ހަބަރު

މަސް ބޯޓުތައް ތިމާވެއްޓާ ރައްޓެހި ގޭހަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މަސްވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރާ ތިން އުޅަނދެއް ތިމާވެށްޓާ ރައްޓެހި ގޭހަށް ބަދަލުކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީ އާއި މިފްކޯ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެންވަޔަރަމަންޓު މިނިސްޓްރީގައި މިއަދު ސޮއި ކުރި މި އެއްބަސްވުމަކީ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަށް 2020 ވަނަ އަހަރުގެ ނިޔަލަށް ނައްތާލުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ދަށުން ސޮއި ކުރި އެއްބަސް ވުމެކެވެ. މި އެއްބަސް ވުމުގެ ދަށުން މިފްކޯގައި މަސް ފިނި ކުރަން ގެންގުޅޭ ތިން އުޅަނދެއްގައި އެޗް.ސީ.އެފް.ސީ ގޭހުގެ ބަދަލުގައި ތިމާވެށްޓާ ރަށްޓެހި އަދި އޯޒޯން ފަށަލައަށް ގެއްލުންނުދޭ ގޭހަށް ބަދަލު ކުރާނެ އެވެ.

މި މަސައްކަތަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓްރީ އިން ލަފާކުރެ އެވެ.

މި ރަސްމިއްޔާތުގައި އެންވަޔަރަމަންޓު މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ އޯޒޯން ފަށަލައަށް ގެންލުންދޭ މާއްދާތައް ހުއްޓުވުމަށް ދުނިޔޭގެ ފެންވަރުގައިވެސް މަސައްކަތްތައް ކުރާ ކަމަށެވެ. އަދި މިއީ ރާއްޖެއިން މި މައްސަލަ ހައްލު ކުރުމަށް އަޅާ ފުރަތަމަ ފިޔަވަޅު ކަމަށާއި މި ދާއިރާގެ އެހެން ކުންފުނިތަކުންވެސް މި ގޮތަށް މަސައްކަތް ކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"މިއަދު މި ފަށާ މި މަސައްކަތަށްފަހު މި ކަން ރަމްޒީ ކަމަށް ވެދާނެ. އަޅުގަނޑުމެންނަކީ ކުޑަ ގައުމަކަށް ވިޔަސް މިއީ މިކަން ހުއްޓުވުމަށްޓަކައި މިއީ އެޅޭ ފުރަތަމަ ފިޔަވަޅު. އަދި މިއީ ރާއްޖޭގެ ނިސްބަތުގައި މިއީ ވަރަށް ބޮޑު މަސައްކަތެއް. އެހެންކަމުން، ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާގައި މަސް ފިނި ކުރުމުގެ މަސައްކަތުގައި ޝާމިލްވާ ކުންފުނިތަކުންނާއި ޓުއަރިޒަމް ސެކްޓާގައިވެސް މަސްފިނި ކުރުމުގެ މަސައްކަތް ކުރާ ކުންފުނިތަކުން ތިމާވެއްޓާ ރައްޓެހި އޯޒޯން ފަށަލައަށް ގެއްލުން ނުލިބޭ ބާވަތްތަކުގެ ގޭސް މިކަމަށް ބޭނުން ކުރުމަކީ އަޅުގަނޑުމެންގެ އިލްތިމާސް އެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން އެވެ. އަދި މިފްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އެވެ.