ހަބަރު

ފަނޑިޔާރުން ވެސް ޖަވާބުދާރީވާން ޖެހޭނެ: ރައީސް

ފަނޑިޔާރުންނަކީ ވެސް ގާނޫނީ އިމުގެ ތެރެއިން ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާނެ ބައެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޝަރުއީ ދާއިރާއިން މި އަހަރަށް ރާވާފައިވާ ކަންކަން ފެށުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގާނޫނު އަސާސީގައި ތިން ބާރު ވެސް އެކުލެވިގެން ވަނީ ޖަވާބުދާރީ ކުރެވޭ ގޮތަށް ކަމަށެވެ. އެހެންވެ ގާނޫނީ އިމުގެ ތެރެއިން ފަނޑިޔާރުންނަކީ ވެސް ޖަވާބުދާރީ ކުރެވޭ ބަޔަކަަށް ވާންޖެހޭ ކަމަށެވެ.

މިހާރު ފަނޑިޔާރުން ޖަވާބުދާރީއެއް ނުކުރެ އެވެ. ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ޖޭއެސްސީއިން ބަލަ އެވެ. ނަމަވެސް އެއީ ފަނޑިޔާރުން ޖަވާބުދާރީވާންޖެހޭ މުއައްސަސާއެއް ނޫނެވެ.

ރައީސް ސޯލިހު ވަނީ ޖޭއެސްސީގެ މިހާރު އޮނިގަނޑު ބަދަލުުރަންޖެހޭކަން ވެސް ފާހަގަކުރައްވާފަ އެވެ. އެމަނިކުފާނު ވަނީ އެކަމާމެދު ފަނޑިޔާރުން ފުންކޮށް ވިސްނެވުމަށް ވެސް އެދިވަޑައިގެންފަ އެވެ. މިހާރު ޖޭއެސްސީ އެކުލެވިފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ބަންޑާރަ ނައިބާއި ރައީސްގެ މެންބަރެއް ވެސް އެ ކޮމިޝަންގައި އިންނަވަ އެވެ.

ގިނަ ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ޝަރުއީ ނިޒާމް އިންސާފުވެރި ކުރުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ. އެކަން ކުރާނީ ފަނޑިޔާރު ގޭގެ ލަފަ އާއި މަޝްވަރާގެ ވެސް މަތިން ކަމަށެވެ.

"ރައްޔިތުންގެ އެ އުއްމީދު ހާސިލް ކުރަން ގިނަ ކަންކަން ކުރަންޖެހޭކަން ތަޖުރިބާ ކުރެވިއްޖެ، ގާނޫނީ އޮނިގަނޑު ބަދަލު ކުރަން އެބަޖެހޭ، އިންސާފުން ފަނޑިޔާރުންނަށް ހުކުމް ކުރެވޭނެ މާހައުލެއް ގާއިމްކޮށް ދޭން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮންމެ ފަނޑިޔާރެއްގެ އެންމެ އިސް އަމާޒަކަށް ހަދަންވީ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުން ކަމަށާއި ފަނޑިޔާރުން އިސްލާހު ކުރުމަށް ބިނާ ކުރުވަނިވި ކަންކަން މާދަމާ ފެށޭ ކޮންޕަރެންސްގައު ނިންމާނެ ކަމަށް އުއްމީދުކުރަައްވާ ކަމަށެވެ. ފަނޑިޔާރުން އެންމެ ބޮޑު އިސްކަމެއް ދޭން ވަނީ ރައްޔިތުންގެ އިތުބާރު ހޯދަން ކަމަށާއި އިންސާފުވެރިކަމާއެކު ކަންކަން ނިންމާނެ ކަމުގެ ޔަގީންކަން ހޯދުން ކަމަށް ވެސް ވިދާޅުވި އެވެ.