ހަބަރު

ވިލިނގިލީ މަރު: ހައްޔަރުކުރި މީހުންގެ ބަންދު ޖަހައިފި

ގއ. ވިލިނގިލީގައި މިދިޔަ ހުކުރު ދުވަހު ޒުވާނަކު މަރުވި މައްސަލާގައި ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު ގއ. އަތޮޅު ހޮސްޕިޓަލަށް 24 އަހަރުގެ ދިވެހި ފިރިހެނަކު ގެންދިޔަ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ. އަދި މިމައްސަލަ ފުލުހުންނަށް ހުށަހެޅުމުން މަރުގެ މި މައްސަލާގައި ހަ މީހަކު ހައްޔަރުކުރި ކަމަށެވެ.

އެގޮތުން ހައްޔަރު ކޮށްފައިވާ ހަ މީހުންގެ ތެރޭގައި ހިމެނޭ 24 އަހަރުގެ ދެ މީހުންނާއި 20 އަހަރުގެ މީހާގެ ބަަންދަށް 12 ދުވަސް ޖަހާފައިވާ ކަމަށާއި އަދި 21 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި 18 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު 23 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަަންދުކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި 24 އަހަރުގެ ޒުވާނާ މަރުވެފައި ވަނީ ޕާޓީ ޑްރަގްސްއަށް އޯވާޑޯޒް ވެގެންނެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.