ހަބަރު

ހިލޭ ބަހާ ހެލްމެޓު ހޯދަން ކޯހެއް ފުރިހަމަ ކުރަން ޖެހޭ

ސަރުކާރުން ހިލޭ ބަހަން ނިންމާފައިވާ ހެލްމެޓު ލިބޭނީ ޓްރާންސްޕޯޓު މިނިސްޓްރީ އިން ކުރިއަށް ގެންދާ ކުރު ކޯހެއް ފުރިހަމަކުރުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، ހިލޭ ހެލްމެޓު ބޭނުންނަމަ އެންމެ ފުރަތަމަ ޖެހޭނީ ނަން ނޯޓުކޮށް ޓްރާންސްޕޯޓް އޮތޯރިޓީއިން ކުރިއަށް ގެންދާ ތިނެއް ނުވަތަ ހަތަރު ގަޑިއިރުގެ ކޯހެއް ގައި ބައިވެރިވެ ކޯސް ފުރިހަމަ ކުރުމަށް ކަމަށެވެ.

"މި ކޯހުގަ އަންނާނީ ހޭލުންތެރިކުރުމާއި މިހާރު މިހިނގާ އެކްސިޑެންޓުތަކާއި އެކްސިޑެންޓެއް ވެއްޖެނަމަ އެމީހަކާއި މެދު ކަންތައް ކުރަން ޖެހޭނެ ގޮތާއި މަޑުން ގަވައިދުގެ ތެރެއިން ދުއްވުމުގެ މުހިއްމުކަން." މިނިސްޓަރު ވިދާޅުވިއެވެ.

ހިލޭ ހެލްމެޓު ހޯދުމަށް މިނިސްޓްރީއިން ކުރިއަށް ގެންދާ ކުރު ކޯހުގެ ބައިވެރިންނަށް ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި، މި ހެލްމެޓުތައް މާލޭގެ އިތުރުން އަތޮޅުތެރެއަށް ބަހަން ހަމަޖެހިފައިވަނީ އާބާދީގެ ނިސްބަތަށް ބެލުމަށް ފަހު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ހިލޭ ބަހަން ނިންމާފައިވާ ހެލްމެޓުތަކުގެ ތެރެއިން ގިނަ ހެލްމެޓުތައް މިހާރު ރާއްޖެއަށް ގެނެވިފައިވާ ކަމަށެވެ. އަދި ބާކީ ހެލްމެޓުތައް ވެސް ލިބުނުހާ އަވަހަކަށް އެ ހެލްމެޓުތައް ބެހުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖާއި ހައިވޭގައި އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އަޅަން މަޖުބޫރު ކޮށްފައިވާއިރު، 5،000 ހެލްމެޓު ހިލޭ ބެހުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުފުޅުގެ ތެރެއިން ވައުދެކެވެ.