ތަފާތު ސްޓައިލުގެ ދިވެހި ލަވަތައް ގެނެސްދެމުން ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ ރަހަ ބަދަލުކޮށްލި ސިމްބޮލިކް ރެކޯޑްސްގެ "ހުރެވެނީ" ހޭޝްޓެގް ސޯޝަލް މީޑިއާގައި ދައުރުވަތާ މިހާރު ދުވަސްކޮޅެއް ވެދާނެ އެވެ. ސިމްބޮލިކް އިން ހުރެވެނީ ޖަހައިގެން މިއުޅެނީ ލަވައަކަށް ކަމެއް އަލްބަމް އަކަށް ކަމެއް ނޭނގި "ހުރެވެނީ" ގެ އިންތިޒާރުގައި ތިއްބާ އެކަން ނިމުނީ އިއްޔެ އެވެ. ސިމްބޮލިކް އިން އިއްޔެ ރިލީޒް ކުރީ އެ މީހުންގެ ފަސްވަނަ އަލްބަމެވެ.
އަލްބަމާބެހޭ ގޮތުން ސިމްބޮލިކް ރިކޯޑްސްގެ ކްރިއޭޓިވް ޑައިރެކްޓަރު އިސްމާއިލް ނާއިލް ބުނީ މި އަލްބަމް ހާއްސަވާ އެންމެ ބޮޑު ސަބަބަކީ ހުރެވެނީ އަލްބަމް ގައި އެއްވެސް ރެޕް ލަވައެއް ނެތުމުން ކަމަށެވެ.
"މި އަލްބަމްގައި ހަތް ލަވަ ހިމަނާފައިވާއިރު އެއްވެސް ރެޕް ލަވަ އެއް ނޯންނާނެ. އެއީ މި އަލްބަމް އެންމެ ހާއްސަވާ އެއް ސަބަބު. ދެވަނަ ސަބަބަކީ 'ހުރެވެނީ' އަލްބަމަކީ ލަވަކިޔުންތެރިޔާ އަހްމަދު ޖައިލަމް (ބޭ) ގެ ފުރަތަމަ ސޯލޯ އަލްބަމަށް ވާތީ، މި އަލްބަމްގައި ރެޕް ލަވައެއް ނުހިމެނީ ތަފާތު ވައްތަރުގެ ލަވަތައް އެހުންތެރިންނަށް ދޫކޮށްލުމަށް"
ޒުވާނުންގެ ތެރޭގައި މަގުބޫލު ލަވަތަކެއް، ހާއްސަ ކޮށް ރެޕް ލަވަތައް ގެނެސްދޭ ސިމްބޮލިކް ރެކޯޑްސް އިން މި އަހަރުގެ ފުރަތަމަ އަލްބަމް ރިލީޒްކުރި އިރު ރެޕް ލަވައެއް ނުހިމަނާ އަމިއްލަ އުފެއްދުމެއް ނެރުމުން އެދެން ވަރަަށް ހާއްސަވީ އެވެ. އެކަހަލަ ލަވަތަކަށް ފޯރި ހުންނަ މީހުންނަށް މިއީ ދެރަ ހަބަރަކަށް ވިޔަސް ސިމްބޮލިކް އިން އެމީހުންގެ ފޭނުން "ޑިސަޕޮއިންޓް" ކޮށްލާނެ ހެނެއް ހިޔެއް ނުވެ އެވެ.
ސިމްބޮލިކްގެ "ހުރެވެނީ" އަލްބަމް ރިލީޒް ކުރެއްވުމަށްފަހު ޓްއަރިޒަމް މިނިސްޓަރު، އަލީ ވަހީދު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިމްބޮލިކް ރެކޯޑްސް އަކީ އަމިއްލަވަންތަ އުފެއްދުންތެރި ގަދަ ބަޔެއް ކަމަށެވެ. އަދި ހުރެވެނީ އަލްބަމް އަޑު އަހާލަން ހުރެވެނީ ހަމަ ތަފާތުވީމާ ކަމަށެވެ.
"ހުރެވެނީ" އަލްބަމްގައި ހަތް ލަވަ ހިމެނޭ އިރު ހަ ލަވަ ކިޔާފައިވަނީ ބޭ އެވެ. ހަތްވަނަ ލަވަ ކިޔާފައިވަނީ ބޭ އާއި ފާތިމަތު ޝިފްނާ (ޝިފޫ) އެވެ.
ބޭ އާއި ޝިފޫ މި އަލްބަމްގައި ކިޔާފައިވާ "ގާތުގައި" ލަވައަކީ 10 ވަރަކަށް އަހަރު ވަންދެން ޅެން ހަދާ ރައްޓެހިންގެ ތެރޭ އަބަދުވެސް ކިޔާ ލަވައެއް ކަމަށް ނާއިލް ބުންޏެވެ. ނަމަވެސް، މި ލަވަ ރަސްމީކޮށް ރިލީޒް ކުރީ "ހުރެވެނީ" އަލްބަމްގަ އެވެ.
މި އަލްބަމްގެ ޑުއޯ ލަވަ "ގާތުގައި" ގެ މިއުޒިކް ހަދާފައިވަނީ، ހުސައިން ރިޒާން (އެމްޕް) އެވެ. އަދި ބާކީ ހަ ލަވައިގެ މިއުޒިކް ހަދާފައިވަނީ ރައްޔާން މުހައްމަދު (ރައިޑޭ) އެވެ. "ހުރެވެނީ" އަކީ އީޑީއެމް (އިލެކްޓްރޯނިކް ޑާންސް މިއުޒިކް) ސްޓައިލުގެ ލަވަތަކެއް ހިމެނޭ އަލްބަމެކެވެ.
ސިމްބޮލިކް އިން މިއަހަރު އެންމެ ފުރަތަމަ ނެރުނު އަލްބަމް މިހާރު ވަނީ ލަވަފޮއްޓަށް ވެސް ލާފަ އެވެ. ލަވަފޮށީގައި ސިމްބޮލިކްގެ އަލްބަމްތައް އަންނަނީ ރެކޯޑު ހަދަމުންނެވެ. އެންމެ ފަހުން ނެރުނު "މާރޯކާ" އަލްބަމް އަކީ ލަވަފޮށީގައި މިހާތަނަށް އެންމެ ގިނައިން ސްޓްރީމް ކުރި އަލްބަމް އަށް ވެފައި ވާއިރު، "ހުރެވެނީ" އަލްބަމް ވެސް ސިމްބޮލިކުން ބުނާ ގޮތަށް "ދަ ނެކްސްޓް ބިގް ތިންގް" އަށް ވާނެ ހެއްޔެވެ؟