ދިވެހި ސިނަމާ

ގޮށްރާޅުގެ "ރާޅެއްހެން" ބެލުންތެރިންނަށް ދޫކޮށްލައިފި

ފިލްމު "ގޮށްރާޅު" އޮލިމްޕަހުގައި އެޅުވީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ފިލްމު ރިލީޒް ކުރުމާއެކު މި ފިލްމަށް ތައުރީފްތައް ލިބި، ފިލްމު ބަލަންދިޔަ ގިނަ ބަޔެއްގެ އެންމެ ބޮޑު އެދުމަކަށްވީ މި ފިލްމުގައި ހިމެނޭ ފުރަތަމަ ލަވަ، އައްފާންގެ "ރާޅެއްހެން" ފިލްމަށް ފަހު ވެސް ފެންނާނެ ގޮތަކަށް ހެދުމެވެ. ބެލުންތެރިންގެ އެދުމުގެ މަތިން "ގޮށްރާޅު" ޓީމުން މި ލަވަ ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

މި ލަވަ އަކީ މިއުޒީޝަން އައްފާންގެ އެންމެ މަގުބޫލުވީ ލަވަތަކުގެ ތެރެއިން ލަވަ އެކެވެ. ޔޫޓިއުބަށާއި ފޭސްބުކަށް އިއްޔެ އެލަވަ އަޕްލޯޑް ކޮށްފައިވާއިރު މި ފިލްމުގެ "ލޯބި" ފެށިގެން އަންނަ މަންޒަރުތައް ފުރިހަމަ އަށް ދައްކުވައިދެ އެވެ. މި ލަވަ ރިލީޒް ކުރުމާއެކު އެތައް ހާސް ވިއުސް އެއް މިހާރު އަންނަނީ ލިބެމުންނެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނިގޮތުގައި ފިލްމުގެ ޝޯތައް ނުނަގަނީސް މި ލަވަ ރިލީޒް ކުރީ ބެލުންތެރިންގެ އެދުމުގެ މަތިން ކަމަށެވެ.

"މި ލަވަ ރިލީޒް ކުރަން ނިންމީ ވަރަށް ގިނަ ބަޔެއްގެ ރިކުއެސްޓަކަށް. އޮލިމްޕަހުގައި ފިލްމު ޓިކެޓު ވިއްކާ ސަރަހައްދުގައި މި ލަވަ އަޅުވާފައި ހުންނާތީ އެތަނަށް އައިސްވެސް އެބަ ހުރޭ ލަވަ ބަލާލަން. އެހާ ގިނަ ބަޔަކު އެދުމުން، ދެން ޓީމުން ނިންމީ މި ލަވަ ރިލީޒް ކުރަން" މޮގާ ބުންޏެވެ.

މީގެ ކުރިންވެސް އައްފާންގެ ލަވަ އެއް މި ޕްރޮޑަކްޝަން ހައުސް އިން ވަނީ ބޭނުންކޮށްފަ އެވެ. ފިލްމު "ވަކިން ލޯބިން"ގައި އައްފާންގެ "ހިތުގައި ނަށާ ރާނީ" ކިޔާފައިވަނީ މޯލްޑިވިއަން އައިޑަލް ސީޒަން ދޭކުން މަޝްހޫރުވި ހަމޫދު އަހްމަދު އެވެ.

މި ފިލްމުގެ ހައުސްފުލް 15 ޝޯ މިހާރު އަޅުވާފައިވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ބުނެ އެވެ. އަދި ހީކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށްވެސް ބުނެ އެވެ.