މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގައި މިއަދު ވަނީ އެ މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން 120 ދުވަހުގެ ތެރޭގައި މާލެއަށް މިނީ ބަސް ތައާރަފްކޮށް އެ ހިދުމަތް އާންމުންނަށް ދޭން ފަށަން ޖެހޭ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުންޏެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މާލެއަށް މިނީ ބަސްގެ ހިދުމަތް ތައާރަފް ކުރުމުން އާންމުންނަށް ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓު އިތުރަށް ހަރުދަނާކޮށްް ދަތުރުފަތުރުގެ ނިޒާމްގައި މިހާރު އާންމުންނަށް ދިމާވެފައިވާ މަައްސަލަތައް ހައްލު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އަހަރު ފަހުކޮޅުގައި މާލެ އާއި ހުޅުލެ އަދި ހުޅުމާލޭ ދެމެދު ބަހުގެ ހިދުމަތްތައް ދޭން ވަނީ ފަށައިފަ އެވެ. ނަމަވެސް މާލެ ތެރޭގައި ބަހެއް ނުދުއްވަ އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނެނީ މިނީ ބަސް ތާއާރަފްކޮށް މާލެ ތެރޭގައި ވެސް ބަހުގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށޭވެ.