ލައިފްސްޓައިލް

"ހީލީމާ" ދެވަނަ ފަހަރަށް ހީލައިފި!

މަރިޔަމް އައްޒަ އާއި އިސްމާއީލް ޖުމައިހު 2016 ވަނަ އަހަރު ފެނިގެންދިޔަ ހިތްގައިމު ލަވަ "ހީލީމާ" ގެ ސީކްއެލް ލަވައިގެ ޓީޒާ އެއް ދައްކާލައިފި އެެވެ.

"ހީލީމާ" ގެ ދެވަނަ ލަވައެއް އުފައްދަނީ "ބޭނުން" ގެ ނަމުގަ އެވެ. މިފަހަރުގެ ލަވައިން ފެންނަނީ މި އަހަރު ރާއްޖޭގައި ބޭއްވި އިންޓަނޭޝަނަލް ފެޝަން މުބާރާތް "ޓޮޕް މޮޑެލް މޯލްޑިވްސް" ކާމިޔާބުކުރި ޖަމްޝީދާ ޖަމްޝީދު އާއި ޒުވާން ފިރިހެން މޮޑެލް މުހައްމަދު އިޝްފާން އެވެ. މި ލަވައިގައި އައްޒަ އާއި ޖުމާގެ ގޮތުގައި ޖަމްޝީދާ އަދި އިޝާން ފެންނަ އިރު ކުރީގެ ލަވައިގައި ފެނުނު މޫދުގެ މަންޒަރުތަކަކާ މި ލަވައިގެ މަންޒަރުތައް ފުރިހަމަ ވެފައި ވަރަށް ވައްތަރެވެ.

ހީލީމާގެ ދެވަނަ ލަވަައިގެ ޓްރެއިލާ ރިލީޒް ކޮށްފި

އައްޒަ އާއި ޖުމާގެ ލަވައިގައި އެންމެ ބޮޑު މަގުބޫލުކަމެއް ލިބުނު ހެދުންތައް މި ލަވައިގައި ވެސް ދައްކުވައި ދެނީ ވަރަށް ފުރިހަމަ އަށެވެ. އެއް ހެދުމެއް ބޭނުންކޮށްފައި ނެތަސް "ހީލީމާ" ދެވަނަ ލަވައިގައި ޖަމްޝީދާ ފެންނަނީ ތަފާތު ފަރި ހެދުންތަކެއްގަ އެވެ.

"މިއީ ކުރީގެ ލަވައިގެ ރިކްރިއޭޝަން ލަވައެއް، މުޅިން އާ މިއުޒިކާއި ވީޑިއޯއެއް ފެނިގެންދާނީ، ނަމަވެސް ކުރީގެ ލަވައިން ގެނެސްދިން ކަހަލަ ފީލްއެއް މި ލަވައިން ވެސް ގެނެސްދޭނަން،" މި ލަވަ އުފެއްދުމާ ބެހޭގޮތުން ޕްރޮޑަކްޝަން ޓީމުން މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވަނީ ބުނެފަ އެވެ.

ތިން ލައްކަ ރުފިޔާ ހަރަދު ކޮށްގެން ތައްޔާރުކުރި "ހީލީމާ" އަކީ މިހާތަނަށް ރާއްޖޭގައި އުފެއްދި އެންމެ އަގު ބޮޑު ދިވެހި ވީޑިއޯ ލަވަ އެވެ. އައްޒަ އާއި ޖުމާގެ މި ލަވަ ވަނީ ރާއްޖެއިން ބޭރުގެ މަގުބޫލުކަން ވެސް ހޯދާފަ އެވެ. ރަޝިއާގެ ޓީވީ ޗެނަލެއް ކަމުގައިވާ އެޑެއިގޯ ޓީވީން އެ ޓީވީގެ ރަސްމީ ޓްވިޓާ އެކައުންޓްގައި މި ލަވަ ޓުވީޓް ވެސް ކުރި އެވެ. އަދި ލަވައިގެ މޭކިން ވެސް އެމީހުންގެ ޓްވީޓާގައި އާންމުކުރި އެވެ.

ހުސައިން ތައުފީގުގެ މިއުޒިކް އަކަށް އުފައްދާ މި ލަވައިގެ މެލޮޑީ ހަދާފައިވަނީ މީރާ މުހައްމަދު މާޖިދެވެ. އަދި ލަވަ ކިޔާފައިވަނީ، މަޝްހޫރު ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް އާއި މޯލްޑިވިއަން އައިޑަލް އިން މަގުބޫލުކަން ހޯދި ރައިހާން އާދަމް އެވެ.

މި މަހުގެ 14 ވަނަ ދުވަހު ރިލީޒް ކުރާ މި ލަވައިގެ ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައިވަނީ އިމޭޖިނޭޝަން ރިއަލިޓީއިންނެވެ. ރާއްޖޭގައި ފާހަގަކޮށްލެވޭ ދެ "މޮޑެލް" އާއެކު، ލަވަ ޝޫޓުކޮށްފައި ވަނީ ހުޅުމާލެ، ޅ. ހިންނަވަރު އަދި އއ. ތޮއްޑޫގައި އެވެ.