ހަބަރު

ރައީސް ނަޝީދު، މޯދީއާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

މޯދީއާ ބައްދަލު ކުރެއްވުމަށްފަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ސުލްހަވެރިކަމާއި އަމާންކަން މަތީ އޮތުމަކީ ހަމައެކަނި ދިވެހިންގެ މަސްލަހަތު އޮތް ކަމެއް ނޫން ކަމާއި އެއީ މުޅި އިންޑިއާ ސަރަހައްދުގެ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށެވެ.

ރައީސް ނަޝީދު މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް، އައިސީސީއާރް އަދި ނެހެރޫ ޔުނިވާސިޓީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ނެހެރޫ ޔުނިވާސިޓީގައި ޑިމޮކްރަސީއާ ގުޅޭ ގޮތުން ތަގުރީރެއް ވަނީ ދެއްވާފަ އެވެ. އައިސީސީއާރްގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ތަގުރީރެއް ވެސް އެމަނިކުފާނު ދެއްވާނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައީސް ނަޝީދު އިންޑިއާއަށް ކުރައްވާ މިއީ ފުރަތަމަ ދަތުރުފުޅެވެ. އެމަނިކުފާނު އަމިއްލައަށް އަރުވާލެއްވިގެން ބޭރުގައި އުޅުއްވިިއިރު އެކި ފަހަރު މަތިން އިންޑިއާއަށް ވަޑައިގެންނެވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރު އައި ފަހުން އިންޑިއާ އާއި ރާއްޖެ ދެމެދު އޮތް ގުޅުން ވަނީ ބަދަހިވެފަ އެވެ. ރައީސް ނަޝީދަކީ އަބަދުވެސް އިންޑިއާއާ ގާތް ގުޅުމެއް ބާއްވަވައި އިންޑިއާގެ ދިފާއުގައި ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންނެވިއިރު އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލަ ވަނީ ހޫނުވެފަ އެވެ. އެކަމާ ދެކޮޅަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ ހުންނަވާ ހަރަކާތެއް ބޭއްވުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.

އިންޑިއާއަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ނަޝީދު ވިދާޅުވީ އިންޑިއާއިން ރާއްޖެ އަޅުވެތި ނުކުރާނެ ކަމަށެވެ. އެކަމުގެ މަސްލަހަތު އެ ގައުމުގައި ނެތް ކަމަށެވެ.

"އިންޑިއާ ރާއްޖެއާ ޖެހިގެން އޮންނަތާ ދިވެހިރާއްޖެއަށް ވީހާ ދުވަހެއް ވެއްޖެ، އެހެން ނަމަވެސް އެއްވެސް ފަހަރެއްގައި ރާއްޖޭގެ ތާރީހުގައި ވެސް އަދި އިންޑިއާގެ ތާރީހުގައި ވެސް އިންޑިއާގެ މައި ސަރުކާރުން ރާއްޖެ އަޅުވެތިކުރުމަށް ނުވަތަ ރާއްޖޭގެ މިނިވަންކަން ރާއްޖޭގެ އިސްތިގުލާލަށް ކުޑަ ވެސް އުނި ކަމެއް އަންނަ އެއްވެސް ކަމެއް ކުރުމަށް އިންޑިއާއިން އުޅެފައެއް ނުވޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ގައުމެއް އަޅުވެތިކުރުން ފަދަ ބާވަތުގެ ސިޔާސަތަކަށް އިންޑިއާއިން މަގުފަހިކޮށްފައިނުވުމުން އެނގެނީ އެއީ އެ ގައުމުގެ މަސްލަހަތުގައިވާ ކަމެއް ނޫންކަން ކަމަށެވެ.

"ހާއްސަ ގޮތެއްގައި ދުނިޔޭގެ ގައުމުތަކުން ޑިމޮކްރަސީގައި ޑިމޮކްރަޓިކް ވެއްޓެއްގައި މަސައްކަތް ކުރަމުން އަންނައިރު އެއް ބަޔަކު އަނެއް ބައެއްގެ މިނިވަންކަމަށް އަރައިގަނެ އިސްތިގުލާލު ނަގާލާ ހެދުމަކީ އެއްވެސް ބައެއްގެ މަސްލަހަތުގައި އޮތް ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ މިއޮތީ އިންޑިއާގެ ކަނޑުގެ ބޮޑު ސަރަހައްދެއްގެ ތެރޭގައި، އެ ކަނޑުގެ 80 ޕަސެންޓް ވިޔަފާރި ހިނގާ ސަރަހައްދެއްގައި ކަމުން ރާއްޖޭގެ ސަލާމަތާއި ވަށައިގެންވާ ގައުމުތަކުގެ ސަލާމަތަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެއީ އަބަދުވެސް ދިވެހިން ބަލަމުން އަދި ވިސްނަމުން އަންނަ ކަމެއް ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުގެ އަމާޒަކީ ވެސް ރާއްޖެ އާއި އަވަށްޓެރި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ހިފެހެއްޓުމުގެ އުސޫލު ކަމަށެވެ.