އެމްއެމްޕީއާރުސީ އޮޑިޓު ރިޕޯޓް

މަހުލޫފާއެކު އެމްއެމްޕީއާރްސީގެ ފައިސާ ސްޓޭޓް މިިނިސްޓަރަކަށް

Feb 14, 2019
19

އެމްއެމްޕީއާރްސީގެ ތެރެއިން ހިންގި 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އާއި މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކާއި މަޖިލީހުގެ ތިން މެންބަރަކަށް ލިބިފައިވާކަން އެ ހިޔާނާތާ ގުޅިގެން އޭސީސީއިން އެކުލަވާލި ތަހުގީގު ރިޕޯޓުން ހާމަވެއްޖެ އެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކޮށްފައިވާ 57 ތަނެއް ކުއްޔަށް ދީގެން، އެކްއިޒިޝަން ކޮސްޓްގެ ގޮތުގައި ޖުމްލަ 77.5 މިލިއަން ޑޮލަރު އެ ކުންފުންޏަށް ލިބެން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެމްއެމްޕީއާރްސީއަށް ލިބިފައި ވަނީ 12.5 މިލިއަން އެމެރިކާ ޑޮލަރެެވެ. އަދި ބާކީ ހުރި 64.8 މިލިއަން ޑޮލަރު ޖަމާކޮށްފައި ވަނީ، އެސްއޯއެފްގެ އެކައުންޓަށާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މަސްލަހަތު އޮންނަ، މިލޭނިއަމް ކެޕިޓަލް މެނޭޖަމަންޓްގެ އެކައުންޓް އަށެވެ.

އެ ފައިސާގެ ތެރެއިން 80 މިލިއަނަށް ވުރެ ގިނަ ޑޮލަރު އެކި ފަރާތްތަކުގެ އެކައުންޓްތަކަށް ވަނީ ޖަމާކޮށްފަ އެވެ. އެ ފައިސާ ޖަމާވި ފަރާތްތަކުގެ އެކައުންޓްތަކުގެ ތެރޭގައި، ޔޫތް މިނިސްޓަރު މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. އަދި މި ސަރުކާރުގެ ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް ވެސް ވަނީ 30،000 ޑޮލަރު ޖަމާކޮށްފަ އެވެ. މީގެ އިތުރުން އެފްއޭމްގެ ރައީސް، ބައްސާމް އަދީލް ޖަލީލްގެ އެކައުންޓަށް ވެސް ވަނީ 29،000 ޑޮލަރު ޖަމާކޮށްފަ އެވެ.

މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އެކައުންޓަށް ވެސް ވަނީ 100،000 ޑޮލަރު އެސްއޯއެފް އިން ޖަމާކޮށްފަ އެވެ. މީގެ އިތުރުން، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުގެ އަމިއްލަ އެކައުންޓަށް 424،255 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު ހުސެން މަނިކު ދޮންމަނިކުގެ އެކައުންޓަށް 250،000 ޑޮލަރު ވަނީ އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން ޖަމާވެފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކަށް ވެސް އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ކަމަށް ރިޕޯޓްގައިވެ އެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނަ ފައިސާ ލިބިފައި ވަނީ ޓޫރިޒަމްގެ ބޮޑު ކުންފުންޏެއް ކަމަށްވާ ޗަމްޕާ ބްރަދާސްއަށެވެ.

އޭސީސީގެ ރިޕޯޓްގައި ބުނަނީ 1.3 ބިލިއަން ރުފިޔާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އެމްބެޒުލްކޮށްފައިވާ ކަމަށެވެ. އަދި ވަރަށް ގިނަ އަދަދެއްގެ ފައިސާ ނަގުދު ފައިސާއިން ނަގާފައިވާ ކަމަށް ވެސް ވަނީ ރިޕޯޓްގައި ބުނެފަ އެވެ.