ހަބަރު

ރާއްޖޭގެ ކަނޑުން ހޮވާ ޕްލާސްޓިކުން ބޫޓު އުފެއްދުން އެޑިޑާސް އިން އިތުރުކޮށްފި

Feb 10, 2019
5

ކަނޑުތަކުން އުކާލާ ޕްލާސްޓިކުން ބޫޓު އުފެއްދުން އިތުރުކޮށްފައިވާ ކަމަށް މަޝްހޫރު އެޑިޑާސް ކުންފުނިން ބުނެފި އެވެ.

އެޑިޑާސް ކުންފުންޏާ ހަވާލާދީ، ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި 2017 ވަނަ އަހަރު ކަނޑުން ހޮވާ ޕްލާސްޓިކުން އެއް މިލިއަން ބޫޓު އުފެއްދި އެވެ. ނަމަވެސް 2018 ވަނަ އަހަރު މި އަދަދު އަށް މިލިއަން ބޫޓަށް އިތުރުކޮށް، މި އަހަރު މި އަދަދު 11 މިލިއަން ބޫޓަށް އިތުރު ކޮށްފައިވާނެ ކަމަށް ބުނެފައިވެ އެވެ.

ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން އެޑިޑާސްގެ އިޖުތިމާއީ ޒިންމާގެ ބައެއްގެ ގޮތުގައި ފެށި، މި މަޝްރޫއުގެ ދަށުން ރާއްޖޭގައި އުކާލާ ޕްލާސްޓިކާއި ރާއްޖޭގެ ފަރުތަކާއި، މޫދު ސާފުކޮށްގެން ނަގާ ޕްލާސްޓިކް ބޭނުންކޮށްގެން އެޑިޑާސް ކުންފުނިން ފަރުމާ ކޮށްފައިވާ ފުރަތަމަ ހޭންޑްމޭޑް 100 ބޫޓު ގެ ތެރެއިން ބޫޓެއް 2016 ވަނަ އަހަރު ވަނީ އޭރު، ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީނަށް ހަދިޔާ ކުރައްވާފަ އެވެ

މި މަސައްކަތް ދުނިޔޭގައި ކުރަނީ ދުނިޔޭގެ ކަނޑުތައް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާ ޕާލޭ އިންނެވެ. މިގޮތުން ރާއްޖޭގެ ގޮނޑުދޮށްތަކުން ނަގާފައިވާ ފަސް މިލިޔަން ހަ ސަތޭކައަށް ވުރެ ގިނަ ޕްލާސްޓިކް ފުޅި އެ ކުންފުނިން އެފަހަރު އެޑިޑާސް ކުންފުންޏަށް ފޮނުވާފައިވެ އެވެ.

ކަނޑު ޕްލާސްޓިކުން ހަދާފައިވާ ބޫޓު ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން މިހާރު ދަނީ ބޭނުން ކުރަމުންނެވެ. މީގެ އިތުރުން އެޑިޑާސް ކުންފުނިން ވަނީ 2016 ވަނަ އަހަރުން ފެށިގެން އެޑިޑާސްގެ ފިހާރަތަކުގައި ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ބޭނުން ކުރަމުންދަނީ ކަރުދާސް ކޮތަޅެވެ. އަދި މިއީ 70 މިލިއަން ކޮތަޅުގެ މަދުވުމެއް ކަމަށް އެ ކުންފުނިން ބުނެ ފައިވެ އެވެ.