ދުނިޔެ

ވިހަ ރަލެއް ބޮވިގެން އިންޑިއާގައި 39 މީހަކު މަރުވެއްޖެ

ވިހަ މާއްދާއެއް ހުރި ރަލެއް ބޮވިގެން، އުުުތުރު އިންޑިއާގައި 39 މީހަކު މަރުވެ އެތައް ސަތޭކަ ބަޔެއްގެ ހާލު ގޯސްވެ އެޑްމިޓް ކުރަން ޖެހިއްޖެ އެވެ.

ހުއްދަނެތި އުފެއްދާފައި ހުރި އެ ރާތައް ބޮވިގެން 26 މީހަކު މަރުވީ އުއްތުރަ ޕްރަދޭސްގަ އެވެ. އަދި 13 މީހުން މަރުވީ އަވަށްޓެރި، އުއްތަރަޙާންދުގަ އެވެ. އިންޑިއާގެ ފުލުހުން ބުނީ، ރާ ބޮވިގެން މަރުވި މީހުންނަކީ އެ ދެ އަވަށުގައި ބޭއްވި ހަފްލާއެއްގައި ބައިވެރިވި ބަޔަކު ކަމަށެވެ.

ހުއްދަ ނުނަގާ، ވަގަށް ރާ އުފެއްދުމަކީ އިންޑިއާގައި ވަރަށް އާންމު މައްސަލަ އެކެވެ. މިގޮތަށް ލައިސަންސް ނުނަގާ ރާ އުފެއްދުމުގެ ތެރޭގައި، ވިހަ މާއްދާތައް އޭގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ އެވެ. އެހެން ނަމަވެސް، އިންޑިއާގައި ފަގީރުންގެ އާބާދީ ބޮޑުވުމުގެ ސަބަބުން، ހުއްދަ ނުނަގާ ރާ އުފައްދާ ފަރާތްތަކުގެ އަތުން ރާ ގަންނަ މީހުން ގިނަ އެވެ.

އިންޑިއާ ފުލުހުން ބުނީ، ވިހަ ރަލެއް ބޮވިގެން 39 މީހުން މަރުވެ އެތައް ބަޔެއްގެ ހާލު ގޯސްވެ ފަރުވާދެމުން އަންނަ މައްސަލައިގައި އެ އަވަށުގެ ސަރުކާރުގެ 35 އޮފިޝަލަކު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 12 ޕޮލިސް އޮފިސަރުން ވެސް ހިމެނެ އެވެ.