ގައުމީ ބޭންކް، ބީއެމްއެލްއިން 300،000 ރުފިޔާއާ ހަމަޔަށް ލުއި ލޯނު ދޫކުރަން ނިންމައި އެކަން ވަރަށް އަވަހަށް ފަށާނެކަން އެ ބޭންކުން މިއަދު އިއުލާން ކޮށްފި އެވެ.
ކްރެޑިޓް އިންފޮމޭޝަން ބިއުރޯގެ ވެބްސައިޓް އާންމުންނަށް ހުޅުވާލައި އަމިއްލައަށް ރިޕޯޓް ނެގޭނެ ހިދުމަތް އިފްތިތާހު ކުރުމަށް އެމްއެމްއޭއިން މިއަދު ހޮޓަލް ޖެންގައި ބޭއްވި ހަފްލާގައި ބީއެމްއެލްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ޝަރީފް ވިދާޅުވީ، ކްރިޑިޓް ބިއުރޯގެ މަސައްކަތް އެމްއެމްއޭއިން ފަށައިގެން ކުރިއަށް ގެންދާތާ އަށް އަހަރެއްހާ ދުވަސްވެފައިވާ އިރު އެ ބިއުރޯގެ މަސައްކަތުގެ ސަބަބުން ލޯނު ދޫކުރުމާއި ބޭންކުން ދޭ ހިދުމަތްތައް އަވަހަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިފައިވާ ކަމަށެވެ. އަދި ކްރިޑިޓް ބިއުރޯއަށް ފޯރުކޮށްދޭ މައުލޫމާތުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ބީއެމްއެލްއިން ދޭ މައުލޫމާތުތައް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަސްޓަމަރުގެ ކްރިޑިޓް ރިޕޯޓް އޮންލައިންކޮށް އަމިއްލައަށް ނެގޭނެ އިންތިޒާމް ހަމަޖެހުމަކީ، ބޭންކުން ކަސްޓަމަރުންނަށް ދޫކުރާ ލޯނުގެ އަދަދު އިތުރުކޮށް އަދި ލޯނު ޕްރޮސެސް ކުރަން ދާ ވަގުތު ކުޑަކޮށްދޭނެ ކަމެއް ކަމަށެވެ. އަދި އެމްއެމްއޭއިން މިއަދު ތައާރަފްކުރި ހިދުމަތާ އެކު ބީއެމްއެލްއިން މިހާރު ދޫކުރާ ލުއި ލޯނުގެ އަދަދު އިތުރުކޮށް އަދި މުޅިންއާ ޕާޒަނަލް ލޯނުތަކެއް ތައާރަފް ކުރުމަށް ނިންމާފައިވާކަން ވެސް ޝަރީފް މިއަދު އިއުލާން ކުރެއްވި އެވެ.
"މީގެ މިސާލެއްގެ ގޮތުން ބީ.އެމް.އެލް އިން ދޫކުރާ ލުއި ލޯނުގެ އިވަލުއޭޝަން އޮޓަމޭޓް ކުރެވި ލޯނު ހަމަޖެހޭ މުއްދަތު 5 ދުވަހަށް ކުޑަކުރެވިފައިވާކަން ފާހަގަކުރަން. ކުރިން ބީއެމްއެލް އިން ދޫކުރާ 15 ހާހުގެ ލުއި ލޯނުތަކުގެ އަދަދު މިވަނީ އެއްލައްކަ އާ ހަމަޔަށް އިތުރު ކުރެވިފައި. އަދި ބީއެމްއެލް އިން މިހާރު މިދަނީ ލުއި ލޯނުގެ އަދަަދު ތިންލައްކަ އާއި ހަމަޔަށް އިތުރުކުރުމުގެ މަސައްކަތްކުރަމުން. އަދި އަމިއްލަ ފަރުދުންނަށް އަމާޒުކޮށް އާ ލޯނުތަކެއް ތައާރަފްކުރުމުގެ މަސައްކަތްވެސް މިދަނީ ކުރަމުން. މިފަދަ ލޯނުތައް ހަމަ ޔަގީނުން ވެސް ބޭންކުތަކަށް ދޫކުރެވޭނީ ހަރުދަނާ ކްރެޑިޓް އިންފޮމޭޝަން ބިއުރޯއެއް ގާއިމުކުރެވިފައި އޮތުމުން،" ޝަރީފް ވިދާޅުވި އެވެ. "... އެ ބިއުރޯގެ ކަންތައް ތައް ރަނގަޅު ކޮށް ލިބޭ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރު ކުރުމަށްޓަކައި އެމް.އެމް.އޭ އާއި އަދި ބޭންކުތަކުން ވަރަށް ބުރަ މަސައްކަތް ކޮއްފައިވާކަން މި ފުރުސަތުގައި އަޅުގަނޑު ފާހަގަކުރަން. މިއާއި އެއްކޮށް ބޭންކުތަކުން ދޭ ޚިދުމަތުގެ ފެންވަރު ވެސް ރަނގަޅު ކުރެވިފައިވާ ކަން ފާހަގަކުރަން،"
ބީއެމްއެލްއިން އެންމެ ބޮޑުކޮށް މިހާރު ލުއި ލޯނު ދެނީ 100،000 ރުފިޔާއާ ހަމައަށެވެ.
ބީއެމްއެލްއިން މަސައްކަތް ކުރަނީ ޓެކްނޮލޮޖީގެ ޒަމާނީ ވަސީލަތްތަކުގެ ތެރެއިން، ބޭންކިންގެ ހިދުމަތްތައް މުޅި ރާއްޖެއަށް ދިނުމަށްކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ، ޓެކްނޮލޮޖީއާ އެކު ބޭންކިންގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަކީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް އޮތް އެންމެ ރަނގަޅު ވަސީލަތް ކަމަށެވެ. އަދި ކޮންމެ މީހެއްގެ ވެސް ކްރިޑިޓް ރޭޓިން އަމިއްލައަށް ބަލައިލެވެން ފެށުމުން ކްރިޑިޓަށް މުދާ ދޫކުރާ ފަރާތްތަކަށް ވެސް ލުއި ފަސޭހަވާނެ ކަމަށާއި އެއީ ހަމައެކަނި ބޭންކްތަކަށް ލިބޭ ލުއި ފަސޭހައެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އެހެން ނަމަވެސް، އެ ހިދުމަތުގެ ފައިދާ އެންމެ ރަނގަޅަށް ލިބޭނީ، ބަރާބަރަށް ލޯނުތަކަށާއި ކްރިޑިޓް ކާޑްތަކަށް އާންމުން ފައިސާދެއްކުމުން ކަމަށް ވެސް ޝަރީފް ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ޝަރީފް ވަނީ އެ ޕޯޓަލްގެ ތެރެއިން ޓެލެކޮމިޔުނިކޭޝަން ހިދުމަތްތަކަށް މީހުން ފައިސާ ދައްކާ ހިސްޓްރީ ވެސް ފެންނާނެ އިންތިޒާމް މުސްތަގުބަލުގައި ހަމަޖެހިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
"މިފަދަ ހިދުމަތެއް ގެ ފައިދާ ފުރިހަމައަށް ލިބިގަތުމަށްޓަކައި ލޯނެއް ނުވަތަ ކްރެޑިޓްކާޑަށް މަހުންމަހަށް ދައްކަންޖެހޭ ފައިސާ ލަސްނުކޮށް ދެއްކެވުމަކީވެސް ކަސްޓަމަރުން ވަރަށް ބޮޑު އިސްކަމެއްދޭން ޖެހޭ ކަމެއް. މިއީ ކްރެޑިޓް ހިސްޓްރީ ރަނގަޅުކުރެވި ފަސޭހައިން ލޯނު ލިބިގެންދާނެކަމެއް،" ޝަރީފް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ޓިޖިޓަލް ފައިނޭންސިން ސެކްޓާއެއް ރާއްޖޭގައި ގާއިމް ކުރުމަށް އެމްއެމްއޭއިން މަަސައްކަތް ފަށާފައިވާ ކަމީ ބޭންކްތަކަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ މަސައްކަތްތަކަށް ކާމިޔާބަށް އޭނާ އެދިވަޑައިގެންނެވި އެވެ. އަދި އެމްއެމްއޭއިން ހިންގާ މިފަދަ ކަންކަމަށް ބީއެމްއެލްގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ޝަރީފް ދެއްވި އެވެ.