ވިޔަފާރި

ރާއްޖޭގެ ރިޒާވްގައި ހުރީ ތިން މަހުގެ އިމްޕޯޓުގެ ފައިސާ

މިހާރު ރާއްޖޭގެ ޔޫޒަބަލް ރިވާޒްގައި ހުރީ ތިން މަހުގެ އެކްސްޕޯޓަށް ވާ ވަރަށް ފައިސާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީސް ހުޅުއްވައި ދެއްވުމުގެ ގޮތުން މަޖިލީހުގައި ގައުމާ މުހާތަބު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 757.8 މިލިއަން ޑޮލަރު ކަމަށެވެ. އަދި މި އަހަރު ނިމޭއިރު ރާއްޖޭގެ ރިޒާވް 893.4 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމެންވާއިރު ރާއްޖޭގެ ރިޒާވްއެއް ބިލިއަން ޑޮލަރަށް މަތިކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 281 މިލިއަން ޑޮލަރު. އެއީ ގާތްގަނޑަކަށް ތިން މަހުގެ އެކްސްޕޯޓަށް ފުދޭވަރުގެ ރިޒާވްއެއް. މިއަދުގެ މިހާތަނަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވްވަނީ 308 މިލިއަން ޑޮލަރަށް އިތުރުވެފައި. މިއީ 2012 ވަނަ އަހަރަށްފަހު ޔޫޒަބަލް ރިޒާވް މިހާ މައްޗަށް ޖެހުނު ފުރަތަމަ ފަހަރު،" ރައީސް ވިދާޅުވި އެވެ.

ރިޒާވް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރުން އަމާޒެއް

ރައީސް ވިދާޅުވީ އިގްތިސާދީ ދުވެލި 7.6 ޕަސެންޓުގައި ހިފެހެއްޓޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. މި އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުންނާނީ 1.3 ޕަސެންޓުގައި ކަމަށެވެ.

"ސަރުކާރުން އަމާޒު ހިފާފައި މިވަނީ އިގްތިސާދީ ބޮޑު ކުރިއެރުމެއް ހޯދައި، މިވެރިކަމުގެ ދައުރު ނިމޭއިރު، ދައުލަތުގެ ރިޒާވް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރުމަށް. މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރު ހިލޭއެހީ އާއި އާމްދަނީގެ ގޮތުގައި 21.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި 25.5 ބިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށާ، މި އަހަރު ނިމުނުއިރު ބަޖެޓުގެ ޑެފިސިޓް އޮތީ 3.5 ބިލިއަން ރުފިޔާ ޑެފިސިޓްވެފައި ކަމަށެވެ. އަދި އާ ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް އަހަރު ލިބޭ އާމްދަނީ 30 މިލިއަން ރުފިޔާ އަށް އިތުރު ކުރުން ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ އިގްތިސާދަށް މިހާރު ލިބެމުން އަންނަ ކުރިއެރުމާއެކު، މި އަހަރުގެ ތެރޭގައި ދައުލަތަށް 23.3 ބިލިއަން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ. މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު 7.8 އިންސަންތަ ކުރިއެރުމެއް. މީގެ ބޮޑު އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ،" ރައީސް ވިދާޅުވި އެވެ.