"[އެއީ] މަތި މައްޗަށް ހުވާ ކޮށްގެން ތިއްބަވާ ބޭފުޅުން، އެންމެ މިނިވަންވާން ޖެހޭނީ އެ ބޭފުޅުން ނޫންތޯ؟"، މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުން ސިފަ ކުރެއްވި ގޮތެވެ. ރައީސް ފާހަގަ ކުރެއްވި ގޮތަށް މައްސަލައަކީ އެ މިނިވަންކަން ނެތި، ޝަރުއީ ދާއިރާގެ ބަލި ފަޔަކަށް ޖޭއެސްސީ ވެފައިވާތީއެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރައްވާނެ ކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ސޯލިހު، އިސްލާހީ އެންމެ ބޮޑު ބަދަލެއް ބޭނުންފުޅު ވަނީ ޖޭއެސްސީއަށެވެ. ޖޭއެސްސީ މިހާރު އެކުލެވިގެންވާ އޮނިގަނޑަކީ އެމަނިކުފާނު އެއްގޮތަކަށް ވެސް ހިތްހަމަޖެހިވަޑައިގަންނަވާ އޮނިގަނޑެއް ނޫނެވެ. އެ އޮނިގަނޑު ބަދަލު ކުރުމާމެދު ވިސްނަން ރައީސް ވަނީ ޝަރުއީ ދާއިރާގެ ބޭފުޅުންގެ އަރިހުން ވެސް އެދިވަޑައިގެންފައެވެ.
ޖޭއެސްސީ މިހާރު ބައްޓަންވެފައި އޮންނަނީ 10 މެންބަރުންގެ މައްޗަށެވެ. އޭގެ ތެރެއިން ހަތް މެންބަރުންނަކީ އެހެން މަގާމުތަކުގެ ސަބަބުން ޖޭއެސްސީއަށް ވަޑައިގެންނެވޭ ބޭފުޅުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ބަންޑާރަ ނައިބާއިި ސިވިލް ސާވިސް ކޮމިޝަންގެ ރައީސަށް ޖޭއެސްސީއިން ގޮނޑި ދޭން ޖެހެއެވެ.
އޭގެ އިތުރުން ސުޕްރީމް ކޯޓާއި ހައިކޯޓާއި ދަށު ކޯޓުތަކުން ފަނޑިޔާރުންނަށް ވެސް މެންބަރުންކަން ދޭން ޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރެއް ވެސް ޖޭއެސްސީއަށް އައްޔަން ކުރަން ޖެހެއެވެ. -- އެ ބޭފުޅުންނަކީ ދެ ހުވާ ކުރައްވައިގެން ތިއްބަވާ ބޭފުޅުންނެވެ.
ދެން ޖޭއެސްސީގައި ތިއްބަވަނީ ގާނޫނީ ވަކީލުންގެ ފަރާތުން މެންބަރަކާއި އާންމު ރައްޔިތުންގެ ފަރާތުން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި ރައިސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެކެވެ. މިގޮތަށް ޖޭއެސްސީ އެކުލަވާލެވިފައި އޮތުމަކީ ޖޭއެސްސީ ވުޖޫދުވުމުގެ ކުރިން ވެސް ކަންބޮޑުވުމެކެވެ.
ރައީސް ސޯލިހު އިސްލާހީ އެޖެންޑާއަށް ތާއީދު ކުރައްވާ ޝަރުއީ ދާއިރާ އިސްލާހު ކުރާނެ ގޮތްތަކާމެދު މަޝްވަރާ ކުރުމަށް ސުޕްރީމް ކޯޓުން އިސްނަގައިގެން ބޭއްވި ކޮންފަރެންސްގައި ވެސް އެންމެ ފުޅާ ބަހުސަކަށްވީ ޖޭއެސްސީއެވެ. އެ ކޮމިޝަންގެ މިނިވަންކަން ނެތޭ ބުނާ ބަހުސެވެ.
އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓް، އައިސީޖީއިން ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން 2011 ވަނަ އަހަރާއި 2013 ވަނަ އަހަރު އެކުލަވާލި ރިޕޯޓްގައި ވެސް ޖޭއެސްސީ "މާ ސިޔާސީ" ކަމަށް ބުނެފައިވެއެވެ. ޖޭއެސްސީގައި ޝަރުއީ ދާއިރާއާ ގުޅުމެއް ނެތް ބޭފުޅުން ތިބުމަކީ ސީރިއަސް ގޮތެއްގައި ވިސްނަން ޖެހޭ ކަމެއް ކަމަށް އެ ރިޕޯޓް އެކުލަވާލެއްވި އައިސީޖީގެ އޭޝިއާ ޕެސިފިކް ޑައިރެކްޓާ ރޮޖާ ނޯމަން ވިދާޅުވެފައިވެއެވެ. ސިވިލް ސާވިސްގެ ރައީސް އާއި މަޖިލީހުގެ ރައީސްއަކީ އެގޮތަށް ގުޅުމެއް ނެތް ބޭފުޅުންނެވެ.
ސިޔާސީ މީހުން އެއް ފަރާތް ކުރަންވީ؟
ޖޭއެސްސީ އެކުލަވާލިއިރު ވެސް އެގޮތަށް އެކަން ނުކުރަން އެދިވަޑައިގެން ދިގު ސިޓީފުޅެއް ލިޔުއްވި އެއް ބޭފުޅަކީ އޭރުގެ ޖަސްޓިސް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ. ނަމަވެސް ޖަމީލުގެ އެ ދިގު ސިޓީފުޅު އެ ފޮނުވި ތަނެއްގައި އޮތް ގޮތަކަށް އޮތީއެވެ.
ޖަމީލު ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ އިސްލާހު ކުރެވެނީ ސިޔާސީ ނުފޫޒުން އެތަން އެއްކިބާ ކޮށްގެންނެވެ. ޝަރުއީ ނިޒާމްގެ އެންމެ މުހިންމު ސޯބުގެ ތެރެއަށް ސިޔާސީ މީހުން ވަނުން ގޯހެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި އެކަން އޮތް ގޮތް ބަލައި، ދިރާސާ ކުރުމަށްފަހު އެކަން އިސްލާހު ކުރަން ޖެހޭ ކަމަށް ޖަމީލު ދެކެވަޑައިގަންނަވައެވެ.
ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތުގައި އުޅުއްވި ރާއްޖޭގެ ފުރަތަމަ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު ކޮންފަރެންސްގައި ވިދާޅުވި ގޮތުގައި ޖޭއެސްސީ މިހާރު އޮތް ގޮތް ބަދަލު ކުރަންޖެހެއެވެ. ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާކަށް ނުޖެހެއެވެ. ގާނޫނު އަސާސީ އެކުލަވާލިއިރު ވެސް އެ ކަންބޮޑުވުންތައް ހުރި ނަމަވެސް އޭރު އެކަމަށް މާބޮޑު ސަމާލު ކަމެއް ނުދެވުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކުރިއަރާފައިވާ އިސްލާމީ ގައުމެއް ކަމަށްވާ ޓިއުނޭޝިއާއަކީ ސިޔާސީ ނުފޫޒުތަކުން ޝަރުއީ ދާއިރާ ވަރަށް ބޮޑަށް ދުރު ކޮށްފައިވާ ގައުމެކެވެ. އެ ގައުމުގައި ފަނޑިޔާރުންނާ ގުޅޭ ކަންކަން ބަލަހައްޓަނީ ސްޕްރީމް ޖުޑީޝަލް ކައުންސިލަކުންނެވެ. އެ ކައުންސިލްގައި ޖުޑީޝަލް ކައުންސިލެއް ވެސް އޮވެއެވެ. އެ ކައުންސިލްގައި 15 މެންބަރުން ތިއްބަވާއިރު އޭގެ ތެރޭގައި ސިޔާސީ އެއްވެސް ބޭފުޅަކު ނުހިމެނެއެވެ. މެޖޯރިޓީއަކީ އިންތިހާބު ކުރާ ފަނޑިޔާރުންނާއި ވަކީލުންނެވެ.
އެއާ ހިލާފަށް ރާއްޖޭގެ ޖޭއެސްސީއަކީ ވަކިން އޮންނަ ތިން ބާރު މަސްހުނިވާ ތަނެވެ. ރައީސްގެ މެންބަރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މެންބަރެއް ފަނޑިޔާރުންގެ މައްސަލަތައް ބަލަން އިންނެވުމަކީ އެއް ބާރުން އަނެއް ބާރަށް ފޯރުވޭ ނުފޫޒެއް ކަމަށް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވައެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި ގޮތުގައި ސިޔާސީ ބޭފުޅުން ތިއްބަވާ ސިޔާސީ ޕާޓީތަކާއި ލީޑަރުން ތިއްބަވާ ނުވަތަ އެބޭފުޅުންގެ މަސްލަހަތަށްޓަކައި ހިނގާ ނިޒާމަކަށް ވެއްޖެނަމަ މިނިވަން ފަނޑިޔާރު ގެއެއް ނޯންނާނެއެވެ. އެމަނިކުފާނު އިޝާރާތް ކުރެއްވީ ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އިންނަވާ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށެވެ.
"ފަނޑިޔާރުން މަގާމުން ވަކި ކުރުމަކީވެސް ސިޔާސީ ޕްރޮސެސްއެއްގެ ތެރެއިން ކުރެވޭ ކަަމަކަށް ވެގެން ނުުވާނެ، ފަނޑިޔާރުންނަށް މަގާމު ދެނީ އަދި މަގާމުން ވަކި ކުރަނީ ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުންގެ ނުފޫޒާއި ބާރު އޮންނަ މުއައްސަސާތަކުން ކަމަށްވާނަމަ އެ ފަރާތްތަކުގެ ނުފޫޒުގެ ސަބަބުން ފަނޑިޔާރުންގެ މަސައްކަތަށް ދަތިވުމާއި އެ ނުފޫޒުގައި ފަނޑިޔާރުން ޖެހި ފަނޑިޔާރުގޭގެ މިނިވަންކަން ގެއްލުން އޮންނާނީ ނުހަނު ގާތުގައި،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ޖޭއެސްސީ މިހާރު އޮތް ގޮތަށް އެކުލެވިގެންވާހާ ހިނދަކު ޝަރުއީ ދާއިރާ އިސްލާހު ކުރަން ފަސޭހަ ނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ވެސް ވިދާޅުވެފައިވެއެވެ. ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވެސް ވިދާޅުވަނީ ޖޭއެސްސީ އޮތީ ފަނޑިޔާރުގޭގެ މިނިވަންކަން ދެމެހެއްޓޭނެ ގޮތަކަށް ނޫން ކަމަށެވެ.
ހައްލަކީ އަދި އިސްލާހަކީ ކޮބާ؟
ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ބޮޑު އެޖެންޑާ މިހާރު ވެސް ގެންގުޅޭ އެމްޑީޕީގެ އަތުގައި ވެސް ޖޭއެސްސީގެ އޮނިގަނޑަށް ގެންނާނެ ބަދަލެއް ނެތެވެ. އެ ޕާޓީއަށް ވެސް އެނގެނީ ބަދަލު ކުރަން ވެއްޖެ ކަމެވެ. އެކަމަކު، އެ ޕާޓީއިން ތައްޔާރު ކޮށްގެން އުޅޭ "އެޖެންޑާ19"އިގެ އިސްލާހުތަކުގެ ތެރޭގައި ޖޭއެސްސީގެ އޮނިގަނޑު ބަދަލު ކުރުން ހިމަނާފަ އެއް ނެތެވެ.
ޖޭއެސްސީގައި މިހާރު އިންނަވާ ގާސިމް އިބްރާހިމް އަމިއްލަފުޅަށް އަރުވާލެއްވިގެން ޖަރުމަނުގައި ހުންނެވިއިރު ޖޭއެސްސީ ބަދަލު ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. ޝަރުއީ ދާއިރާ މިނިވަން ކުރަން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ އިސްލާހުތަކެއްގެ ހިޔާލު ވެސް ޓްވިޓާއަށް ބަންޑުން ކޮށްލެއްވިއެވެ.
އެ ދުވަހު އެމަނިކުފާނުގެ ޖުޑީޝަލް ރީފޯމް އެޖެންޑާއެއް އޮތް ކަމަށް ވިދާޅުވެ، ޖޭއެސްސީގެ މެންބަރުންގެ އަދަދު ހަތަރަކަށް ތިރި ކުރުމުގެ ވިސްނުން ކުރިއަށް ނެރުއްވިއެވެ. އެމަނިކުފާނު ބޭނުންފުޅުވާ ޖޭއެސްސީގައި ރައީސްގެ މެންބަރާއި މަޖިލީހުގެ މެންބަރާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުއިންނަވާނެއެވެ. އެކަމަކު، މިހާރު އެ ރީފޯމް އެޖެންޑާގެ ވާހަކަ ގާސިމް ކުރިއަކަށް ނުނެރުއްވައެވެ.
ޖޭއެސްސީއަށް ގެންނަން ފެންނަ ބަދަލު، ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވެސް މީގެ ކުރިން ކުރިއަށް ނެރުއްވިއެވެ. އެ ހުށަހެޅުމަކީ ގާނޫނީ ގިނަ ބޭފުޅުން އޭރު ތާއީދު ކުރި ވެސް ފޯމިއުލާއެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޖޭއެސްސީ އެކުލެވިގެންވާންވީ ތިން މެންބަރުންގެ މައްޗަށެވެ.
އެ ތިން މެންބަރުން އިންތިހާބު ކުރާނީ ޝަރުތު ފުރިހަމަވާ މީހުންގެ ތެރެއިން އެކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއިން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ ނަންތަކުގެ ތެރެއިންނެވެ. އޭނާ ހުށަހެޅުއްވި ގޮތުގައި އެ ތިން މެންބަރުން ވާން ޖެހެނީ ޝަރުއީ ދާއިރާގެ އިސް މަގާމުތައް ފުރުއްވައި ރިޓަޔާ ކުރައްވާފައިވާ ތިބޭ ބޭފުޅުންނަށެވެ. އުމުރުން 60 އަހަރުވެފައިވާ ބޭފުޅުންނެވެ. މިއީ ބައެއް ގައުމުތަކުގައި އަމަލުކުރާ އުސޫލެކެވެ.
ސުއޫދު ދެކެވަޑައިގަންނަވާ ގޮތުގައި ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވަން ނުޖެހޭ ގޮތަށް ގާނޫނީ ވަކީލުންގެ ފަރާތުން ވެސް މެންބަރަކު އިންނަވާކަށް ނުޖެހެއެވެ. އެއީ ތަޖުރިބާ ކުރެވިފައިވާ ގޮތުން ވަކީލުންގެ އެ މެންބަރުން ފަނޑިޔާރުންނަށް އެކިއެކި ނުފޫޒު ފޯރުވާ ކަމަށް އޭނާ ވިދާޅުވެއެވެ. އަދި، ޖޭއެސްސީ މެންބަރުގެ ގޮތުގައި ހުންނަވާ ޝަރީއަތްތަކުގައި ވަކާލާތު ކުރައްވަންދާކަން ވެސް ސުއޫދު ފާހަގަކުރެއްވިއެވެ.
ވަޒަން ހެޔޮވަރެއް ނޫންތަ؟
ޖޭއެސްސީއާ ގާނޫނީ ގިނަ ބޭފުޅުން ނުރުހުނަސް، އެތަން ގޯސް ނޫން ކަމަށް ވިދާޅުވާ ބޭފުޅުން ވެސް އެބަ ތިއްބެވި އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ވެސް ހިމެނިވަޑައިގެންނެވި އަހްމަދު ޒާހިރު، ސީނާ ޒާހިރު ޖޭއެސްސީ އެކުލެވިފައިވާ ގޮތް ދިފާއު ކުރައްވައެވެ. ޒާހިރު ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގައި ޖޭއެސްސީ އެކުލަވާލަން ކަނޑައެޅީ ވަރަށް ރަނގަޅަށެވެ. އެއަށް ވުރެ ފުރިހަމަކޮށް ކޮމިޝަން އެކުލަވައެއް ނުލެވޭނެއެވެ. މައްސަލައަކީ އޮނިގަނޑު ނޫން ކަމާއި އަމަލު ކުރަމުންދާ ގޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ކިތަންމެ ރަނގަޅަށް ލިޔުމުން އެއްޗެއް އޮތް ނަމަވެސް އެ ލިޔުމާ އެއްގޮތަށް ނުހިންގޭ ކަމަށްވާނަމަ ރައްޔިތުންނަށް ވެސް އެއިން ކުރާނެ ވަކި ފައިދާއެއް ނޯންނާނެ،" ޖޭއެސްސީ އަމަލުކުރާ ގޮތް ކަމުނުދާކަން ފާހަގަ ކުރައްވަން ޒާހިރު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން ބޭއްވި ޝަރުއީ ދާއިރާ އިސްލާހުކުރުމާ ބެހޭ ކޮންފަރެންސްއަށް ކުރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް ހުށަހެޅުއްވި ކަރުދާހުގައި އޭނާ ފާހަގަ ކުރެއްވީ މިހާރު ޖޭއެސްސީ އޮތް ގޮތަކީ ވަރަށް ވަޒަން ހެޔޮ ވަރު އޮނިގަނޑެއްގެ ގޮތުގައެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވެނީ އެ ކޮމިޝަންގެ އޮނިގަނޑަކީ ހަމަ އެންމެ ރަނގަޅު އޮނިގަނޑެއް ކަމަށް، ވަޒަން ހަމަ ކުރެވިފައިވާ އޮނިގަނޑެއް ކަމަށް، އެހެން ދަންނަވާ ސަބަބެއް ވެސް އެބަ އޮތް، ކޮމިޝަންގެ މެންބަރުންނަށް ބަލާއިރު ތިން މަގާމަކީ ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރެވޭ ތިން މަގާމެއް، އަނެއް ތިން މަގާމަކީ ތަންފީޒީ ބާރުގެ ތެރެއިން އަންނަ ތިން މަގާމު، އަނެއް ތިން މަގާމަކީ ޝަރުއީ ނިޒާމްގެ ތެރެއިން ކޯޓުތަކުގެ ތެރެއިން އަންނަ ތިން މަގާމު،" ގާޒީ ހައިލަމް ވިދާޅުވިއެވެ.
ގާޒީ ވިދާޅުވި ގޮތުގައި ޝަރުއީ ނިޒާމް ހަރުދަނާ ކުރުމަށް އަނެއް ދެ ބާރުން ވެސް ހަމަހަމަ ގޮތެއްގައި ބައިވެރިވުމަކީ އެންމެ ރަނގަޅު ގޮތެވެ. ފަނޑިޔާރުންނާ ގުޅޭ ކަންކަމަށް އެކުލަވާލަން ޖެހޭ އެންމެ ރަނގަޅު އޮނިގަނޑަކަށް ވާނީ އެފަދަ ހަމަހަމަ އޮނިގަނޑެއް ކަމަށެވެ. ގާނޫނީ ވަކީލެއް ކޮމިޝަން އިނުމަކީ ވެސް މުހިންމު ކަމެއް ކަމާއި އެއީ ވަކީލުންނަކީ ޝަރުއީ ދާއިރާގެ އެންމެ ގިނަ ކަންކަން ތަޖުރިބާ ކުރާނެ މީހުންނަށްވާއިރު އެ ފަރާތުގެ ބަހެއް މުހިންމު ކަމަށް ކުރިން ވަކީލްކަން ވެސް ކުރެއްވި ގާޒީ ހައިލަމް ވިދާޅުވިއެވެ.
ގާޒީގެ ވިސްނުން އެހެން ހުރި ނަމަވެސް ކޮންފަރެސްގެ ހުލާސާ ރިޕޯޓްގައި ވެސް ފާހަގަކުރީ ޖޭއެސްސީގެ އޮނިގަނޑަކީ ވީއެންމެ އަވަހަކަށް ބަލަކުރަން ޖެހޭ އޮނިގަނޑެއް ކަމެވެ. ފެމެލީ ކޯޓުގެ ގާޒީ ހަސަން ސައީދު އެކުލަވާލެއްވި އެ ރިޕޯޓްގައި ފާހަގަ ކުރެއްވި ގޮތުގައި ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ޖޭއެސްސީގެ އޮނިގަނޑު ބަދަލުކުރުމަކީ އެންމެ މުހިންމު ކަންތަކެވެ. އެކަމަކު، ޖޭއެސްސީގެ އޮނިގަނޑަށް ގެންނާނެ ބަދަލަކާމެދު އަދި ވަކި ނިންމުމަކަށް ޝަރުއީ ދާއިރާގެ ބޭފުޅުންނަށް ވެސް ނާދެވެއެވެ.
ކޮންފަރެންސްގައި ވަކީލަކު ވަރަށް މުހިންމު ކަމެއް ފާހަގަ ކުރެއްވިއެވެ. އެ ވަކީލު ވިދާޅުވި ގޮތުގައި ޖޭއެސްސީގައި ވަކި ސިޔާސީ ނުފޫޒު ގަދައެއް ނޫނެވެ. ސިޔާސީ ބޭފުޅުންނެކޭ އެއް ހަމައަށް ފަނޑިޔާރުންނާއި ގާނޫނީ ބޭފުޅުން ތިއްބަވާއިރު، އެ ބޭފުޅުން ވެސް ބޭނުން ނުވާ ގޮތަކަށް ކަންކަން ކުރިއަށް ނުދާނެއެވެ. އެހެންވެ، ސިޔާސީ ނުފޫޒުގައި އެ ފަރާތްތައް ޖެހޭނަމަ އެއީ ނިޒާމްގެ މައްސަލައެއް ނޫން ކަމާއި އިހްލާސްތެރިކަމާ ގުޅިފައިވާ ކަމެއްކަން އެ ވަކީލް ވިދާޅުވިއެވެ.
އޭނާ މިސާލެއް ވެސް ދެއްކެވިއެވެ؛ އުއްތަމަ ފަނޑިޔާރު ކަމުން އަހުމަދު ފާއިޒް ވަކިކުރުމަށް އެމަނިކުފާނުގެ ބޮލުގައި ނާގާބިލް ކަމުގެ ތާޖު އަޅުވައިގެން މަގާމުން ދުރު ކުރީ ހަމައެކަނި ޖޭއެސްސީގައި ތިބި ސިޔާސީ ބޭފުޅުން ބޭނުންވެގެންނެއް ނޫނެވެ. އެއީ އެ ތަނުގައި ތިއްބެވި ފަނޑިޔާރުން ވެސް އެގޮތަށް ބޭނުންވުމުންނެވެ. އެ މަގާމަށް އެހެން ބަޔަކު ފެންބޮވައިގަތުމުން ގުޅިގެން ހިންގި "ޖަރީމާއެއް"ގެ ގޮތުގައި ވަކީލް ސިފަ ކުރެއްވިއެވެ.
ރައީސް ސޯލިހު ވެސް ވިދާޅުވިއެވެ؛ ރާއްޖޭގައި ނެތީ ގާނޫނާއި ގަވައިދެއް ނޫނީ ނިޒާމެއް ނޫނެވެ. ތެދުވެރިކަމާއި އިހްލާސްތެރިކެމެވެ. ޝަރުއީ ދާއިރާގެ ބަލި ފަޔަކަށް ޖޭއެސްސީ ވެގެން މިއުޅެނީ އެ އިހްލާސްތެރިކަން ވެސް ނެތީމައެވެ. ހަމައެހެން، ނިޒާމް ނޫނީ އޮނިގަނޑުގައި ގޯސްތަކެއް ހުރުމުންނެވެ. އެ ދެ ކަމަކީ ވެސް މިނިވަން ފަނޑިޔާރުގެއަކަށް މުހިންމު ދެ ކަމެވެ.