ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާމެދު ވިސްނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އެދިވަޑައިގެންފި އެވެ.
ރައީސް ސޯލިހު މިގޮތަށް އެދިވަޑައިގެންނެވީ، ޝަރުއީ ދާއިރާއިން މި އަހަރަށް ރާވާފައިވާ ކަންކަން ފެށުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގިނަ އަދަދެއްގެ ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ޖޭއެސްސީ މިހާރު އޮތް ފޯމޭޝަނަކީ އިންސާފަށް އެޅޭ ހުރަހެއް ކަމަށެވެ.
ޖޭއެސްސީ މިހާރު އޮންނަ ގޮތުން އެ ކޮމިޝަނުގައި ހައިކޯޓާއި ސުޕްރީމް ކޯޓާއި ދަށު ކޯޓުތަކުގެ ފަރާތުން ފަނޑިޔާރުން ތިއްބަވަ އެވެ. ބަންޑާރަ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް އިންނަވަ އެވެ. ގާނޫނީ ވަކީލުންގެ ފަރާތުން ވެސް މެންބަރެއް އިންނަވާއިރު ރައީސްގެ މެންބަރަކު ވެސް އިންނަވަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ، އެ ފޯމޭޓް ބަދަލު ކުރުމާމެދު މާދަމާ ފެށޭ ޖުޑީޝަލް ރީފޯމް ކޮންފަރެންސްގައި މަޝްވަރާކޮށް ފުންކޮށް ވިސްނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޖޭއެސްސީގައި މިހާރު ތިއްބަވާ ބޭފުޅުންގެ ތެރެއިން އަށް ބޭފުޅުންނަކީ އެހެން މަގާމުތަކުގެ ތެރެއިން ޖޭއެސްސީއަށް ވަޑައިގެންނެވޭ ބޭފުޅުންނެވެ. އެހެންކަމުން އެ ބޭފުޅުންނަކީ މަތި މައްޗަށް ހުވާ ކުރައްވައިގެން ތިއްބަވާ ބޭފުޅުންނަށްވާއިރު އެންމެ އިންސާފުވެރިވާން ޖެހޭނީ އެ ބޭފުޅުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު މިރޭ ވަނީ ފަނޑިޔާރުންގެ މިނިވަންކަމާއި އަދުލުވެރިވުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަ ކުރައްވާފަ އެވެ. ވިދާޅުވީ ޑިމޮކްރަސީގެ އަމާޒަކީ ހެޔޮ ވެރިކަމެއް ރައްޔިތުންނަށް ކޮށް ދިނުން ކަމަށާއި ތަފާތު ކުރުމެއް ނެތި ހައްގުތައް ފޯރުކޮށްދިނުން ކަމަށެވެ. އެކަން ހާސިލް ވާނީ މިނިވަން ފަނޑިޔާރު ގެއެއް އޮވެގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ދެބަސްވުންތަކަށް އަދުލުވެރި ހައްލެއް ހޯދަން ރައްޔިތުން ދާން އޮތް ތަނަކީ ފަނޑިޔާރުގެ، އެންމެ މުހިންމު ބާރަކީ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު، އެހެންވެ އެތަނަކީ މިނިވަން ތަނަކަށް ވާން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ގާނޫނު އަސާސީ އެކުލެވިފައިވަނީ ޖަވާބުދާރީ ކުރުވޭ ގޮތަށް ކަމަށާއި އިމުގެ ތެރޭގައި ފަނޑިޔާރުންނަކީ ވެސް ޖަވާބުދާރީ ކުރެވޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ. ފަނޑިޔާރުން ޝަރީއަތްތައް ކުރިއަށް ގެންދަން ޖެހޭނީ ހުޅުވާލައިގެން ބާއްވާ އަޑުއެހުންތަކެއްގަ ކަމަށާއި އެއީ މުޅި މުޖުތަމައުގެ ހައްގެއް ކަމަށެވެ. އެއީ ކޯޓުތަކަށް ދޫކޮށްލާފައި އޮތް ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ރައްޔިތު މީހާއާ އެންމެ ގާތުން ހިދުމަތް ދޭ ތަނަކަށް ވާން ޖެހޭނީ ފަނޑިޔާރުގެ، އިންތިޒާމްތައް ހުންނަން ވާނީ ފަސޭހައިން މައްސަލަ ހުށަހެޅޭ ގޮތަށް، އޭނާގެ ހައްގެއް ހޯދުމަށް ޓަކި ދޭނީ، ފަނޑިޔާރުން ތިބެން ވާނީ ރައްޔިތުންގެ މިނިވަންކަމާއި ހައްގުތައް ހިމާޔަތް ކުރުމަށް، ފަނޑިޔާރުން އިސްކަން ދޭން ވަނީ މިނިވަންކަމާއި އަމާނަތްތެރި ކަމާއި ނަޒާހަތްތެރިކަމުގެ މައްޗަށް، ފަސާދައަށް ނޫނެކޭ ބުނެ ނަޒާހަތްތެރިކަން އިސްކުރަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ޝަރުއީ ނިޒާމް އިންސާފުވެރި ކުރުމަކީ އެމަނިކުފާނުގެ ވައުދެކެވެ. އެކަން ކުރާނީ ފަނޑިޔާރު ގޭގެ ލަފަ އާއި މަޝްވަރާގެ ވެސް މަތިން ކަމަށް ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންގެ އެ އުއްމީދު ހާސިލް ކުރަން ގިނަ ކަންކަން ކުރަންޖެހޭކަން ތަޖުރިބާ ކުރެވިއްޖެ، ގާނޫނީ އޮނިގަނޑު ބަދަލު ކުރަން އެބަޖެހޭ، އިންސާފުން ފަނޑިޔާރުންނަށް ހުކުމް ކުރެވޭނެ މާހައުލެއް ގާއިމްކޮށް ދޭން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮންމެ ފަނޑިޔާރެއްގެ އެންމެ އިސް އަމާޒަކަށް ހަދަންވީ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުން ކަމަށާއި ފަނޑިޔާރުން އިސްލާހު ކުރުމަށް ބިނާ ކުރުވަނިވި ކަންކަން މާދަމާ ފެށޭ ކޮންޕަރެންސްގައު ނިންމާނެ ކަމަށް އުއްމީދުކުރަައްވާ ކަމަށެވެ.
ރާއްޖޭގެ ނެތިގެން އުޅެނީ ގާނޫނާއި ގަވައިދުތައް ނޫން ކަމާއި ގެއްލިގެން އުޅެނީ އިހްލާސްތެރިކަމާއި ތެދުވެރިކަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ކޮންމެ އިހުމާލަކީ އަނިޔާއެކެވެ. ހައްގު ހޯދަން ކޯޓުތަކަށް ހުށަހަޅާ މައްސަލަ އަޅާލުމެއް ނެތި ތިން އަހަރުވެގެން ދާއިރު އެއަށްވުރެ ބޮޑު އަނިޔާއެއް ނޯންނާނެ އެވެ.