ލައިފްސްޓައިލް

އޮފީސް މޭޒުމަތި ފެހި ކޮށްލަމާ؟

އޮފީސް މޭޒު ކައިރިއަކީ ވަޒީފާއެއްގައި އުޅޭ މީހަކު އޭނާގެ ދިރިއުޅުމުގައި އެންމެ ގިނަ ވަގުތު ހޭދަ ކުރާނެ ތަނެވެ. ބޮޑެތި ނިންމުންތަކާއި އުފާވެރި ހަބަރުތައްވެސް ދޭ މި މޭޒަކީ އެމީހެއްގެ ޝަހުސިއްޔަތުވެސް ދައްކުވައިދޭ ތަނެކެވެ. މޭޒު ކައިރި އަށް އަންނަ މީހަކަށް މޭޒުމަތީގެ ނުތާހިރު ކަމާއި އޮޅުން ބޮޅުން ގިނަވެ އެ މޭޒުމަތިން އެކަނިވެސް ބޮޑު ބޮލުގަ ރިހުމެއް ލިބޭނަމަ އެމީހަކާ މެދު ދެކޭ ގޮތް ބަދަލުވުންވެސް އެކަށީގެންވެ އެވެ. މޭޒުމަތީގެ ސާފުތާހިރު ކަން ދަމަހައްޓައި އެ މޭޒުގައި އެނބުރޭ ހުދު ގަނޑުތަކަށް ކޮންމެވެސް ވަރެއްގެ ފެހި ކަމެއް ގެނެސް މޭޒުމަތީގެ ދިރުން އާ ކޮށްލުން ކިހިނެއް ވާނެ ހެއްޔެވެ؟

މޭޒުމަތީގައި ކުޑަ ގަހެއް ގެންގުޅުމަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައިވެސް އޮންނަ އާދަ އެކެވެ. ފަސޭހައިން ބެލެހެއްޓޭ "އިންޑޯ ޕްލާންޓް" އެއް މޭޒުމަތީ ބައިންދާލުމުން އެ ލިބޭ ހިތްހަމަ ޖެހުމާއި ފިނި އިހުސާސަކީ އޮފީސް މާހައުލަށް ވަރަށް މުހިއްމު ކަމެކެވެ.
ތިރީގައި މި ހިމަނާލަނީ އޮފީސް މޭޒުމަތި ފަޅުފިލުވާޅާ ފަސޭހައިން ބެލެހެއްޓޭނެ ހަތް ގަހެވެ.

ކްރެސުލާ އޮވޭޓް (ޖޭޑް ޕްލާންޓް)
ޖޭޑް ޕްލާންޓް އަކީ ފަސޭހައިން ހެދޭ ގަސްތަކުގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ ގަހެކެވެ. މިގަސް އޮފީސް މޭޒު މަތީ ބެހެއްޓުމުގެ ސިއްރެއް ވެސް އެބައޮތެވެ. މި ގަހުގެ ބޯ ފަތްތައް ލާރި ފޮތިތަކަކާ ވައްތަރުވެ ޗައިނާ މީހުން މިގަހަށް މަނީ ޕްލާންޓް"ވެސް ކިޔަ އެވެ. އަދި ޗައިނާގެ ފުލޯކް ވާހަކައެއް ބުނާ ގޮތުގައި މި "ފައިސާ ގަސް" އޮފީސް މޭޒުމަތީ ބަހައްޓަނީ އާމްދަނީ އަށް ކުރިއެރުން ލިބޭނެ ކަމަށް ބެލެވޭތީ އެވެ. ގަސް ބެލެހެއްޓުމަށް ގަވައިދުން ފެން ދޭން ނުޖެހުނަސް މަދުމަދުން ފެން ދިނުން މުހިއްމެވެ.

އެޕިޕްރެމްނަމް އާރިއަމް (ޑެވިލްސް އައިވީ)
މިގަހަކީ މިހާރުވެސް އޮފީސް މޭޒުމައްޗަށް އެންމެ މަގުބޫލު ގަހެވެ. މޭޒުމަތީ އަދި މޭޒުގެ ކަނުގައި ބެހެއްޓުމުން ވެވެއްހެން ހެދި ގަހުގެ ފަތްތައް މޭޒުމަތީގައި ނުވަތަ ގަސް މުށިގަނޑުގެ މެދުގައި ދަނޑިއެއް ޖެހުމުން ދެ ދަނޑީގައި ފެތުރިގަންނާނެ އެވެ. ސީދާ އަވީގައި ނުބައިންދާ ކުޑަދޮރެއް ކައިރީ ބޭންދުމުން ގަސް ހެދުމަށް މާ ގިނަ ދުވަހެއް ނުނަގާނެ އެވެ. ޑެވިލްސް އައިވީ ގިނަ މީހުންގެ ތެރޭ މަގުބޫލު ވާ ސަބަބަކީ މިއީ ފަސޭހައިން ހެދޭ ގަހަކަށް ވެފައި ފެނުގައިވެސް ހެއްދިދާނެ ގަހަކަށް ވާތީ އެވެ.

ބެމްބޫ
ބެމްބޫއަކީ ބޮޑެތި ބިޔަ ޖަންގަލި ތަކުން އާއްމުކޮށް ފެންނަ ގަހެކެވެ. ނަމަވެސް، މީގެ ކުޑަ ބެމްބޫ ގަސްކޮޅެއް އެކުގައި ބަނދެލާފައި ގަސް މުށިގަނޑަކަށް ޖަހައި އޮފީސް މޭޒުމަތީ ބެހެއްޓުމުން އޮފީސް މޭޒާ ކައިރީވާ ކޮންމެ މީހަކަށްވެސް މި ގަހުގައި އަޅައިނުގަނެ ނުދެވޭނެ އެވެ. ގަހުގެ ފަތްތައް މައްޗަށް ވާ ގޮތަށް ހެދޭ އިރު ގަސް ހެދިގަންނާކަށް މާ ބޮޑު ޖާގަ އެއް ނުނަގާނެ އެވެ. ކުޑަ ކުޑަ އޮފީސް މޭޒަކަށް އެންމެ ފުރިހަމަ އެވެ.

މޯންސްޓެރާ
ހިމަ ތަނޑި އަކާއެކު ބޮޑު ފަތެއް ލާފައި ހުންނަ މި ގަހަކީ އިންޓީރިއާ ޑިޒައިނަރުންގެވެސް ފޭވަރިޓް ގަސް ކަމަށް ބުނެ އެވެ. މީގެ މަސް މުއްޓެއް ބެހެއްޓުމުން މުޅި މޭޒުމަތިވެސް ތަފާތު ކޮށްދެނީ ގަހުގެ ފަތް ހުންނަ ގޮތުންނެވެ. މޭޒުމަތީގެ ރީތިކަން ދެގުނަ ކޮށްދޭ ގަހަކަށް ވާއިރު، މި ގަސް ހިމަނައިގެން އޮފީހުގެ ފޮޓޯ ނަގާނަމަ ފޮޓޯ ވަރަށް ޗާލު ވާނެ އެވެ. މޯންސްޓެރާ ގަސް މަގުބޫލު ވެގެން ދިޔައީ 70ގެ އަހަރުތަކުގައި ޗައިނާގަ އެވެ. އަދިވެސް ގޭތެރެ އާއި އޮފީސް މާހައުލަށް ވަރަށް މަގުބޫލެވެ.

ޕީސް ލިލީ
މިގީ މާ ގަހަކަށް ވުމުން އޮފީސް މޭޒުމަތިން ގަހެއްގެ އިތުރުން ރީތި ހުދު މާ ތަކެއްވެސް ފެންނާނެ އެވެ. ހުސް މޭޒުމަތި ފުރިހަމަ ކޮށްލުމަށް ޕީސް ލިލީ ގަސް ބޭނުން ކުރެވިދާނެ އެވެ. އެހާ ކުޑަ ނޫނަސް މި ގަހަކީ ފަސޭހައިން ހެއްދޭނެ ގަހެކެވެ. ވެލިތައް ކޮންމެވެސް ވަރަކަށް ތެތް ކޮށް ބަހައްޓާ ސީދާ އަވި ނުދީ އޮފީސް ލައިޓުގެ އެހީގައި ގަސް ބޮޑުވާނެ އެވެ. ޕީސް ލިލީ ގަހުން އަންހެން ކުދިންގެ އޮފީސް މޭޒުތައް ވަރަށް ނަލަ ކޮށްލައިދޭނެ އެވެ.

ސަކިއުލެންޓް
ސަކިއުލެންޓް ގަހަކީ ކުޑަ ކުޑަ ގަހެއް ކަމުން މިއީ އޮފީސް މޭޒުމައްޗަށް އެންމެ ފުރިހަމަ ގަހޭވެސް ބުނެވިދާނެ އެވެ. މި ގަސް އިންދުމުގައި ގަސްމުށީގެ ބަދަލުގައި މުށިން ހަދާފައި ހުންނަ ގަލަން ޖަހާ އެއްޗެހިވެސް ބޭނުން ކުރެވެ އެވެ. ތަފާތު ގޮތްގޮތަށް މިގަސް އިންދުމުން ގަހުގެ ރީތި ކަމާއި އެއްވަރަށް މޭޒުމަތީގެ ރީތިކަންވެސް އިތުރުވެގެން ދާނެ އެވެ.

ކެކްޓަސް
މި ލިސްޓުގައި ކެކްޓަސް ނެތް ނަމަ ލިސްޓު ފުރިހަމަވެސް ނުވާނެ އެވެ. ގިނަ ބަޔެއްގެ ފޭވަރިޓް ގަހަށް ވެފައި، މިއީ ސަމާލުވެގެން ގަސް އިންދަން ވަގުތު ނުދެވޭ ފަރުވާކުޑަ މީހުންނަށް އެންމެ ބަރާބަރު ގަހެވެ. ގަވައިދުން ފެން ދިނުމާއި މާ ބޮޑަށް އަވި ބޭނުން ނުވާ އިރު، މިއީ ފަސޭހައިން ބެލެހެއްޓޭނެ އަދި އޮފީސް މޭޒުމަތި ފަޅުފިލާނެ ރީތި ގަހެކެވެ.