ޕާޓީ ޕްރައިމަރީގައި ނާކާމިޔާބުވުމުން އިންތިހާބުގައި ވާދަ ނުކުރެވޭނެ ގޮތަށް އޮންނަ ގާނޫނީ މާއްދާ ބާތިލު ކުރަން ސުޕްރީމް ކޯޓަށް ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި މައްސަލާގެ ޝަރީއަތް މާދަމާ ފެށުމަށް
ތާވަލުކޮށްފި އެވެ.
މާދަމާ މައްސަލާގެ ޝަރީއަތް ފަށާއިރު އެ މައްސަލަ ކޯޓަށް ހުށަހެޅީ އިއްޔެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީގެ މަގާމުގައި ހުންނެވި ޖާބިރު ވަނީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވައި ނާކާމިޔާބުވެފަ އެވެ. ޖާބިރު ވިސްނަވަނީ އަމިއްލަ ގޮތުން އެ ދާއިރާއަށް ކުރިމަތިލެއްވުމަށެވެ.
މި މަހުގެ 21 ވަނަ ދުވަހަށް އަންނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނެ އެވެ. އޭގެ ކުރިން މައްސަލާގައި ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.
އިންތިހާބުތަކާބެހޭ ގާނޫނަށް އެ ބަދަލު ގެނައީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީޕީއެމުން މިދިއަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށެވެ. އެ ބަދަލު ބާތިލު ކުރަން ޖާބިރު ކޯޓަށް ވަޑައިގަންނަވާ އިރު އެ މައްދާ އިސްލާހު ކުރުމަށް މިހާރު ވެސް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ވަނީ އިސްލާހެއް މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.
ނަމަވެސް މަޖިލީހުގެ ޖަލްސާތައް ފެށުމަށް ނިންމާފައިވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އެހެންކަމުން މަޖިލީހުން އެ ބިލާމެދު ގޮތެއް އަވަހަށް ގޮތެއް ނިންމޭނެ ކަމަކަށް ނުބެލެވެ އެވެ.