ޓްރާންސްފާ މާކެޓް

ބޮޑެތި ޓްރާންސްފާތަކެއްގެ އިޝާރާތް މާޒިޔާއިން ދީފި

ބޮޑެތި ޓްރާންސްފާތަކެއް ހުރިކަމުގެ އިޝާރާތެއް، މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަންއިން ދީފި އެވެ.

ޖޫން މަހު ފަށާނެ ކަމަށް، އެފްއޭއެމުން ބުނެފައިވާ ސީޒަނަށް ތައްޔާރު ވުމަށް، ބައެއް ކުލަބަކުން ދަނީ މިހާރުވެސް ކުޅުންތެރިން ލައްވައި ސޮއި ކުރުވަމުންނެވެ. ޓްރާންސްފާ މާކެޓްގައި، މާޒިޔާއާ ގުޅުވައި އާންމުވެގެން ދިޔަ ހަމައެކަނި ވާހަކަ އަކީ، އެ ޓީމަށް ކުޅުނު ބައެއް ކުޅުންތެރިންގެ ކޮންޓްރެކްޓް ހަމަވުމުން ކުލަބު ދޫކޮށްލާފައިވާ ވާހަކަ އެވެ. މިދިޔަ ތިން ސީޒަންގައި، މާޒިޔާއަށް ކުޅުނު އިސްމާއީލް އީސާ 'މެސީ' އާއި ޔަޝްފާދު ހަބީބު 'މުލަކޭ'، އަހްމަދު އިމާޒު 'އާއްކޮ' އަދި ޑިފެންޑަރު ގާސިމު ޝަމާމު 'ޝަންމޭ' ގެ ކޮންޓްރެކްޓް ހަމަވުމުން އެ ކުޅުންތެރިން ވަނީ ކުލަބު ދޫކޮށްލާފަ އެވެ.

އޭގެ ތެރެއިން އިސްމާއީލް ވަނީ އަންނަ ސީޒަންގައި ޓީސީއަށް ކުޅެން ސޮއި ކޮށްފަ އެވެ. މިދިޔަ ދެ ސީޒަންގައި އެ ޓީމަށް ކޯޗް ކޮށްދިން އިސްމާއީލް މަހްފޫޒު 'އިންމަ' ވަނީ އަންނަ ސީޒަންގައި ދަ ގްރޭންޑް އަމީގޯސްގެ ކޯޗު ކަމާ ހަވާލުވެ އެ ޓީމަށް ސޮއި ކޮށްފަ އެވެ.

އެ ޚަބަރުތައް ނޫން، އެހެން ވާހަކައެއް މާޒިޔާއާ ގުޅުވައި އާންމުވެފައެއް ނުވެ އެވެ. އެ ޓީމުގެ ކޯޗް ކަމަށް ގެންނާނީ ދޭސީ ނުވަތަ ބިދޭސީއެއްތޯވެސް މިހާތަނަށް އިއުލާން ކޮށްފައެއް ނުވެ އެވެ. ޓީސީއަށް ފާހަގަ ކުރެވޭ ކާމިޔާބުތަކެއް ހޯދައިދިނުމަށް ފަހު މިދިޔަ މަހު އެ ޓީމުގެ ކޯޗު ކަމުން ވަކިވި، މުހައްމަދު ނިޒާމުއާ މާޒިޔާއިން ވާހަކަ ދެއްކި ކަމަށް އަޑު ފެތުރުނު ނަމަވެސް އެކަން ކަށަވަރު ކުރެވޭ ގޮތެއް ނުވެ އެވެ.

އިއްޔަ މާޒިޔާގެ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ، "ޓްރާންސްފާގެ ޚަބަރުތައް އެބަ އަންނަ" ކަމަށެވެ. މާޒިޔާގެ އޮފިޝަލަކު ބުނީ، އަލަށް ޓީމާ ގުޅޭ ބައެއް ކުޅުންތެރިންނާއެކު މިހަފަުތާގައި ސޮއި ކުރާނެ ކަމަށެވެ.

މާޒިޔާއަކީ، މެނޭޖުމެންޓް ރަނގަޅު ފިލޯސަފީ ތަކާކާއެކު ހިންގާ، ފުރަތަމަ ޑިވިޝަންގެ ހަމައެކަނި ކުލަބެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ މައްސަލަ މާޒިޔާގައި ނުޖެހޭ ކަމަށް، އެ ޓީމުގެ ވައިސް ކެޕްޓަނަށް އަލީ އަމްދާން 'އެންޑީ' 2017 ވަނަ އަހަރު އަވަސްއަށް ދިން އިންޓަވިއުގައި ބުނެފައި ވެއެވެ. މާޒިޔާގެ މެނޭޖުމެންޓް ރަނގަޅު ފިލޯސަފީއެއް އޮންނާތީ އެ ކުލަބުގެ ޓްރާންސްފާގެ ޚަބަރުތަކާ މެދު އާންމުންގެ ޝައުގުވެރިކަން ބޮޑެވެ.

މިދިޔަ އަހަރު މާޒިޔާއިން ސޮއި ކުރުވި އެންމެ ނަން މަޝްހޫރު ކުޅުންތެރިޔަކީ، އޭގެ ކުރީގެ ތިން އަހަރު ޓީސީއަށް ކުޅުނު ހަސަން ނާއިޒު 'ދާދު' އެވެ.

ދާދުގެ ސޮއި މާޒިޔާއިން ހޯދީ، ޓްރާންސްފާގެ ބޮޑު ބަޖެޓަކާއެކު މިދިޔަ ސީޒަނަށް ކުރިމަތިލި ނިއު ރޭޑިއަންޓުންވެސް އޭނާ ގެންދިއުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.