ހަބަރު

މަރުވި މީހާގެ ހަށިގަނޑު އޮތް ހަރުގެ ބެލެހެއްޓި މީހާ ހައްޔަރުކޮށްފި

Feb 17, 2019
1

ގއ. ވިލިނގިލީގައި މިއަދު މަރާލާފައިވާ ކަމަށް ތުހުމަތުވާ މީހާގެ ހަށިގަނޑު މިއަދު ފެނުނު އިރު އޮތް ހަރުގެ ބެލެހެއްޓުމާ ހަވާލުވެ ހުރި މީހަކު ހައްޔަރުކޮށްފި އެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ.

އެކަމާ ގުޅިގެން ފުލުހުން އަދި ބަހެއް ނުބުނެ އެވެ. އޭނާ ހައްޔަރު ކުރީ އެ މީހާގެ މަރާ ގުޅިން ސުވާލު ކުރުމަށް ކަމަށްވެސް ބުނެފައި ވެސް ނުވާއިރު ފުލުހުން ބުނެފައި ވަނީ އެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މިއަދު ހެނދުނުގެ ވަގުތުގައި ވިލިނގިލިން މަރުވެފައި އޮތްވާ ފެނުނީ އައްޑު އަތޮޅަށް ނިސްބަތްވާ ހުސައިން ސިމާދު ކިޔާ މީހެކެވެ. އޭނާގެ މަރާމެދު ވަނީ ޝައްކުތަކެއް އުފެދިފަ އެވެ. ސިމާދަކީ އައްޑު އަތޮޅު މީހެއް ނަމަވެސް އޭނާ ދިރިއުޅެމުން އައީ ވިލިނގިލީގަ އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އެ ރަށުގެ އުތުރުކޮޅުގައި ހުރި ހަރުގެއެއްގެ ކައިރިންނެވެ.

އުމުރުން 39 އަހަރުގެ ސިމާދުގެ މަރާ ގުޅިގެން ފުލުހުން މިއަދު ބުނެފައި ވަނީ އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ފިހިފައިހުރި ކަމުގެ ނިޝާންތަކެއް ފެންނަން ހުރި ކަމަށެވެ. އަދި އެއީ ތޫނު އެއްޗަކުން ލިބިފައިވާ ޒަހަމްތަކެއް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިއަދު ހެނދުނު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ. އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ޒަހަމްތައް ހުރީ މަރުވި މީހާގެ ކަރުގަ އާއި ފައިގަ އެވެ. އެ ތަންތަނުގެ ހަންގަނޑު ނޮޅިފައިވާއިރު އެއީ ކަރަންޓުގެ ސަބަބުން ނޫނީ އަލިފާނުގެ ސަބަބުން ލިބިފައިވާ ޒަހަމްތަކެއް ކަމަށް ބެލެވެ އެވެ.

އެނގިފައިވާ ގޮތުގައި ސިމާދަކީ މިދިޔަ ނޮވެމްބަރު މަހު ބީއެމްއެލްގެ ވިލިނގިލީ ބްރާންޗު ފަޅާލި މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.