ހަބަރު

ވިލިނގިލީގައި މަރެއް، ހަ މީހަކު ހައްޔަރުކޮށްފި

Mar 13, 2020

ގއ. އަތޮޅު ހޮސްޕިޓަލަށް މިއަދު ގެންދިޔަ މީހަކު މަރުވެފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. ފުލުހުން މިހާރު ވަނީ އެ މައްސަލާ ގުޅިގެން ހަ މީހަކު ހައްޔަރު ކޮށްފަ އެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ގއ. އަތޮޅު ހޮސްޕިޓަލަށް ރޭ ފަތިހު 5:00 ހާއިރު 24 އަހަރުގެ ފިރިހެނަކު ގެނެސްފައިވާ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ތަހުގީގެއް ފަށައި، އެކަމާ ގުޅުން ހުރި ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ދެ މީހަކާއި 18 އަހަރުގެ މީހަކާއި 23 އަހަރާއި 21 އަދި 20 އަހަރުގެ މީހެކެވެ. މި އެންމެނަކީ ވެސް ދިވެހި ފިރިހެނުންނެވެ. އެ މީހުން ހައްޔަރު ކުރީ ކޮން ރަށަކުން ކަމެއް ނުވަތަ އެ މީހާ މަރުވީ ކިހިނެތް ކަމެއް ފުލުހުން ނުބުނެ އެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ޕާޓީ ޑްރަގްސްއަށް އޯވާޑޯޒް ވެގެން ގއ. ވިލިނގިލީ މީހެކެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.