އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަދާލަތު ޕާޓީއިން ވަނީ 13 ދާއިރާއަކަށް ކުރިމަތިލާން ނިންމާފަ އެވެ. އެއީ ކޯލިޝަން އެއްބަސްވުމުގެ ދަށުން އެ ޕާޓީއަށް ހައްގުވާ އަދަދެވެ. އެ 13 ދާއިރާއަށް ކެންޑިޑޭޓުން ވެސް އެ ޕާޓީއިން ކަނޑައަޅާފައިވާއިރު، ކެމްޕެއިން ވެސް ދަނީ ކުރަމުންނެވެ. އެކަމަކު، އަދާލަތު ޕާޓީއިން މިވަނީ ބައެއް ދާއިރާތައް ދޫކޮށްލައިގެން ވިޔަސް، އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށް ނިންމާފަ އެވެ.
އަދާލަތު ޕާޓީއިން ރޭ ވަނީ އެމްޑީޕީއާއެކު ކުރިއަށް ދިޔުމަށް އެ ޕާޓީއަށް ހުށަހަޅާފަ އެވެ. ދެ ޕާޓީގެ ލީޑަރުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ބައްދަލު ކުރެއްވި އެވެ. އަދާލަތު ޕާޓީގެ ހުށަހެޅުމާ ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގައި ގޮތް ނިންމުމަށް ވަނީ ނިންމާފަ އެވެ.
އެނގިފައިވާ ގޮތުގައި އަދާލަތު ޕާޓީގެ ވިސްނުން ހުރީ 13 ދާއިރާ، ހަތް ދާއިރާއަށް މަދުކޮށް ވިޔަސް އެކުގައި ކުރިއަށް ދެވޭނެ ފޯމިއުލާއެއް ހޯދުމަށް ތައްޔާރަށެވެ.
އެކަމާ ގުޅިގެން މިއަދު އަވަސްއާ ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުގައްރިރު އަލީ ނަޒީރު ވިދާޅުވި ގޮތުގައި ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތަކީ ޕާޓީތައް އެކުގައި މަސައްކަތް ކުރުމެވެ. ސިޔާސީ ގޮތުން ގައުމަށް ހަމަޖެހުން އަންނަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ އެކުގައި މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. އެކަމަށް އަބަދުވެސް އަދާލަތު ޕާޓީއިން ބާރު އަޅާ ކަމަށެވެ.
އެހެންވެ، އަދާލަތު ޕާޓީއިން އޮތީ ދޫދޭން ޖެހިއްޖެ ހާލަތެއްގައި ދޫދީގެން ވިޔަސް އެކުގައި މަސައްކަތް ކުރުމަށް ކަމަށް ނަޒީރު ވިދާޅުވި އެވެ. އެގޮތުގެ މަތިން އެމްޑީޕީއަށް ހުށަހެޅުމެއް ހުށަހަޅާފައިވާއިރު ބައެއް ދާއިރާތައް ދޫކޮށްލަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޕާޓީއަށް ހައްގު ވަނީ 13 ދާއިރާ ކަމަށް ވިޔަސް އެ އަދަދު މަދުކުރަން ދޫދޭން ތައްޔާރަށް ތިބި ކަމަށެވެ. ނަމަވެސް އަދި އެކަމުގައި ވަކި ގޮތެއް ނުނިމެ އެވެ.
ނަޒީރު ވިދާޅުވި ގޮތުގައި ދާއިރާތަކެއް ދޫކޮށްލަން ޖެހުމުން އެ ޕާޓީގެ ކެންޑިޑޭޓުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް ހުރެދާނެ ކަމަށް ވިޔަސް އެ ވާދަވެރިކަމަށްވުރެ، އިސްކަން ދޭން ޖެހޭނީ ގައުމުގެ ހަމަޖެހުމަށެވެ. އަދި އެކަމުގައި އެންމެ ފަހު ގޮތް ނިންމާނީ ޕާޓީގެ މަޝްވަރާ މަޖިލީހުގައި މަޝްވަރާ ކުރުމަށްފަހު ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.
އެމްޑީޕީ ފިޔަވައި އަނެއް ދެ ޕާޓީއާއެކު ވެސް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށް އަދާލަތު ޕާޓީއިން މަސައްކަތް ކުރި ނަމަވެސް އަދި އެފަދަ ބައްދަލުވުމަކާ ހަމައަށް ދެވިފައިނުވާ ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.
ކޯލިޝަން ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެފައިވާއިރު މިއަދު އެމްޑީޕީއިން ވެސް ވަނީ އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ. އެ ޕާޓީއިން ބުނެފައިވަނީ އަދާލަތު ޕާޓީއަކީ ވަރަށް ބޮޑަށް ރޭވުންތެރިކަމާއެކު ސިޔާސީ މަސައްކަތް ކުރަމުން އަންނަ ޕާޓީއެއް ކަމަށާއި އެ ޕާޓީއާއެކު މަސައްކަތް ކުރަން ފަސޭހަ ކަމަަށެވެ. އެހެންކަމުން އަންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީއިން އަދާލަތު ޕާޓީއާއެކު އަތުގުޅާލުން ވަރަށް ގާތެވެ.
އެހެންނަމަވެސް އެމްޑީޕީއިން މިހާރު ވަނީ 86 ދާއިރާގެ ޕްރައިމަރީ ބާއްވައި ކެންޑިޑޭޓުން ހޮވައި އިއުލާން ވެސް ކޮށްފަ އެވެ. ކެންޑިޑޭޓުންގެ ފޯމްތައް ހުށަހެޅުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ. އެކަމަކު، މިހާރު އެންމެ ބޮޑަށް ބެލެވެނީ އަދާލަތު ޕާޓީއަށްޓަކައި ބައެއް ދާއިރާތަކަށް ވާދަ ނުކުރުމަށް އެމްޑީޕީއިން ނިންމަފާނެ ކަމަށެވެ. އަޑު ފެތުރިފައިވާ ގޮތުން އެމްޑީޕީއިން ތިން ދާއިރާއެއް އަދާލަތު ޕާޓީއަށް ދޫކޮށްލަދާނެ ކަމަށް ބެލެވެ އެވެ. އެއީ އަދާލަތުގެ އެންމެ ވަރުގަދަ ދާއިރާތައް ބެލުމަށްފަހު އެވެ.