ވިޔަފާރި

މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު 6.5 ޕަސެންޓް އިތުރުވެއްޖެ

މިދިޔަ މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 6.5 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި މިދިޔަ މަހު ޓޫރިސްޓު އެރައިވަލް ހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ މަހު ރާއްޖެއަށް 151,552 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 142,351 މީހުންނާ އަޅާ ބަލާއިރު 6.5 ޕަސެންޓް އިތުރުވުމެކެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މިިދިޔަ އަހަރު އެއް ގައުމަކުން އެންމެ ގިނަ މީހުން އައިސްފައިވަނީ ޗައިނާ އިންނެވެ. ނިމިދިޔަ އަށެއްކަ އަހަރުވެސް ރާއްޖެއަށް އެންމެ ގިނައިން މީހުން އަންނަ އެ ގައުމުން މިދިޔަ މަހު 25,804 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައިސްފައިވާ 25,830 މީހުންނާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ. މިދިޔަ އަހަރު މި ގައުމުން އައި މީހުންގެ އަދަދު އޮތީ 0.1 ޕަސެންޓު ދަށްވެފަ އެވެ.

މިދިޔަ މަހު ޔޫރަޕުން 83,528 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ސަރަހައްދުން އައި 76,603 މީހުންނާ އަޅާ ބަލާއިރު ނުވަ ޕަސެންޓުގެ އިތުރުވުމެކެވެ. ޔޫރަޕުގެ ގައުމުތަކުން އެންމެ ގިނަ މީހުން ރާއްޖެ އައިސްފައިވަނީ ވެސްޓަން ޔޫރަޕަށް ނިސްބަތްވާ ޖަރުމަނުންނެވެ. އެ ގައުމުން މިދިޔަ މަހު 9,819 މީހުން އައިސްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އައި 8,329 މީހުންނާ އަޅާ ބަލާއިރު 17.9 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މި ސަރަހައްދުން ދެން އެންމެ ގިނައިން މީހުން އައިސްފައިވަނީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ދުވަސްވީ ބައިވެރިވާ ކަމަށްވާ އިޓަލީ ވިލާތުންނެވެ. އެ ގައުމުން މިދިޔަ މަހު 16,768 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 14,329 މީހުންނެވެ. މިއީ 17 ޕަސެންޓުގެ އިތުރުވުމެކެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން މިދިޔަ މަހު އައިސްފައިވަނީ 10,175 މީހުންނެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 9,442 މީހުންނާ އަޅާބަލާއިރު 7.8 ޕަސެންޓުގެ އިތުރު ވުމެކެވެ.