އަންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންނާއެކު އިލެކްޝަން ކޮމިޝަން (އީސީ)އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިންތިހާބާ ބެހޭ މަރުކަޒުގައި މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި އީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެކޮމިޝަންގެ ރައީސް އަހްމަދް ޝަރީފް އެވެ. ފުލުހުންގެ ފަރާތުން ސޮއިކުރީ އެކްޓިން ކޮމިޝްނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.
ފުލުހުންނާއެކު އެއްބަސް ވުމުގައި ސޮއިކުރުމަށްފަހު އީސީގެ ރައީސް އަހްމަދް ޝަރީފް ވިދާޅުވީ، އިންތިހާބުގެ ސަލާމަތީ ކަންކަމާ، ވޯޓުލުން ކުރިއަށްދާ ވަގުތުގައި މާލެ އާއި އަތޮޅުތަކުގެ ރަށްރަށުގައި ސަލާމަތީ ކަންކަން ބަލަހައްޓާނީ ފުލުހުން ކަމަށެވެ. އަދި ވޯޓު ކަރުދާސް ޕްރިންޓް ކޮށްގެން ގެނެސް، އީސީގައި ވޯޓު ކަރުދާސް ބެހެއްޓުމަށް ހަމަޖެހިފައިވާ ކޮޓަރިއަށް ވޯޓު ކަރުދާސް ގެނެސް އަދި އެ ވޯޓު ކަރުދާސް ބެލެހެއްޓުމަކީ ވެސް ފުލުހުންގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ، އަތޮޅުތަކަށާއި ވޯޓު ފޮށި ބަހައްޓާ ބޭރު ގައުމުތަކަށް ވޯޓު ކަރުދާހާއި ވޯޓު ފޮށި ފޮނުވުމުގެ ކަންތަށް ބަލަހައްޓާނީ ފުލުހުން ކަމަށެވެ.
އިންތިހާބުގެ ލޮޖިސްޓިކަލް ކަންތައްތައް ބެލެހެއްޓުން ވެސް އެއްބަސްވުމުގައިވާ ގޮތުން ކުރަން ހަމަޖެހިފައިވަނީ ފުލުހުންނެވެ. އެގޮތުން ރާއްޖޭއިން ބޭރުގައި ބަހައްޓާ ވޯޓު ފޯށިތަކުގެ ސަލާމަތީ ކަންކަން ބަލެހެއްޓުމުގެ ކަންތައްތައް ހަމަޖައްސާނީ ފުލުހުންނެވެ. ރާއްޖެއިން ބޭރުގައި މަޖިލިސް އިންތިހާބުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ގައުމުތަކަކީ އިންޑިއާ، ސްރިލަންކާ، މެލޭޝިއާ އާއި ސިންގަޕޫރް އަދި އިގިރޭސިވިލާތެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކްޓިން ކޮމިޝްނާ އޮފް ޕޮލިސް މުހައްމަދު ހަމީދް ވިދާޅުވީ، އީސީއާއެކު ވެވުނު އެއްވަސްވުމުގައި ވާގޮތުގެ މަތިން ފުލުހުން އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓާ މަޖިލިސް އިންތިހާބު އަމާން ކަމާއެކު ކުރިއަށް ގެންދިޔުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ފުލުހުން މިހާރު ވަނީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތަށް ހިންގުމަށް ފަށާފައި ކަމަށެވެ. އަދި އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ކޮމާންޑަރުން ވެސް އިތުރަށް ތަމްރީނު ކުރަން ފަށާފައި ކަމަށެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހު ހަވަނަ ދުވަހު އެވެ. މިފަހަރު މަޖލިސް އިންތިހާބުގައި 395 ކެންޑިޑޭޓުން ވާދަކުރާ ކަމަށް އީސީގެ ރައީސް އަހްމަދް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމުގެ ސަބަބުން މި އަދަދު އިތުރުވެދާނެ ކަމަށް ލަފާ ކުރެވެ އެވެ. އެ ހުކުމުގައި ބުނެފަވަނީ ޕްރައިމަރީގައި ވާދަކޮށް ބަލިވެފައި ވިޔަސް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށެވެ.