ވިޔަފާރި

މެދުއިރުމަތީގެ އޯޓީއާރް ފެއާގައި މަޓާޓޯ

މެދުއިރުމަތީގެ އެންމެ ގިނަ މީހުން ބައިވެރިވާ އެއް ފެއާގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓްއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބައިވެރިވެއްޖެ އެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގައި މިމަހުގެ 10 އިން 13 އަށް ކުރިއަށްދާ މިޑްލްއީޓްސް އައުޓް ބައުންޑް ޓްރެވަލް ޝޯ (އޯޓީއާރް) ހާއްސަަ ވަނީ ދުނިޔޭގައި އެންމެ ހަލުއި ކަމާއެކު ކުރިއަރަމުން އަންނަ ގައުމުން ބޭރަށް ދަތުރުކުރާ މީހުން ތިބި މެދުއިރުމަތީގެ ގައުމުތަކަށެވެ. މިއީ މެދުއިރުމަތީގައި ބާއްވާ ޓޫރިޒަމް ވިޔަފާރީގެ އެންމެ ހާއްސަ އެއް އިވެންޓެވެ.

މަޓާޓޯ އިން ބުނީ އެ ފެއާގައި ރާއްޖޭން ދެ ކުންފުންޏަކުން ބައިވެރިވެފައިވާނެ ކަމަށެވެ.

މެދުއިރުމަތީގެ ގައުމުތަކުން ބޭރުގައި ޗުއްޓީ ހޭދަކުރާ އާބާދީ އަންނަނީ ބޮޑު ކުރިއެރުމެއް ހޯދަމުންނެވެ. ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ ޑަބްލިއުޓީއޯގެ ހިސާބުތައް ދައްކާ ގޮތުގައި 1990 ވަނަ އަހަރު މި ސަރަހައްދުން ބޭރުގައި ޗުއްޓީ ހޭދަކުރި މީހުންގެ އަދަދު އުޅެނީ 8.2 މިލިއަންގަ އެވެ. ނަމަވެސް މިހާރު މި އަދަދު ވަނީ 36.2 މިލިއަން މީހުންނަށް އިތުރުވެފަ އެވެ.

މަޓާޓޯ އިން ދަނީ ސައޫދީ އަރަބިއްޔާގައި އޮންނަ ރިޔާދު ޓްރެވަލް ފެއާގައި ބައިވެރިވާން ވެސް ތައްޔާރު ވަމުންނެވެ. މި ފެއާ އޮންނާނީ އަންނަ މަހުގެ 28 އިން 30 އަށެވެ.

ޓޫރިޒަމް ފެއާތަކުގައި ރާއްޖެ ބައިވެރިވާއިރު އެ ފެއާތަކުގެ ހަބަރުތައް ރާއްޖެއަށް ގެނެސް ދިނުމަށް އާންމުކޮށް ދިވެހި ނޫސްވެރިންން ބައިވެރި ކުރި ނަމަވެސް ފަހަކަށް އައިސް ނޫސްވެރިންނަށް ފުރުސަތު ދިނުމުގެ ބަދަލުގައި ފުރުސަތު ދެނީ މީޑިއާއިން ހޮވާލާ ވަކި ފަރާތްތަކަކަށެވެ.