ހަބަރު

މާލޭގައި ސަރުކާރުގެ އިތުރު އިމާރާތެއް ނާޅާނެ

މާލޭ ސިޓީގައި ދެން އިތުރު އިމާރާތެއް ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ
އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވިިއިރު ނިމިދިޔަ ސަރުކާރުން ވަނީ މާލޭގައި 25 ބުރީގެ އާ އިމާރާތްތަކެއް ބިނާކޮށްފަ އެވެ. އަދި ރަސްފަންނުގައި ފްލެޓްތަކެއް އެޅުމުގެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފަ އެވެ.

ފުރަތަމަ ފަހަރަށް ރިޔާސާ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ، މާލޭގެ ހަލަބޮލިކަމާއި ދަތިތަކަކީ އެކަމުގެ އަސަރު މުޅި ރާއްޖެއަށް ކުރާ ކަމެއް ކަމަށެވެ. ތޮއްޖެހުން ނައްތާލައި މާލެއަކީ ދިރިއުޅޭ މީހުންނަށާއި މާލެއަށް ޒިޔާރަތްކުރާ މީހުންނަށް ވެސް ހިތްފަސޭހަ އަމާން މާހައުލަކަށް ހެދުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

"އެގޮތުން މާލޭގައި ހުސް ޖާގަ އިތުރުކުރުމަށް ސަރުކާރުގެ އިތުރު އެއްވެސް އިމާރާތެއް ނުހެފުމަށް މި އަސަރުކާރުން ވަނީ ނިންމާފައި، އަދި މާލޭގައި މިހާރު ހުރި ބައެއްް ބިންތައް ހުސްކޮށް ހުރިހާ އުމުރިފުރައެއްގެ މީހުންނަށް ވެސް އަމާންކަމާއެކީ އުޅެވޭ ފަދަ ޖަޒީރާ މާހައުލަކަށް ބަދަލު ކުރެވޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމުގެ އެންމެ މުހިންމު ބަޔަކީ މި ގައުމުގެ ނާޒުކު ތިމާވެށި ކަމަށާއި ރާއްޖޭގެ ޖަޒީރާވަންތަ ސިފަ ދެމެހެއްޓުމަށްޓަކައި ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ރަށްރަށުގެ ގުދުރަތީ ވެށި ހިމާޔަތްކުރުމުގެ މަސައްކަތް ހާއްސަ އިސްކަމެއް ދީގެން ކުރައްވާނެ ކަމަށެވެ.

"ރާއްޖެއަކީ މާކަނޑުގެ ރާއްޖެއަކަށްވީ ހިނދި، މި ގައުމުގެ ދިރުން ގުޅިފައިވަނީ ކަނޑުތަކާއި ފަރުތަކާއި ހޭޅިފަށާއި އެ ތަންތަނުގެ ދިރުމާ، ރަށްތަކުގެ ދިރުން ރައްކާތެރިކޮށް އަންނާން އޮތް ޖީލުތަކަށް މި ރާއްޖެ ވާސިލުކޮށް ދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަކީ މުއްސަނދި ތަރިކައަކާއި ޒަމާންޗީ ސަގާފަތެއް އޮތް ގައުމެއް ރާއްހޭގައި ސަގާފީ ތަރިއަކަށް ގާނޫނުގެ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި އެކަމާ ގުޅޭ ބިލެއް އަހަރުގެ ތެރޭގައި މަޖިލީހަށް ފޮނުވަން ގަސްދުކުރައްވާ ކަމަށެވެ.

"ތަރިކައިގެ ގޮތުގައި ބެލެވޭ ދުވަސްވީ ބިނާތަކާއި އާސާރު އެކުލެވޭ ތަންތަން ބެލެއްޓުން ކައުންސިލްތައް މެދުވެރިކޮށް ހަރުދަނާ ކުރެވިގެންދާނެ، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ސަގާފީ ތަރިކަ ބޭނުންކޮށްގެން ސަގާފީ ތަރިކަ ޑޮކިއުމެންޓް ކުރުމުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ފެށޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ތަރައްގީގެ ހުރިހާ ކަމެއް ވެސް ބައްޓަން ކުރާނީ ގުދުރަތީ ރީތި ރާއްޖެ ދެމެހެއްޓޭނެ ގޮތަށް ކަމަށާއި ރައްކާތެރި އަދި ދެމެހެއްޓެނިވި ވެއްޓެއް ރާއްޖޭގައި ކަށަވަރު ކުރެވޭނީ ގުދުރަތީ އަގުހުރި ވަސީލަތްތައް އޭގެ އަސްލު ނުގެއްލޭނެ ގޮތަށް ބެލެހެއްޓިގެން ކަމަށެވެ.

"ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖޭގެ ނަން އަނެއްކާވެސް ފަލާލާނީ ތިމާވެށީގެ ލީޑަރެއްގެ ގޮތުގައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ މި އަހަރުގެ ތެރޭފައި އެކުލަވާލެވޭ ގްރީން ފަންޏަށް ހާއްސަކޮށް އެ ފައިސާ ހަރަދުކުރުމަށް މިހާރު ނިންމާފައިވަނީ ތިމާވެށި ހިމާޔަތް ކުރުމަށް ކަމަށެވެ. ސާފު ބޯފެން ފޯރުކޮށްދިނުމަށާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ކުރެވޭ މަސައްކަތްތައް ކަމަށެވެ.

ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިއާދަކުރުވަނިވި ހަކަތައިން ކަރަންޓު އުފެއްދުން އިތުރުކުރުމުގެ ގޮތުން މި އަހަރުގެ ތެރޭގައި 82 ރަށެއްގައި އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމް ކުރާނެ ކަމަށާއި އިއާދަކުރަނވި ހަކަތައިން ކަރަންޓު އުފެއްދޭ މިންވަރު މިހާރާ އަޅާބަލާއިރު ދެގުނަ އިތުރުވާނެ ކަމަށެވެ.