ކޯޓުތަކާއި ފަނޑިޔާރުން އިސްލާހުގެ މަގަށް ރުޖޫއަވަގެން ނޫނީ ގައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގަ އެވެ. ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ އަދުލު އިންސާފު ލިބޭނެކަން ޔަގީންކޮށްދިނުމަށްޓަކައި ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ މިހާރުން މިހާރަށް ކުރަން ޖެހިފައިވާ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.
"ކޯޓުތަކާއި ފަނޑިޔާރުން އިސްލާހުގެ މަގަށް ރުޖޫއަވެގެން ނޫނީ މި ގައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ވެރިކަމާ ހަވާލުވި ހިނދުން ފެށިގެން ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ހިޔަލުގައި ކުރަމުން ގެންދަވަނީ ގާނޫނުގެ ވެރިކަމެއް ކަމަށެވެ. ދައުލަތް ހިންގުމުގެ ހުރިހާ ކަމެއް މިސްރާބު ކުރެވިފައިވަނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ އިޖުތިމާއީ އަދާލަތު ގާއިމްކޮށްދިނުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ޑިކޮކްރެޓިކް ނިޒާމަށް ދައުލަތް އަނބުރާ ގެނައުމަށްޓަކައި ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ވަރަށް ގިނަ ކަމަށެވެ.
"މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މި މަޖިލިސް ވެސް އޮތީ ގާނޫނު އަސާސީއިން މި މަޖިލީހާ ހަވާލުކޮށްފައިވާ ޒިންމާތައް އަދާކުރިޔަ ނުދީ ކަސްތޮޅު އަޅުވާފައި، އެހެންކަމުން ދުސްތޫރީ ނިޒާމުގެ ރޫފަ ހެޔޮކުރުމަށްޓަކައި މަޖިލީހުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހޭ،" ރައީިސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ކޮރަޕްޝަނާއި ވައްކަމުގެ ޖަރާސީމުން އުމަގުނުވާ އެންމެ ގުނަވަނެއް މި ދައުލަތުގައި ނެތް ކަމަށެވެ. ފަސާދަ އާއި ހިޔާނާތުން ކިލަނބުނުވާ އެންމެ އިދާރާއެއް ވެސް މި ގައުމުގައި ނެތް ކަމަށެވެ.
"އެ ހާލަތަށް ގައުމު ދިޔައިރު ކޮރަޕްޝަން ހުއްޓުވާނެ ގާނޫނތަކާއި ގަވައިދުތައް ނެތީއެއް ނޫން، އެފަދަ މަައްސަަލަތައް ތަހުގީގުކޮށް ދައުވާކުރާނެ އިދާރާތައް ވެސް ހުރީ އާންމު އުސޫލުން ހިނގަހިނގާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޮރަޕްޝަންގެ މޫތައް މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ ހިޔާނާތާއި ފަސާދައިގެ ކުރިމަތީގައި އެ މުއައްސަސާތަކުން ކުޑަކަކޫ ޖެހުމުން ކަމަށެވެ. ދައުލަތުގެ މުދަލާއި ފައިސާ ނާޖާއިިޒު ގޮތުގައި އަމިއްލަ ބަޔަކު ބޭނުން ކުރިއިރު އެކަމާ ދެކޮޅަށް އެކަށީގެންޗާ ފިޔަވަޅު ނޭޅުމުން ކަމަށެވެ.
"ހިޔާނާތުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމަށް އެކުލަވައިލި ކޮމިޝަންގެ މަސައްކަތް ފަށައިގަނެ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ ގިނަ އަދަދެއްގެ ލިޔެކިތުންތައް މިހާރު ވަނީ ހޯދާފަ، ބޭރުގެ ތަޖުރިބާކާރުންގެ ފަންނީ އެހީތެރިކަމާއެކު ތަހުގީގުތައް ފަށާފައިވާއިރު ބޭރު ގައިމުތަކުގެ އިދާރާތަކުގެ އެހީތެރިކަން މި އަންނަނީ ހޯދަމުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ދައުލަތުގެ މުދަލާއި ފައިސާއާ ގުޅޭ ކޮރަޕްޝަނާއި ހިޔާނާތިގެ ހުރިހާ މައްސަލައެއްގެ ހަގީގަތާ ހަމައަށް ވާސިލުވެ އެ ފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާމެދު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.