ހަބަރު

މަރުވި މީހާ ވަނީ ފިހިފައި، މަރާމެދު ޝައްކުތަކެއް!

Feb 17, 2019

މިއަދު ހެނދުނުގެ ވަގުތުގައި ގއ. ވިލިނގިލިން މަރުވެފައި އޮތްވާ ފެނުނު އައްޑު އަތޮޅަށް ނިސްބަތްވާ ހުސައިން ސިމާދުގެ މަރާމެދު ޝައްކުތަކެއް އުފެދިއްޖެ އެވެ.

މަރުވެފައި އޮއްވާ ފެނުނު ސިމާދަކީ އައްޑު އަތޮޅު މީހެއް ނަމަވެސް އޭނާ ދިރިއުޅެމުން އައީ ވިލިނގިލީގަ އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އެ ރަށުގެ އުތުރުކޮޅުގައި ހުރި ހަރުގެއެއްގެ ކައިރީގަ އެވެ.

އުމުރުން 39 އަހަރުގެ ސިމާދުގެ މަރާ ގުޅިގެން ފުލުހުން މިއަދު ބުނީ އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ފިހިފައިހުރި ކަމުގެ ނިޝާންތަކެއް ފެންނަން ހުރި ކަމަށެވެ. އެއީ ތޫނު އެއްޗަކުން ލިބިފައިވާ ޒަހަމްތަކެއް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ. މައްސަލާގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާއިރު މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.

އެ ރަށުން މީހަކު ބުނި ގޮތުގައި ޒަހަމްތައް ހުރީ މަރުވި މީހާގެ ކަރުގަ އާއި ފައިގަ އެވެ. އެ ތަންތަނުގެ ހަންގަނޑު ނޮޅިފައިވާއިރު އެއީ ކަރަންޓުގެ ސަބަބުން ނޫނީ އަލިފާނުގެ ސަބަބުން ލިބިފައިވާ ޒަހަމްތަކެއް ކަމަށް ބެލެވޭ ކަމަށް ވެސް އެ ރަށުގެ ބައެއް މީހުން ބުނެ އެވެ.

އެނގިފައިވާ ގޮތުގައި ސިމާދަކީ މިދިޔަ ނޮވެމްބަރު މަހު ބީއެމްއެލްގެ ވިލިނގިލީ ބްރާންޗު ފަޅާލި މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.