މާލޭ ސިޓީ

ޑަބްލިޔު ކޮންސްޓްރަކްޝަނަށް ފަސްލައްކަ ރުފިޔާގެ ޖޫރިމައިނާއެއް

ކޮންސްޓްރަކްޝަން ސައިޓަކުން ކުޑަ ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި މަރުވި ހާދިސާއާ ގުޅިގެން ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ޑަބްލިޔު ކޮންސްޓްރަކްޝަން 500،000 ރުފިޔާއިން ޖުރިމައިނާ ކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލް އިން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް "އަވަސް" އަށް ވިދާޅުވީ، 500،000 ރުފިޔާއަކީ އިމާރާތްކުރުމުގެ މަސައްކަތް ކުރާ ކުންފުނިތައް ޖޫރިމައިނާ ކުރެވޭ އެންމެ ބޮޑު އަދަދަކު ކަމަށެވެ. އަދި ޑަބްލިޔު ކޮންސްޓްރަކްޝަން ނޫނަސް، އިމާރާތް ކުރާ އެހެން ކުންފުނިތައް ވެސް ގަވާއިދާ ހިލާފުވެފައި ވުމުން، 500،000 ރުފިޔާ އަށްވުރެ ދަށް އަދަދަކުން ޖޫރިމައިނާ ކޮށްފައިވާ ކަމަސް ވެސް މޭޔަރު ޝަމާއު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުގައި ޑަބްލިޔު ކޮންސްޓްރަކްޝަން ކުންފުނިން ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާ އެއް ބަންގްލަދޭޝްގެ ހަތް އަހަރުގެ ކުއްޖަކު ބޮލަށް ވެއްޓުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ދެނިކޮށް ވަނީ މަރުވެފަ އެވެ. މިމައްސަލައިގައި ޑަބްލިޔު ކޮންސްޓްރަކްޝަން އަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ.

"500000 ރުފިޔާއިން ވާނީ ޑަބްލިޔު ކޮންސްޓްރަކްޝަން ޖޫރިމައިނާ ކޮށްފައި. ކައުންސިލްގެ ނޯޓިސްވެސް ވަނީ އެ ކުންފުންޏަށް ފޮނުވާފައި. އެއީ އަޅުގަނޑުމެންނަށް ގަވާއިދުތައް އޮތް ގޮތުން ކުރެވެން އޮތް އެންމެ ބޮޑު ޖޫރިމަނާ." ޝަމާއު ވިދާޅުވި އެވެ.

ޝަމާއު ވިދާޅުވީ ޑަބްލިޔު ކޮންސްޓަރަކްޝަން 500،000 ރުފިޔާއިން ޖޫރިމައިނާ ކޮށްފައިވަނީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވާ އެގޮތަށް ފާސްވުމުން ކަމަށެވެ. ޝަމާއު އިތުރަށް ވިދާޅުވީ، މިފަހުން މާލޭގައި ހިގާފައިވާ ހާދިސާތަކަކީ ސިޓީ ކައުންސިލްގެ އިހުމާލުން ހިގާފައިވާ ހާދިސާތަކެއް ނޫން ކަމަށެވެ.

މިފަހުން ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން މީހެއްގެ ބޮލަށް ގަލެއް ވެއްޓި ވަނީ މަރުވެފަ އެވެ. ޝަމާއު ވިދާޅުވީ މިފަދަ ކަންތައްތަކަކީ ކައުންސިލަށް ހުއްޓުވަން އުނދަގޫ ކަންތައްތައް ކަމަށެވެ. ޝަމާއު ވިދާޅުވި ގޮތުގައި، ސިޓީ ކައުންސިލުން ދަނީ ކޮންމެ ދުވަހަކު ފުލުހުންނާ ގުޅިގެން އިމާރާތް ކުރަމުންދާ ސައިޓުތަށް އިންސްޕެކްޓް ކުރަމުން ކަމަށެވެ. އޭނާ ވިދާޅުވީ، އިމާރާތްކުރާ ގިނަ ސައިޓުތަކުގައި ގިނައިން ހަރަކާތްތެރި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށެވެ. ކޮންމެ ދުވަހަކުވެސް ސިޓީ ކައުންސިލުން ދަނީ ގަވާއިދާ ހިލާފަތް އިމާރާތް ކުރަމުންދާ ސައިޓުތަކަށް ފިޔަވަޅު އަޅަމުން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.