ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލާފައި ވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ދުރާލައި އެކަމަށް ތައްޔާރުވެ، ރާވައިގެން ކަމުގެ ފުރިހަމަ ހެކި ލިބިފައިވާ ކަމަށް، އެ މައްސަލަ ތަހުގީގު ކުރުމަށް އެކުލަވާލި އދ ގެ ތަހުގީގު ޓީމުން ބުނެފި އެވެ.
އެ މައްސަލަ ތަހުގީގު ކުރާ ތިން ބޭފުޅުންގެ ޓީމްގައި އިސްކޮށް ހުންނަވާ، އދ ގެ ސްޕެޝަލް ރެޕަޓުއާ އަގްނިސް ކަލަމާޑް ތުރުކީއަށް ކުރެއްވި ދަތުރުފުޅަށް ފަހު ވިދާޅުވީ، ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ޚާޝުގްޖީ މަރާލި ވަގުތު ތުރުކީގެ އިންޓެލިނެޖްސުން ހޯދާފައިވާ އޯޑިއޯއެއްގެ ބައެއް އަޑުއެހުމުގެ ފުރުސަތު ތުރުކީއިން އެ ޓީމަށް ދީފައިވާ ކަމަށެވެ. އަދި އެ އޯޑިއޯގައިވާ ކަންކަމަށް ބަލާއިރު އެ ގަތުލު ހިންގާފައި ވަނީ ސައުދީ ސަރުކާރުގެ އިސް އޮފިޝަލުންތަކެއްގެ އޯޑަރަށް ކަން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަފްތާއެއްގެ މުއްދަތަށް ތުރުކީގައި ކުރެއްވި މަސައްކަތްތަކުގެ މައުލޫމާތު އިތުރަށް ދެއްވަމުން ކަލަމާޑް ވިދާޅުވީ، ތުރުކީއިން ހިންގި ޚާޝުގްޖީގެ ތަހުގީގަށް ސައުދީ ސަރުކާރުން ހުރަސް އަޅައި ދަތިކޮށްފައިވާ ކަމަށެވެ. އެގޮތުން ސައުދީ ކޮންސިއުލޭޓްގެ އެތެރޭގެ ފޮރެންސިކް ސާމްޕަލްތައް ނަގައި އެތަނުގެ އެތެރެ ތަހުލީލު ކުރުމަށް ތުރުކީގެ ތަހުގީގު ޓީމްތަކަށް ސައުދީ އިން އެކަށީގެންވާ ވަގުތު ދީފައިވާ ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ނަތީޖާއެއްގެ ގޮތުން އެކަށީގެންވާ މިންވަރަށް ތުރުކީގެ ޓީމްތަކަށް މައްސަލައިގެ ފޮރެންސިކް ތަހުލީލު ނުކުރެވިފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް ސައުދީއަށް ޒިޔާރަތް ކުރުމަށް ވެސް އެ ޓީމުން މިހާރު ވަނީ ސައުދީ ސަރުކާރުގައި އެދިފަ އެވެ. އެހެން ނަމަވެސް، އެ ޓީމަށް އެއްބާރުލުން ދިނުމަށް މިހާތަނަށް ވެސް ސައުދީ ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ.
އދ ގެ ޓީމްގެ ރިޕޯޓް ޖޫން މަހު އދ ގެ ސެކްރެޓަރީ ޖެނެރަލަށް ހުށަހެޅުމަށް ވަނީ ނިންމައިފަ އެވެ.
ޚާޝުގްޖީގެ މަރުގެ މައްސަލައިގައި އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ މައްޗަށް ތުހުމަތު ކުރެވުނު ނަމަވެސް ސައުދީ އިން އެކަން ދޮގު ކުރެ އެވެ. އަދި އެ މައްސަލައިގައި 21 މީހަކު ސައުދީ ސަރުކާރުން ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ވަލީއަހުދު މުހައްމަދުގެ ގާތް ބޭފުޅުން ހިމެނެ އެވެ.
އޭގެ ތެރެެއިން 11 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު، އޭގެ ތެރެއިން ފަސް މީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ސައުދީއިން އަންނަނީ މަސައްކަތް ކުރަމުން އެވެ. ކަލަމާޑް ވިދާޅުވީ އެ 11 މީހުންގެ ޝަރީއަތުގެ ކަންކަން އިންސާފުވެރިކަމާ އެކު ކުރިއަށް ދާނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ.
ޚާޝުގްޖީ ގަތުލު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ތުރުކީއާ ހަވާލު ކުރުމަށް އެ ގައުމުގެ ސަރުކާރުން މީގެ ކުރިން އެދިފައިވެ އެވެ. އެހެން ނަމަވެސް އެކަމަށް ދެކޮޅު ހަދައި ސައުދީ ސަރުކާރުން ބުނީ އެ މީހުންގެ މައްޗަށް ޝަރީއަތް ކޮށް އަދަބު ދޭނީ ސައުދީގައި ކަމަށެވެ. އަދި އެ ގަތުލު ހިންގީ، ސައުދީ ސަރުކާރުގެ ވެރިންނަށް އެނގިގެން ނޫން ކަމަށާއި އެކަން ކުރީ ސައުދީ ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ ބަޔަކު އެ މީހުން އަމިއްލަ އިސްނެގުމަކަށް ކަމަށް ވެސް ސައުދީ އިން ވަނީ ބުނެފަ އެވެ.