މޯލްޑިވްސް ޕޮލިސް ސާވިސް

ނިހާން ފުލުހުންނަށް ހުރަސް އެޅި މައްސަލަ ބަލަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޮސްޕިޓަލަށް ގެންދިޔުމާ ގުޅިގެން ޕީޕީއެމް އަދި ޕީއެންސީ އިން ކުރި މުޒާހަރާގައި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސް އެޅި މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "އަވަސް"އަށް މިއަދު ވިދާޅުވީ، ނިހާން ގެ މައްސަލަ މިހާރު ފުލުހުން ބަލަން ފަށާފައިވާ ކަމަށާއި އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންތަށް ފުލުހުން ކުރަމުންދާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

ފުލުހުންގެ ވެހިލަކަލްގެ ފުރޮޅު ދަށަށް ނިހާން ގާބުރިއެއް ލާ މަންޒަރު ރޭ ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ. މިކަމާ ގުޅިގެން ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާ ފުލުހުންގެ ވެހިކަލްގެ ފުރޮޅު ދަށައް ގާބުރި ލާފައިވަނީ، ފުލުހުންގެ ވެހިކަލް ފަހަތަށް ދުއްވަން އުޅޭތީ އެކަމުގެ ސަބަބުން މީހަކަށް އަނިޔާ ވެދާނެތީ ކަމަށެވެ.

ކުރީގެ ރައީސް ޔާމީން މިހާރުވަނީ 24 ގަޑިއިރަށް އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފަ އެވެ. ޔާމީންގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ލ. ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވެފަވަނީ ޔާމީން އައިޖީއެމްއެޗް އަށް ގެންގޮސްފައިވަނީ އެމަނިކުފާނަށް އޮޅުވާލައިގެން ކަމަށެވެ.

މިކަމާ ގުޅިގެން ޔާމީންގެ ސަޕޯޓަރުން ހޮސްޕިޓަލްގައި މުޒާހަރާ ކުރަން ފެށުމުން ޕުލުހުން ވަނީ ޕެޕާ ސްޕޭރޭގެ ބޭނުން ކޮށް، އެ މީހުން އެތަނުން ނެރެފަ އެވެ. ހޮސްޕިޓަލްތަކުގެ އެތެރޭގައި މުޒާހަރާ ކުރުމަކީ މަނާ ކަމަކެވެ.