ލައިފްސްޓައިލް

"ކޮބާ ސާފު" ކޮށްފިންތަ؟

މިދިޔަ ހަފުތާ ތެރޭ ސޯޝަލް މީޑީއާގެ ވައިގައި ހިފައިގެން އުޅުނީ ސުވާލެކެވެ؛ "ކޮބާ ސާފުކޮށްފިންހޭ؟" އަހާ ސުވާލެކެވެ. މި ސުވާލާއެކު ދެން އައީ ޒުވާނުންތަކެއް މޫދާއި އަތިރިމަތީގެ ކުނިތަކެއް ނަގައިގެން އުޅޭ ފޮޓޯ ތަކެކެވެ. އެއީ ދިވެހި ގޮނޑުދޮށްތަކަށް ދިވެހިން އުކާފައި ހުރި ކުންޏެވެ.

ހުސް ފުޅި އާއި ހުސް ޕެކެޓާއި ހުސް ދަޅާއި ސިމެންތި ހުސް ކުރި ގޯންޏާއި މިހެން ގޮސް ނަން ހުސްކޮށް ކުނީގެ ހުރިހާ ބާވަތެކެވެ. މި ތަކެތި ނަގައި ގޯނި ގޯންޏަށް އަޅައި ސުވާލު ޖަވާބެއްގެ ގޮތު ސޯސަލް މީޑިއާގެ ތެރެއަށް ދޫކޮށްލީ "މަވެސް ސާފު ކޮށްފިން" މި މެސެޖެވެ.

"ކޮބާ ސާފު" ޗެލެންޖުގެ ތެރެއިން ޒުވާނަކު މޫދު ސާފު ކުރުމުގައި

މާލެ އާއި މާލެ އަތޮޅު އަދި އެހެން ރަށްރަށުގައި ވެސް ސާފު ކުރުމުގެ މިކަހަލަ މަސައްކަތެއްގައި އިސްވެ ޒުވާނުންތަކެއް ނިކުމެ އުޅޭތަން ފެނުނު މިއީ އާ ފަހަރެއް ނޫނެވެ. މިކަހަލަ އެތައް ޕްރޮގްރާމެއް މީގެ ކުރިން ވެސް އަމިއްލަ ފަރާތްތަކުން ހިންގާފައި ވެއެވެ. ހާއްސަކޮށް "އެންވަޔަރަމެންޓަލް ފްރެންޑްލީ" ގްރޫޕުތަކުން މިކަން ކުރެ އެވެ.

އެކަމަކު މިފަހަރު ފަށައިގެން މިއުޅެނީ އެއް ދުވަހުގެ ދެ ދުވަހުގެ ޕްރޮގްރާމެއް ނޫނެވެ. މިއީ ޗެލެންޖެކެވެ. ކޮންމެ މީހަކުވެސް ސާފު ކުރެވޭނެ ކަން އަންގާލަންވީ އެވެ! "އަހަރެންވެސް ތިމާވެއްޓާ ރަހުމަތްތެރިއޭ!" އަދި "މޫދާއި އެއްގަމަށް ކުނި އެޅުމާއި ޕްލާސްޓިކާ މުޅިން ދުރޭ!" ބުނުމުގެ ބަދަލުގައި މިކަން ކޮށްފައި ދައްކަންވީ އެވެ. މިފަހަރު ގަބޫލު ކުރެވޭނީ އެހިސާބުންނެވެ. އަދި މިފަހަރުގެ ތަފާތަކީވެސް އެއީ އެވެ.

މި ޗެލެންޖުގެ ފެށުމަކީ ހަސަން ޝަހީދެވެ. މި ޗެލެންޖުގެ ބޯޅަ އެންމެ ފުރަތަމަ އޭނާ އެއްލީ އޭނާގެ ރަހުމަތެރިންނާ ދިމާއަށެވެ. އެފަހަށް އޭނާގެ އެކުވެރިންގެ އެކުވެރިންނާ ހަމައިން ވައިގައި ހިފައި ފިސާރި ޗެލެންޖަކަށްވީ އެވެ. ހާއްސަކޮށް ޒުވާނުން މި ޗެލެންޖުގައި ބައިވެރިވެ އެންމެން މި ކަމުގައި ބައިވެރިވާން ވެސް ގޮވާލީ އެވެ.

ރަހުމަތްތެރިންގެ ތެރޭގައި ސަންޗޭޒްގެ ނަން ދީފައި އޮންނަ ޝަހީދުގެ ޗެލެންޖުގެ ހޭޝްޓެގް #ކޮބާ ސާފު، މަވެސް ކޮށްފިން ފޯނު ސްކްރީނުތަކުގެ ތެރެއިން ރާއްޖޭގެ ހުރިހާ ބިތަކަށް ގެންގޮސް ދިނެވެ. ވާދައަށް މުޅި ރާއްޖެ ސާފު ކުރުމުގެ ހަރަކާތެއް ހިންގުނީ ދެނެވެ.

ރާއްޖެ ސާފު ކުރަން "މޯލްޑިވްސް ޔޫތް" ގެ ނަމުގައި ޝަހީދުގެ ހިންގާ ޖަމިއްޔާގެ ފަރާތުން ބައިވެރިވާން ބޭނުންވާ އެންމެންނަށް ހުޅުވާލި އިރު މިކަމަށް ޒުވާނުން ހޫނު މަރުހަބާއެއް ކިޔެވެ. އަދި މަރުހަބާއިން ރާއްޖޭގެ ޒުވާނުން ތިބީ ދިވެހިވެށި ދޮވެ ސާފުކޮށް ރީތި ކޮށްލަން ކެތްމަދުވެފައިކަން މިދިޔަ ހުކުރު ދުވަހުގެ "ކޮބާ ސާފު" ޗެލެންޖުގެ ފޮޓޯ ތަކުން ފެނެ އެވެ.

ކުޑަކުދިންނާއި ބޮޑެތި މީހުން އަތުގައި ހިފައިގެން ޒުވާން ގުރޫޕުތައް ރަށްރަށުގެ ހޭޅި ފަށަށް ނުކުތީ ބޮޑެތި ކަމެއް ނެތިފައިވާ ސުތުލި ގޯނިތަކާއި ކަޅު ކޮތަޅުތަކަށް ކުނިތައް ކޮއްޕާ ގަންނަވާލާށެވެ.

ސާފު ކުރުމަށްފަހު ފޮޓޯތައް ހިއްސާ ކުރަމުން އެންމެންވެސް ބުނަނީ މިހެނެވެ؛ "ހާދަ ކުންޏެއް އެބަ އޮތެވެ! ގޯނިތައް ހުސްވި އިރުވެސް ކުނި ހުސް ނުވެ އެވެ!" އަދި އެ މީހުން ބުނަނީ މާދަމާ ދާއިރު އޮންނާނީ ކުރިން ވެސް އޮތް ހާލަތުގައިއޭ އެވެ. ކުނި އަޅާ މީހާގެ އަތުގައި ނުހިފެއްޓޭނެއިރު، ދެން މިކަން ހުއްޓުވާނެ ގޮތަކީ ކޮބައި ހެއްޔޭ އެވެ. އެކަމަކު މި ޒުވާނުން ބުނަނީި މި ފޮޓޯތައް މިހެން ސޯޝަލް މީޑިއާގައި ރަނގަޅަށް އަނބުރައިލުމުން ރަނގަޅު ނަތީޖާ ފެންނާނެއޭ އެވެ. މިއަދު ސާފުކޮށްފައި މާދަމާ ވެސް ސާފު ކުރާނީއޭ އެންމެން ވެސް ބުނާނެއޭ އެވެ.