އެމްއެމްޕީއާރުސީ އޮޑިޓު ރިޕޯޓް

އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑާ ކުރީ ޑޮލަރު ނެޓްވޯކަކުން

Feb 14, 2019
7

އެމްއެމްޕީއާރުސީގެ ތެރެއިން 1.3 ބިލިއަން ރުފިޔާ އެމްބެޒުލްކުރީ ފަނަރަ ވަރަކަށް މީހަކު އިސްވެ ތިބެ ހިންގި ޑޮލަރު ނެޓްވޯކެއް މެދުވެރިކޮށްގެން ކަމަށް އެ ހިޔާނާތާ ގުޅޭ ގޮތުން އޭސީސީއިން ހިންގި ތަހުގީގު ރިޕޯޓްގައި ބުނެފި އެވެ.

އެތައް ދުވަހަކަށް ފަހު އޭސީސީއިން މިއަދު އާންމު ކުރި ތަހުގީގު ރިޕޯޓްގައި ބުނީ، އެމްއެމްޕީއާރުސީއަށް ލިބުނު އެތައް މިލިއަން ޑޮލަރެއް އެސްއޯއެފްގެ ނަމުގައި ބީއެމްއެެލްގައި އޮންނަ ޑޮލަރު އެކައުންޓަކަށް ޖަމާކޮށް އެއަށް ފަހު ޑޮލަރު ވިޔަފާރި ކުރުމަށް 20 އާންމު ފަރާތަކަށް ވަނީ އެ ޑޮލަރުތައް ޓްރާންސްފާ ކޮށްފަ އެވެ. އަދި އެ ފަރާތްތަކުން އެ ޑޮލަރު ވިއްކުމަށް ފަހު އޭގެ ތެރެއިން ބައެއް ފައިސާ އެސްއޯއެފްގެ ދިވެހި ރުފިޔާއެއްގެ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.

އެގޮތުން އެސްއޯއެފް އިން އެންމެ ގިނަ އަދަދެއްގެ ޑޮލަރު ޖަމާކޮށްފައިވަނީ، ސ. ފޭދޫ އަބްދުﷲ ރަޝީދު ކިޔާ މީހަކަށެވެ. އޭނާއަށް އެސްއޯއެފްއިން އެކި ފަހަރުމަތިން 4.1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި އޭނާއަށް އާންމުކޮށް ޑޮލަރު ޖަމާކޮށްފައި ހުރީ، ފަހަރަކު 15،000 ޑޮލަރު މަގުން ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. މީގެ އިތުރުން އެ ރިޕޯޓްގައި ބުނީ، އެ ފަރާތުން އެމެރިކާ ޑޮލަރުގެ ވިޔަފާރިކޮށް އެ ފައިސާ އެ މީހުންގެ ކައުންޓްތަކަށް ޖަމާވި ނަމަވެސް، އެ ފައިސާ އަނބުރާ އެސްއޯއެފްގެ އެކައުންޓަށް އަނބުރާ ޖަމާކޮށްފައި ހުރި ކަމަށް ނުދައްކާ ކަމަށެވެ.

އޭނާ އޭސީސީގެ ތަހުގީގަށް ދިން ބަޔާނުގައި ބުނެފައި ވަނީ، އެސްއޯއެފްއިން އެންމެ މަދުން ވެސް ވިއްކަނީ 100،000 ޑޮލަރު ކަމަށެވެ. އަދި އޭނާއަކީ އަބަދުވެސް ޑޮލަރު ވިއްކުމުގެ ވިޔަފާރި ކުރާ މީހެއް ކަމަށާއި އެސްއޯއެފްގެ ޑޮލަރު އޭނާއާ ވިއްކަން ހަވާލު ކުރަނީ، އެސްއޯއެފްގެ އިސްފާހު ނަމަކަށް ކިޔާ މީހެއް ކަމަށް ވެސް އޭނާ ތަހުގީގަށް ވަނީ ބުނެފަ އެވެ. އަދި ޑޮލަރުތައް ވިއްކުމަށް ފަހު އެއަށް ލިބޭ ދިވެހި ރުފިޔާ ނަގުދު ފައިސާއިން އިސްފާހުއާ ހަވާލު ކުރަމުން ދިޔަ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އަދި އޭނާ ތަހުގީގަށް އިއުތިރާފްވެފައިވާ ގޮތުގައި އެސްއޯއެފްގެ ޑޮލަރު ވިއްކުމުގައި އުޅުނު ބައެއް އެހެން މީހުން ވެސް އޭނާއަށް އެނގެ އެވެ. އެކަމަކު އޭނާއަށް އެސްއޯއެފްއަކީ ކީއްކުރާ ކުންފުންޏެއްކަން ނޭނގޭ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، އެމްއެމްޕީއާރުސީގެ އިން އެސްއޯއެފްއަށް ޓްރާންސްފާ ކުރާ ޑޮލަރުތައް ވިއްކުމުގައި އުޅެނީ، އަލީ މުޖާހު، މ. މެދުފަޅު އާއި އަހުމަދު ޝިމާލް ކަރަންކާގެ، ތ. ވިލިފުށި އާއި އަހުމަދު ފަޒީލް، ކަހެކްޝާންދެކުނުބައި، މާލެ އާއި މުހައްމަދު ޖަޒީލް ކަރަމާގެ، މާލެ އާއި އަލީ މުހާޒަލް ބަހާރުގެ، ރ. މަޑުއްވަރީ އެވެ.