ހަބަރު

ޕެޕާ ސްޕްރޭ ޖެހީ ހާލަތާ ގުޅޭ އެންމެ ކުޑަ މިންވަރަށް: ފުލުހުން

އައިޖީއެމްއެޗްގެ ތެރެއަށް އެއްވެފައިތިބި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖެހީ އަމުރަށް ނުކިޔަމަންތެރި ވުމުން ކަމަށާއި ޕެޕާ ސްޕްރޭ ބޭނުން ކޮށްފައިވާނީ އެހާލަތުގައި ބޭނުން ކުރަން ޖެހުނު އެންމެ ކުޑަ މިންވަރަށް ކަމަށް ފުލުހުން ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް މިއަދު ހަވީރު އައިޖީއެމްއެޗަށް ގެނައި ވަގުތު އެމަނިކުފާނަށް ސަޕޯޓްކުރާ ފަރާތްތަކުން ވަނީ އައިޖީއެމްއެޗް ތެރެއަށް ވަދެ އަޑުގަދަކޮށްފަ އެވެ. ފުލުހުން ވަނީ އެފަރާތްތައް ބޭރު ކުރުމަށް ޕެޕާ ސްޕްރޭ ބޭނުންކޮށްފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ވަނީ، ރައީސް ޔާމީން މިއަދު އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކެވުމަށް ގެންނެވި ވަގުތު އެމަނިކުފާނަށް ތާއީދު ކުރާ ބަޔަކު އެ ހޮސްޕިޓަލުގެ ހުޅަނގު ގޭޓުން ވަދެ، ހޮސްޕިޓަލުގެ ކާޑިއޮލޮޖީ ސެންޓަރުގެ ތެރެއަށް ވަންނަން މަސައްކަތްކުރި ކަމަށެވެ. އަދި ފުލުހުން ތަކުރާރުކޮށް އެސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ނުވަނުމަށް އެންގުމުންވެސް ނުކިޔަމަންތެރިކަން ދައްކާ އަޑުގަދަކޮށް، ގަދަކަމުން ހޮސްޕިޓަލް ތެރެއަށް ވަދެގަތުމަށް އުޅުމުން އެކަން ހުއްޓުވައި ކޮންޓްރޯލް ކުރުމަށް ޕެޕާ ސްޕްރޭ ބޭނުންކުރަން ޖެހުނު ކަމަށް ފުލުހުން ބުންޏެވެ.

"އެސަރަހައްދުގައި ހިނގުން އުޅުނު ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ޕެޕާ ސްޕްރޭ ބޭނުން ކޮށްފައިވާނީ އެހާލަތުގައި ބޭނުން ކުރަން ޖެހުނު އެންމެ ކުޑަ މިންވަރަށް،" ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުން ބުނީ، ހޮސްޕިޓަލް ފަދަ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ތެރޭގައި އެއްވެ އަޑުގަދަކޮށް ހަމަނުޖެހުމަށް މަގުފަހިވާފަދަ ކަންކަން ކުރުމަކީ އެތަންތަނުގައި ތިބޭ މީހުންނަށާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށްވެސް ދަތި އުނދަގޫވެ، ހިދުމަތް ދިނުމަށް ހުރަސް އެޅޭކަމެއް ކަމަށެވެ. އަދި ހޮސްޕިޓަލްތަކަކީ އެއްވެ އުޅުމާއި ބެހޭ ގާނޫނުގައިވެސް އެއްވުން މަނާ ތަނެއްކަމަށް ކަނޑައަޅާފައިވާ ތަނެއް ކަމަށާއި އެއްވެސް ފަރާތަކުން ހޮސްޕިޓަލުގެތެރޭގައި އެއްވެ އަޑުގަދަކޮށް ހަޅޭއްލަވާ ނުހެދުމަށް އެދޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

"ހޮސްޕިޓަލަށް ޒިޔާރަތްކުރާ ފަރާތްތަކުންވެސް ހޮސްޕިޓަލްގެ މެނޭޖްމެންޓުން ކަނޑައަޅާފައިވާ އުސޫލުތަކާއި ސަލާމަތީކަންކަން ބަލަހައްޓާ ފަރާތުން ދޭ އިރުޝާދާއެއްގޮތަށް އަމަލުކުރުމަށް މިސާވިސްއިން އިލްތިމާސްކުރަން،" ފުލުހުންގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ވަނީ، ފުލުހުން ބާރުގެ ބޭނުންކުރާ ހާލަތްތަކުގައި ބާރު ބޭނުން ކުރެވުނު ގޮތް ރިވިއުކުރުމަށް އެކުލަވާލެވިފައިވާ "ޔޫސް އޮފް ފޯސް ރިވީއު ކޮމެޓީ" އިން މިއަދުގެ ހާދިސާގައި ވެސް ފުލުހުން ބޭނުންކުރި ބާރާއި އެބާރު ބޭނުންކުރެވުނު ހާލަތު ދިރާސާކޮށް ރިވިއު ކުރާނެ ކަމަށެވެ.