ހަބަރު

ޔާމީންއަށް ކުރާ ދައުވާގެ ލިޔުންތައް އާދިއްތަ ދުވަހު ހަވާލުކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ކުރުމުގެ ދައުވާގެ ލިޔެކިޔުންތައް އަންނަ އާދިއްތަ ދުވަހު ހަވާލުކުރުމަށް ކުރިމިނަލް ކޯޓުން ނިންމައިފި އެވެ.

މިހާރު އަމަލު ކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ދައުވާ އުފުލައި ކުރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅޭ ދުވަހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ދައުވާ ލިބޭ ފަރާތަށް ލިޔެކިޔުންތައް ހަވާލުކުރަން ޖެހެ އެވެ.

ކުރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންނަ އާދިއްތަ ދުވަހު ރައީސް ޔާމީންއަށް ލިޔެކިޔުންތައް ހަވާލުކުރުން އޮންނާނެ ކަމަށެވެ.

ރައީސް ޔާމީން ވަނީ އެކި ފަހަރު މަތިން ތަހުގީގަށް ފުލުހަށް ވެސް ހާޒިރުކޮށްފަ އެވެ. އަދި އެމަނިކުފާނުގެ ބެންކް އެކައުންޓް ވެސް ވަނީ ފްރީޒްކޮށްފަ އެވެ. އެ އެކައުންޓްގައި 100 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން މީގެކުރިން ބުނި ގޮތުން އެމްއެމްޕީއާރްސީގެ ތެރެއިން ހިޔާނަތްވި ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށެވެ. އެ ފައިސާއާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަހުގީގާ ގުޅިގެން ހިންގި މުއާމަލާތްތަކުގައި ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ.

އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމުގެ މައުލޫމާތާއެކު އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ދައުލަތާއި އަނބުރާ ހަވާލުކުރުމަށް ރައީސް ޔާމީނަށް ދެންނެވުމުން އެ ފައިސާ ދައުލަތާއި ހަވާލުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމަނިކުފާނުގެ ނަމުގައި އެ ބޭންކުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި އެ ފައިސާ ދައުރުކޮށް މުއާމަލާތު ކޮށްގެން މާލީ މަންފާ ލިބޭ ގޮތަށް ބޭނުންކޮށްފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.