ރިޕޯޓް

ސުޕްރީމް ކޯޓް ލަފަޔަށް ގާޒީން ބަދަލުކުރުން، ގޯހެއްތަ؟

ދަށު ކޯޓުތަކުގެ ގާޒީއިން އެއިރެއްގެ މޫސުން އޮންނަ ގޮތަކަށް ބަދަލު ކުރާ މަންޒަރަކީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ވަރަށް އާންމު މަންޒަރެކެވެ. ބައެއް ފަހަރު ހާއްސަ ސަބަބެއް ނޫނީ ޝަކުވާއެއް ނެތި ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ގާޒީންނަށް އެ ފިޔަވަޅު އަޅާއިރު، ސުޕްރީމް ކޯޓުގެ ހުށަހެޅުމަށް ވެސް ގާޒީއިން ބަދަލު ކުރެއެވެ. މިހާރު މިއޮތް ސުވާލަކީ މިއީ ނުފޫޒަކަށް ނުވާނެ ހެއްޔެވެ؟

މީގެ އެންމެ ފާހަގަކޮށްލެވޭ މައްސަލައަކަށް ވާނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަބްދުލް ބާރީ ޔޫސުފް ކުއްލި ގޮތަކަށް، ރެއިން ރެއަށް ކުޑަކުދިންގެ ކޯޓަށް ބަދަލު ކުރަން ނިންމި ނިންމުމެވެ. ޖޭއެސްސީގެ އެ ނިންމުން އައީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަ ގާޒީ ބާރީ ރިޔާސަތުގައި އިންނެވި ބެންޗަކުން ބާތިލްކޮށް އަނބުރާ ފޮނުވާލުމާއެކުއެވެ. ގާޒީ ބާރީއާއެކު، އެ ބެންޗުގައި ދެން އިންނެވި އެހެން ގާޒީއަކު ވެސް އާއިލީ ކޯޓަށް ބަދަލު ކުރިއެވެ. އެ ބަދަލާއެކު ގާސިމްގެ މައްސަލަ ކުރިމިނަލް ކޯޓުގައި އަލުން ކުރިއަށް ދިޔައެވެ. އޭރު އެ ދެ ގާޒީން ކުރިމިނަލް ކޯޓުން ނެރެ "އެއްލައިލީ" ބަޔަކު ބޭނުންވި ގޮތަށް ހުކުމެއް ނުނެރުމުން ކަމަށް ތުހުމަތުކުރާ މީހުން ގިނައެވެ.

މިގޮތަށް ދަށު ކޯޓުތަކުގެ ގާޒީއިން މަސައްކަތް ކުރައްވާ ކޯޓު ކުއްލި ގޮތަކަށް ބަދަލު ކުރަނީ ޖޭއެސްސީއަށް ސުޕްރީމް ކޯޓުން ހުށަހަޅާ ހުށަހެޅުމެއްގެ ސަބަބުންނެވެ. ސުޕްރީމް ކޯޓުން ލިޔުން ޖޭއެސްސީގައި އެދެނީ މިވެނި ގާޒީއެއް އެވެނި ކޯޓަކަށް ބަދަލުކުރުމަށެވެ. މިކަމަކީ ނުރައްކާ ކަމެއް ކަމަށް ބުނެ މި ބަހުސް އަބަދުވެސް ކުރެވެއެވެ.

ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވި ގޮތުގައި ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ނޫން ގޮތަކަށް ރުހުމެއް ނެތި ފަނޑިޔާރަކު އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމަކީ ފަނޑިޔާރުންގެ މުސްތަގިއްލުކަމާ ހިލާފު ޣައިރު ދުސްތޫރީ އަމަލެކެވެ.

ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ހުށަހެޅުމަކަށް ބިނާކޮށް ޖޭއެސްސީއިން ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލު ކުރުމުން ޝަރުއީ ދާއިރާގެ މިނިވަންކަން ނެތްކަން ހާމަވެއެވެ. އަދި، ގާނޫނު އަސާސީއިން ޖޭއެސްސީއާ މަތިކޮށްފައި އޮތް މަސްއޫލިއްޔަތު އަދާކުރުމުގައި އެ ކޮމިޝަން ފެއިލްވެފައި އޮތް މިންވަރު ވެސް އެނގެއެވެ.

ގާނޫނު އަސާސީގައި އޮތީ ޖޭއެސްސީއަކީ ވަކި ފަރާތަކަށް ނުޖެހޭ މިނިވަން މުސްތަގިއްލު މުއައްސަސާއެކޭއެވެ. އަދި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން އައްޔަންކުރުމާއި މަގާމުގެ ކުރިއެރުން ދިނުމާއި، ބަދަލު ކުރުން އޮތީ އެ ކޮމިޝަނަށް އޮންނަ ބާރެއްގެ ގޮތުގައެވެ.

އެގޮތާ ޖޭއެސްސީ ހިލާފުވާ ކަމަށް ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީއިން ގަބޫލުކުރެއެވެ. އެ ޕާޓީއިން އަންނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އިސްލާހު ކުރާނެ ކަންކަމުގެ ތެރޭގައި އެކަން ހިމަނައިގެން އުޅެނީ އެހެންވެއެވެ. އެ އިސްލާހުތައް ގެނައުމަށް އެންމެ އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވިސްނުމަކީ ގާޒީއެއްގެ ޝަކުވާއެއް ނުވަތަ މައްސަލައެއް ނެތް ހާލުގައި އޭނާ މަސައްކަތް ކުރާ ކޯޓު ބަދަލު ނުކުރެވޭ ގޮތް ހެދުމެވެ.

އޭގެ އިތުރުން ގާޒީއިން ބަދަލުކުރާ ހާލަތުގައި ވެސް އެއީ ހަމައެކަނި ޖޭއެސްސީގެ ދައުރު އޮންނަ ކަމެއްގެ ގޮތުގައި ސާފުކޮށް ބަޔާން ކުރުން ކަމަށް މަޖިލީހަށް ވެސް ވާދަކުރައްވާ ހިސާން ވިދާޅުވެއެވެ.

މިހާރު ވެސް ގާނޫނު އަސާސީގެ ރޫހަކީ ގާޒީންގެ މައްސަލަތައް ބަލާނީ ހަމައެކަނި ޖޭއެސްސީކަން ގަބޫލު ކުރުމެވެ. ނަމަވެސް ސާފުކޮށް ބަޔާން ކުރަން ޖެހެނީ އެއާ ހިލާފަށް ބައެއް އުސޫލުތައް ހަދާފައިވާތީއެވެ. އެމްޑީޕީގެ އިސްލާހުގެ ރޫހަކީ ގާޒީންނަށް ފިޔަވަޅު އެޅުމުގައި ސުޕްރީމް ކޯޓުގެ ލަފަ އާއި ހުށަހެޅުންތައް ޖޭއެސްސީއަށް ނުދެވޭ ގޮތް ހެދުމެވެ.

"ހަމަ ހުރެފައި ގާޒީއަކު އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމަކީ އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ކަމެއް ނޫން، އޭރަށް އޭނާއަށް ޔަގީން ކަމެއް ނުލިބޭ ގާނޫނު އަސާސީގައި ކަށަވަރު ކޮށްދީފައިވާ ގޮތަށް އޭނާއަށް އޭނާގެ މަގާމުގައި ހުރެވޭނެ ކަމެއް، އޭނާގެ މަގާމުގެ މަސްއޫލިއްޔަތު ގާނޫނާ އެއްގޮތަށް އަދާ ކުރުމުގައި ހުއްޓާ އިތުރު މައްސަލައެއް ޝަކުވާއެއް ނެތި އޭނާ އެ ހުރި ކޯޓުން އޭނާ ބަދަލު ކުރެވުން އެއީ އޭނާގެ މައްޗަށް ފޯރުވޭނެ ނުފޫޒެއް ނޫން ގޮތަކަށް އަޅުގަނޑުމެންނަކަށް ނުފެނޭ،" ހިސާން ހުސެއިން ވިދާޅުވިއެވެ.

ކުއްލި ގޮތަކަށް މަސައްކަތް ކުރާ ކޯޓު ބަދަލުކުރި ގާޒީއަކު ވިދާޅުވި ގޮތުގައި އޭނާ އައްޔަން ކުރި ކޯޓު ނޫން އެހެން ކޯޓަކަށް އަހާލުމެއް އަދި ރުހުމެއް ނެތި ބަދަލު ކުރުމަކީ ނަފްސާނީ ގޮތުން ވެސް ގިނަ ގެއްލުންތަކެއް ލިބުނު ކަމެކެވެ. އޭގެއިތުރުން ގާނޫނީ ގޮތުން ވެސް އެއީ ހަމަޖެހޭ ކަމެއް ކަމަށް އޭނާ ގަބޫލެއް ނުކުރައްވައެވެ.

"ކޯޓު ބަދަލުކުރަނީ ޕްރޮމޯޝަނެއްގެ ގޮތުން ކަމެއް، ޑީމޯޝަނެއްގެ ގޮތުން ކަމެއް، ފިޔަވަޅެއްގެ ގޮތުން ކަމެއް ވެސް ނޭނގެ، މައްސަލަ ބަލާ ކަމެއް ވެސް ނޭނގޭ، ކުއްލިއަކަށް އެނގެނީ ކޯޓު ބަދަލު ކޮށްފިކަން، މިއީ އެންމެ ރަނގަޅު ގޮތް ކަމަކަށް ނުދެކެން،" އެ ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވި ގޮތުން ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ ފުރިހަމަ ބާރު އޮންނާން ޖެހޭނީ ޖޭއެސްސީގައެވެ. ފަނޑިޔާރެއް މަސައްކަތް ކުރާނެ ކޯޓަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ގޮތެއް ހުށަހެޅުމަކީ ގާނޫނު އަސާސީގެ ރޫހެއް ނޫނެވެ.

ސުޕްރީމް ކޯޓުން ލަފަޔާއި އިރުޝާދު ދޭނަމަ، ދޭން ޖެހޭނީ ފަނޑިޔާރުން ކުރިއަށް ގެންދާ ޝަރީއަތްތަކާ ގުޅިގެން ކަމާއި ފަނޑިޔާރުންނަށް ފިޔަވަޅު އެޅުމަށް ސުޕްރީމް ކޯޓުން ލަފާ ދީގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިކަމުގައި ހިޔާލު ތަފާތުވާ ބޭފުޅުން ވެސް އުޅުއްވައެވެ. އޭގެ އެއް ވަކީލަކީ މަހުފޫޒު ސައީދެވެ. އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ހުށަހެޅުންތަކާއި ލަފާ ޖޭއެސްސީއަށް ހުށަހެޅިދާނެއެވެ. އެއީ އެ ކޮމިޝަންގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް އިންނަވަނީ ވެސް އެ ބޭނުމުގައެވެ. ސުޕްރީމް ކޯޓަކީ އަދުލުއިންސާފުގެ ނިޒާމްގެ އެންމެ މަތީ ފަރާތް ކަމުގައިވާއިރު އެ ޒިންމާގެ ދަށުން އެ ކޯޓަށް ފެންނަ ފެނުމެއް ޖޭއެސްސީއަށް ހުށަހެޅުމަށް ހުރަހެއް ނެތް ކަމަށް މަހުފޫޒު ވިދާޅުވެއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއް ވެސް އެބަ އިންނަވާ ޖޭއެސްސީގައި އެއީ ރައީސަށް ފެނިލައްވާ ކަންކަން ހުށަހެޅުމަށާއި ލަފާ ދެއްވުމަށް، އެކަމަކު އެއީ ރައީސް ޖޭއެސްސީއަށް ނުފޫޒު ފޯރުވަނީއެކޭ ނުބުނެވޭނެ، އެގޮތުގެ މަތިން ސުޕްރީމް ކޯޓަށް ފެންނަ ހުށަހެޅުމެއް ހުށަހެޅުމަކީ ޖޭއެސްސީއަށް ނުފޫޒު ފޯރުވުމެއް ނޫން، ޝަރުއީ ނިޒާމް ހަރުދަނާ ކުރަން ސުޕްރީމް ކޯޓަށް ފެންނަ ހުށަހެޅުން ހުށަހެޅުމުގައި ގޯހެއް ނެތް،" މަހުފޫޒު ވިދާޅުވިއެވެ.

އެހެންނަމަވެސް ސުޕްރީމް ކޯޓަށް ވަކި ފަނޑިޔާރަކު ބަދަލު ކުރަން ފެންނަ ކަމަށް ހުށަހެޅިޔަސް، ޖޭއެސްސީން ސުޕްރީމް ކޯޓުން ހުށަހަޅާ ގޮތަށް ނިންމައިގެން ނުވާނެއެވެ. އެ ނިންމުން ވާން ޖެހޭނީ ޖޭއެސްސީގެ އަމިއްލަ އިހްތިޔާރުން ނިންމާ ނިންމުމަކަށް ކަމަށް މަހުފޫޒު ވެސް ވިދާޅުވެއެވެ. އަދި، ބަދަލު ކުރަން ނިންމާ ނިންމުން ވާންޖެހޭނީ އެ ފަނޑިޔާރަކަށް އެނގިގެން، ރުހުމާއެކު ނިންމާ ނިންމުމަކަށް ކަމަށް އޭނާ ވެސް އެއްބަސްވެ ވަޑައިގަންނަވައެވެ.

މިއީ އަދި އިތުރަށް ފުޅާވާނެ ބަހުސެކެވެ. ގާނޫނު އަސާސީގައި މުއައްސަސާތަކާއި ދައުލަތުގެ ބާރުތަކުގެ ވެސް ބާރާއި ހުދޫދާއި މަސްއޫލިއްޔަތު ވަރަށް ސާފުކޮށް އޮތީ ލިޔެފައެވެ. އެ ހޫދުގެ ތެރޭގައި މުސްތަގިއްލު ކަމާއެކު، އިތުބާރު ހިފޭ ގޮތަށް އަމަލު ކުރާ ނަމަ، މިފަދަ ހިޔާލު ތަފާތުވުންތައް ބޮޑުވެގެން ނުދާނެއެވެ.