މާލޭހިޔާގެ އެއް ނަމްބަރު ޕްލެޓް އިމާރާތަށް ވަންނަ ދޮރުމައްޗަށް ޖަމާކޮށްފައި ހުރި ކުނިވާ ޒާތާތުގެ ކުނިތައް ގިނަވެ އެ ކުނިތަކުގައި ފުޅަ އަޅައި ފްލެޓާއި އެ ސަރައްހަދުގައި އުޅޭ އަވަށްޓެރިންނަށް އުނދަގުލާ ކުރިމަތިވެއްޖެ އެވެ.
ގަލޮޅު ވިލީފުލުހާ ގުޅިފައިވާ އެ ފްލެޓް އިމާރާތަށް ވަނުމަށް ވިލީ ފުލުހުގެ ފުރަގަހަށް ވާގޮތަށް ހުންނަ ގޭޓް ކައިރިއަށް ޖަމާ ކޮށްފައިވާ ކުނިތަކުގައި ގިނަ އަދަދަކަށް ފުޅަ އަޅައި ސަރަހައްދަށް ފެތުރޭން ފަށާފައިވާތީ ފްލެޓް އިމާރާތުގައި ދިރިއުޅޭ ބައެއް ފަރާތްޔަކުން ވަނީ އެ ޝަކުވާ އުފުލާފަ އެވެ.
އަވަސްގެ ނޫސްވެރިން މިއަދު މެންދުރު އެ ސަރަހައްދަށް ދިޔައިރު ވެސް ކުނިވެފައިވާ އެ ކުނިތަކުގައި އަޅާފައިވާ ފުޅަތައް ބޭރު ފެތުރިފައިވާ ވެއެވެ. ފްލެޓް އިމާރާތުގެ އެތެރޭގައި ބޮޑު ބަޔަކަށް ވެސް ފުޅަތައް ފެތުރިފަ އެވެ.
ފްލެޓްގެ އެ އިމާރާތުގައި ދިރި އުޅޭ ބައެއް ފަރާތްތަކުން ވަނީ އަވަސް އާ ވާހަކަ ދައްކާފަ އެވެ. ބައެއް ގޭބިސީގައި ދިރިއުޅޭ މީހުން ބުނީ، ކުނިތަކުގައި ފުޅަ އަޅައި ފުޅަ ބޭރުވީ ކުނިވާ ޒާތުގެ އެއްޗެއްހި އެއްތަނަކަށް ފުނިކޮށް އެ ނުނަގައި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ކަމަށެވެ.
"މިތަނުން ކުނި ނުނަގާތާ ޒަމާންތަކެއް ވެއްޖެ، އިމާރާތުގެ ދެވަނަ ބުރިން ފެށިގެން ތިރީގައި ފުޅަތައް އެބައޮތް ފެތުރިފައި. އަދި ކުނިވެފައިވާ ތަކެތީގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ވަސް ނުބައިވެފައި،" ފެލްޓްގައި ދިރިއުޅޭ މީހަކު ނޫހުގައި ނަން ނުޖަހާ ގޮތަށް ބުންޏެވެ.
އެއް ގޭބިސީއަކުން ވާހަކަ ދެއްކި މީހަކު މިއަދު ބުނި ގޮތުގައި އެ ފްލެޓްގެ ކުނި ޖަމާ ކުރަން ހާއްސަ ކޮށްފައިވާ އެތަނުން ކުނި ނުނަގާ ގިނަ ދުވަސްވެފައިވާތީ އެކަން މާލޭ ސިޓީ ކައުންސިލަށާއި ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަވަސްގެ ނޫސްވެރިން މިއަދު އެ ސަރަހައްދަށް ދިޔައިރު އެ ސަރަހައްދުގައި ފުލުހުން ވެސް ތިއްބެވެ. -- މާލޭ ހިޔާ ފްލެޓްތައް ބަލަހައްޓަން ސިޓީ ކައުންސިލުން ހަވާލުކޮށްފައި އޮނަނީ އަމިއްލަ ފަރާތަކާ އެވެ. އެ ސަރަހައްދަށް ހާއްސަ ނެއިބާހުޑް ޕޮލިސްވެސް އޮވެއެވެ.
މިކަމާ ގުޅިގެން ސިޓީ ކައުންސިލްގެ ބަހެއް ހޯދަން އެ ކައުންސިގެ އިދާރާ އަށާއި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ ފޯނަށް ވެސް އަވަސް އިން ގުޅި އެވެ. ނަމަވެސް ގުޅޭ ގޮތެއް ނުވި އެވެ.
ފްލެޓްގެ އެއިމާރާތުގެ ބައެއް ހިސާބުތަކާއި ބައެއް ފްލޯތަކުގެ ގޭބިސީތަކުގެ މީހުން މިހާރު ވަނީ ބޮޑު ބަޔަކުން ފުޅަ ސާފުކޮށްފަ އެވެ. އެހެންނަމަވެސް އަދިވެސް އެއްކޮށް ފުޅަތައް ސާފު ނުވެ އެވެ.