ހަބަރު

ފެން ކުންފުނީގެ ޗެއާމަންއަކަށް ޕިރަމިޑް މައުސޫމް

ސަރުކާރު ފެން ކުންފުނި، އެމްޑަބްލިއުއެސީގެ ޗެއާމަންގެ މަގާމަށް ގ. ޕްލެސެންޓް ވޭވް، އަހުމަދު މައުސޫމް (ޕިރަމިޑް މައުސޫމް) އައްޔަން ކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޑައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ އެމްޑަބްލިއުއެސީގެ ބޯޑުގެ ޗެއާމަންގެ މަގާމަށް އައްޔަމް ކުރެއްވި މައުސޫމްއަކީ، ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި ފައިނޭންޝަލް އެޑްވައިޒަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ.

ސަރުކާރު ކުންފުނިތައް ހިންގައި ނުހިނގާ ގޮތް ބަލާ، ޕީސީބީއިން ވަނީ އެމްޓީޑީސީގެ ޗެއާމަންގެ މަގާމަށް ވެސް ބޭފުޅަކު އައްޔަން ކޮށްފަ އެވެ. އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް އައްޔަން ކޮށްފައިވަނީ ގ. ދޭލިއާގެ، އަބްދުﷲ ފާއިޒު އެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ޗެއާމަންގެ މަގާމަށް އައްޔަން ކޮށްފައިވަނީ ގދ. ދެއްވަދޫ، މާވެޔޮފޮށުގޭ ޑރ. އަހުމަދު ޝަމްހީދު އެވެ. އެމްޓީޑސީގެ މިއަދު އައްޔަން ކޮށްފައިވަނީ ހ. މާރިކިލި އަބްދުﷲ މުހައްމަދު ފާތިހު އާއި ސ. ހުޅުދޫ، ތަނޑިރަތްމާގެ، މުހައްމަދު ޖަނާހު އެވެ.

ޕީސީބީ އިން ވަނީ އައިލެންޑް އޭވިއޭޝަންގެ ބޯޑަށް ވެސް ޑިރެކްޓަރުންތަކެއް އައްޔަން ކޮށްފަ އެވެ. އެ ކުންފުނީގެ ބޯޑަށް އައްޔަން ކޮށްފައިވަނީ؛

  • މ. ގަނަމްގެ، އައިޝަތު ޖެނިފާ
  • މ. ރުބިކް، އަބްދުﷲ އާމިރު
  • ޏ. ފުވައްމުލަކު، މުނާ، އަބްދުﷲ އާޒިމް
  • ދަފުތަރު ނަމްބަރު 7547، އަޒްހީލް އަހުމަދު

ސަރުކާރުގެ ކުންފުނިތަކުގެ ބޯޑަށް ގިނަ އަދަދެއްގެ މެންބަރުން އައްޔަން ކުރަމުންދާއިރު، ކުންފުނިތަކުގެ ބޯޑަށް ގާބިލް މީހުންލާން ދާދިފަހުން މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު ނަސީރު ވަނީ ގޮވާލައްވާފަ އެވެ.