމާ އެކެވެ. މި ދެ ތަރިންނާއި އައިމިނަތު ރަޝީދާގެ ފުރިހަމަ އެކްޓިންއ ހެދި މި ޑްރާމާ ވަރަށް މަގުބޫލުވި އެވެ.

4
 

ތިއޭ މިހިތުގެ ވިންދަކީ

ބަތަލާ ޝީލާ މުހައްމަދު ފޯނު ބޫތެއް ކައިރީ، އޭނާގެ ލޯބިވެރިޔާ މަނިކު ގުޅާނެ ކަމަށް އެތައް ގަޑި އިރެއް ވަންދެން އިންތިޒާރު ކުރީ މި ޑްރާމާގަ އެވެ. މަނިކުއަށް "ޓާޓާ" ކިޔަމުން ޝީލާ އަތިރި މަތީގައި އެއްކޮޅުން އަނެއް ކޮޅަށް ދުވީ ވެސް ހަމަ މި ޑްރާމާގަ އެވެ. މިކަހަލަ މަންޒަރުތަކަކީ މި ޑްރާމާ ފުރިހަމަ ކޮށްދިން މަންޒަރުތަކެވެ. "ތިއޭ މި ހިތުގެ ވިންދަކީ" އޭ ބުނުމުން ޝީލާ އާއި މަނިކު އެ ޑްރާމާގައި ދެއްކި ލޯބި އަދިވެސް ހަނދާން ވާނެ ދޯ އެވެ.

ކޮމެޑީ ޑްރާމާ ސިލްސިލާތައް ކޮބާ؟

ލޯބީގެ ޑްރާމާ ތަކުގެ އިތުރުން ކޮމެޑީ ޑްރާމާ ތަކަކީވެސް ވަރަށް މަގުބޫލުވި އުފެއްދުންތަކެވެ. "ބަހަބަރު" އާއި "ސަޅި ބައިސާ" އައި "ފްލޯކް ދި އިންޓަނޭޝަނަލް" ފަދަ ޑްރާމާ ސިލްސިލާ ތަކުގައި ދިވެހިން ހެއްވާލި އެވެ. އަދި މަޖާ ދައްކުވައިދިނީ ތަފާތު ގޮތަކަށެވެ. މަޝްހުރު ޑރ. ޒަންޖަބީލާއި ބިރުކުޑަ އަލީ ދެއްކި ހުނަރު ތަފާތުވެފައި "ނެޗުރަލް" ވުމުން ބެލުންތެރިންނާ ގުޅުނެވެ. މި ޑްރާމާތަކުން ފެނުނު ތަރިން މިހާރު ސްކްރީން ކުރިމަތިން ނުފެނުނު ކަމުގައިވިޔަސް މީގެ ރީމޭކް އެއް ކޮންމެވެސް ދުވަހަކުން ގެނެސްދޭނެ ކަމަށް އެތައް ބަޔަކު އުއްމީދު ކުރާނެ އެވެ.

ކޮމެޑީ ޑްރާމާ ތަކުގައި އަދިވެސް ދެގޮތެއް ނުވެ، ކަރާ މާރުކޭޓުގައި މަސް މާރުކޭޓުގައި ޑްރާމާގެ މަންޒަރުތައް ނަގަމުން، ދިވެހިން ހެއްވަނީ އެންމެންގެ ޔޫސޭ އެވެ. އޭނާގެ "ދިރިއުޅުމަކީ މިއީބާ؟" އިން ދިވެހިންނަށް ބުނެދެނީ މުޖުތަމައުގައި ހިނގާ ބޮޑެތި މައްސަލަތަކެވެ. ކޮންމެ އެޕިސޯޑެއްގައި މޫދަށް ވެއްޓުނަސް ދޭން ބޭނުންވާ މެސެޖު، މޫދުގައި އޮވެގެން ވިޔަސް ދޭނެ އެވެ! އެއީ ޔަގީން ކަމެކެވެ.

ޑްރާމާތައް އަލުން ހަދާނަމަ ސަޕޯޓް ލިބޭނެތަ؟

ޑްރާމާތައް އަލުން ހަދައި ދައްކާނަމަ ކުރީގެ ސްޓައިލްގައި އެއަށް އިންތިޒާރު ކުރާނެ ބަޔަކު ނޫޅެފާނެ އެވެ. ބަދަލުތަކެއް ގެނެސް ޒަމާނީ ކޮށްލައިފިނަމަ އަލުން އެއަށް އިންތިޒާރު ކުރެވިދާނެ އެވެ. ޑްރާމާތައް ދިވެހި ޗެނަލްތަކުގައި ނާޅުވަނީ ހަރަދެއްކޮށް އެކަށީގެންވާ ވަރުގެ އެއްޗެއް ނުލިބޭނެތީ ކަމަށް ޑްރާމާ ތަކާއި ފިލްމުތައް އުފައްދާފައިވާ، ފާތުމަތު ނަހުލާ ބުންޏެވެ.

"އަޅުގަނޑަކީ އެއްޗަކަށް އެއްޗެއް ހަދަން ބޭނުންވާ މީހެއް ނޫން. ބޭނުންވާ ފެންވަރަށް ހެދޭ ވަރުގެ އަގެއް ނުލިބޭ ޓިވީ އަކުން. އެހެންވެ ކުރީގައި ޑްރާމާ ހެދިޔަސް މިހާރު އެ ނުހަދަނީ،"

ކޮންމެ ގޮތެއް ވިޔަސް މި ޑްރާމާތަކަކީ ދިވެހިންގެ އެތައް ހަނދާން ތަކަކާ ގުޅިފައިވާ އުފެއްދުންތަކެވެ. ބައެއް މީހުންނަށް އެ މީހުންގެ ކުޑައިރުގެ ހަނދާންތަކެވެ. އަނެއްބައި މީހުންނަށް ޅަ ޒުވާން އިރުގެ އެންމެ ފޮނި ހަނދާން ތަކެކެވެ.