ހަބަރު

ބީއެމްއެލްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" އިފްތިތާހުކޮށްފި

ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތައް ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" އިފްތިތާހްކޮށްފި އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް މިއަދު ވިދާޅުވީ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން މިދިއަ ދެ އަހަރު ބީއެމްއެލް އިން ރައްޖޭގައި ކުރި އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކޮށްފައި ކަމަށެވެ. އަދި، މި ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް އިތުރުވާނެ ކަމަށެވެ.

ފަންޑު އިފްތިތާހު ކޮށްފައި ވަނީ ދިވެހިންނާއި ދިވެހި މުޖުތަމައުގައި އޮތް ގުޅުން ބަދަހި ކުރަން "އަހަރެންގެ ބޭންކް" ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒު ކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިންނެވެ.

މުޖުތަމައަށް އަމާޒުކޮށް ހިންގަން ގަސްދުކުރާ ހަރަކާތްތައް ދެމެހެއްޓެނެވި ގޮތެއްގައި ކުރިޔަށް ގެންދަން ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތް، ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުން ފަދަ ކަންކަން ކުރުމަށް ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ.

އަދި، މިއަހަރުގެ ކޮންމެ ކުއާޓާ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދޭނެ އެވެ.